އާސެނަލުން ޝައުގުވެރިކަން ފާޅުކުރަމުންދާ ދަނޑިވަޅެއްގައި، ބްރެޒިލްގެ ހުނަރުވެރި ފޯވާޑް ވިނީޝިއުސް ޖޫނިއަރ ކްލަބުގައި އިތުރަށް މަޑުކުރުވުމުގެ މަގުސަދުގައި ސްޕެއިންގެ ގަދަބާރު ރެއާލް މެޑްރިޑުން އޭނާއަށް މާލީގޮތުން ކުރިއަށްވުރެ ފައިދާހުރި އައު އެއްބަސްވުމެއް ހުށަހަޅައިފިއެވެ.
އުމުރުން 26އަހަރުގެ ކުޅުންތެރިޔާގެ ކޮންޓްރެކްޓްގައި ބާކީ އޮތީ އެންމެ 12މަސްދުވަސްކަމަށް ވާއިރު، ފާއިތުވި ހަފުތާތަކުގެ ތެރޭގައި އިނގިރޭސި ޕްރިމިއަރ ލީގުގެ އާސެނަލުން ވަނީ އޭނާއަށް އަމާޒުކޮށް ޝައުގުވެރިކަން ފާޅުކޮށްފައެވެ. ރެއާލް މެޑްރިޑާ އެކު އައު އެއްބަސްވުމަކަށް އައުމަށް ކުރިން ފެށި މަޝްވަރާތަކަށް މެދުކެނޑުމެއް އައިސްފައި އޮތުމަށް ފަހު، މިހާރު ހުށަހަޅާފައިވާ އައު ޑީލާ މެދު ވިނީޝިއުސް ހުރީ ވަރަށް ބޮޑަށް ހިތްހަމަޖެހިފައިކަމަށް ރިޕޯޓުތައް ބުނެއެވެ.
މިހާރު ކްލަބުގެ އިސްވެރިންނާއި ކޯޗު ޖޯސޭ މޮރީނިއޯ އިންތިޒާރުކުރަމުން އަންނަނީ ވިނީޝިއުސްގެ ފަހު ނިންމުމަކަށެވެ. އެ ފަރާތްތަކުގެ އެންމެ ބޮޑު އުއްމީދަކީ ކުޅުންތެރިޔާ އައު އެއްބަސްވުމުގައި ސޮއިކުރުމެވެ. މީގެ 18މަސްދުވަސް ކުރިން ފެށިގެން އޭނާގެ އޭޖެންޓާއި ކްލަބާ ދެމެދު އެއްބަސްވުން އައުކުރުމުގެ ވާހަކަތައް ދެކެވެމުން އަންނައިރު، އޭނާ އެންމެ ފަހުން ކޮންޓްރެކްޓް އައުކޮށްފައި ވަނީ މީގެ ތިން އަހަރު ކުރިންނެވެ. އެ އެއްބަސްވުމުގެ މުއްދަތު 2027ވަނަ އަހަރުގެ ނިޔަލަށް ހަމަވާނެއެވެ.
2026ވަނަ އަހަރުގެ ފީފާ ވޯލްޑް ކަޕްގެ ކުޅުމަށް ފަހު، ވިނީޝިއުސް ވަނީ ކްލަބުގެ ޕްރީ-ސީޒަން ފަރިތަކުރުންތަކާއި މެޑިކަލް ޓެސްޓުތަކުގައި ބައިވެރިވުމަށްޓަކައި އެނބުރި ޓީމާ ގުޅިފައެވެ. ރެއާލް މެޑްރިޑްގެ ޖާޒީގައި މިހާތަނަށް 375މެޗު ކުޅެ، 128ލަނޑު ޖަހައިދީފައިވާ ފޯވާޑްގެ އެންމެ ބޮޑު ޑިމާންޑަކީ މުސާރައިގެ ގޮތުން ކްލަބުގެ އެންމެ އިސް ކުޅުންތެރިޔާގެ ދަރަޖަ އޭނާއަށް ލިބުމެވެ. އެހެން ނަމަވެސް، ކްލަބުގެ ރައީސް ފްލޮރެންޓީނޯ ޕެރޭޒްއަކީ ކުޅުންތެރިންގެ މުސާރަ ކަނޑައެޅުމުގައި ވަރަށް ހަރުކަށި ސިޔާސަތެއް ގެންގުޅުއްވާ ބޭފުޅަކަށްވުމުން، މިއީ ގޮންޖެހުމަކަށް ވުން އެކަށީގެންވެއެވެ.
ރެއާލް މެޑްރިޑަކީ އޭނާގެ ހުވަފެނީ ކްލަބުކަމަށާއި، ދިގު މުއްދަތަކަށް އެތަނުގައި ދެމިހުރުމަކީ އޭނާގެ އެދުންކަމަށް މީގެ ކުރިން ވިނީޝިއުސް ވަނީ ފާހަގަކޮށްފައެވެ. ނަމަވެސް، މި ހުށަހެޅުން ގަބޫލުނުކޮށް އޭނާގެ ނިންމުން ބަދަލުވެއްޖެނަމަ، އޭނާގެ ސޮއި ހޯދުމަށް އެންމެ ބޮޑަށް މަސައްކަތްކުރާނެ ކްލަބަކީ އާސެނަލްކަމަށް ބެލެވެއެވެ.
ކޮމެންޓުތައް (0)
އަދި ކޮމެންޓެއް ނުލިބޭ. ފުރަތަމަ ކޮމެންޓުކޮށްލާ.