ރެއާލް މެޑްރިޑްގެ ބްރެޒިލް ފޯވާޑް ވިނީޝިއުސް ޖޫނިއާ ހޯދުމަށް އާސެނަލުން ޝައުގުވެރިވާ ކަމަށް ދެކެވޭ ވާހަކަތަކާ ގުޅޭގޮތުން ސުވާލު ކުރުމުން، އެ ކްލަބުގެ ކޯޗު މިކޭލް އާޓެޓާ ސީދާ ޖަވާބެއް ނުދީ ފިނި ރިއެކްޝަނެއް ދީފިއެވެ.
އުމުރުން 26އަހަރުގެ ވިނީޝިއުސް އާސެނަލަށް ބަދަލުވެދާނެތޯ ނޫސްވެރިއަކު އެހުމުން އާޓެޓާ ފުރަތަމަ ޖަހާލީ ހިނިގަނޑެކެވެ.
ޕްރީ ސީޒަނުގެ އެކުވެރިކަމުގެ މެޗެއްގައި ހޮނިހިރު ދުވަހު ޖިރޯނާ އަތުން 4-1އިން އާސެނަލް މޮޅުވި މެޗަށް ފަހު ވާހަކަދައްކަމުން އާޓެޓާ، ވިނީޝިއުސްގެ ނަން ސީދާ ބޭނުން ނުކޮށް ބުނީ، މި ޓްރާންސްފާ ބާޒާރުގައި ޓީމަށް ބަދަލުތަކެއް އަންނާނެ ކަމަށެވެ. އަދި ޓީމުގެ ފެންވަރު މަތިކޮށް، ކުރިއެރުން ހޯދުމަށް ކްލަބުން ވަރަށް ހަރަކާތްތެރިކޮށް މަސައްކަތް ކުރަމުންދާ ކަމަށް އޭނާ ފާހަގަކުރިއެވެ.
"އަހަރެމެން ކުރަން ބޭނުންވާ ކަމެއްގައި އަހަރެމެން މިތިބީ ވަރަށް އުއްމީދުގައި. އެހެން ޓީމުތަކެކޭ އެއްފަދައިން އަހަރެމެންގެ ފެންވަރު ވެސް ރަނގަޅު ކުރުމުގެ މަސައްކަތް އަހަރެމެން ކުރާނެ" ކުރިއަށް އޮތް ހަފުތާތަކުގައި އިތުރު ބަދަލުތަކެއް ފެންނާނެކަން ޔަގީންކޮށްދެމުން އާޓެޓާ ބުންޏެވެ.
ރެއާލް މެޑްރިޑާ އެކު ވިނީޝިއުސް ހަދާފައިވާ އެއްބަސްވުމުގައި ބާކީ އޮތީ އެންމެ އަހަރެކެވެ. ސްޕެއިންގެ މާކާ ނޫހުން ރިޕޯޓްކޮށްފައިވާ ގޮތުގައި، އޭނާގެ އެޖެންޓުން އެދެނީ ކިލިއަން އެމްބާޕޭއާ އެއްވަރުގެ މުސާރައެކެވެ. އެއީ ޓެކުހަށް ކެނޑުމަށް ފަހު އަހަރަކު 30މިލިއަން ޔޫރޯއެވެ. ނަމަވެސް، އެވަރުގެ ބޮޑު މުސާރައެއް ދޭން ރެއާލް ތައްޔާރެއް ނޫނެވެ. އަންނަ އަހަރުގެ ޖޫން މަހު އޭނާގެ ކޮންޓްރެކްޓް ހަމަވާއިރު، އެއްބަސްވުން އާނުކޮށްފި ނަމަ ހިލޭ ޓްރާންސްފާއެއްގައި ދޫކޮށްލުމުގެ ބަދަލުގައި، މި ޓްރާންސްފާ ބާޒާރުގައި ރަނގަޅު އަގަކަށް އޭނާ ވިއްކާލަން ރެއާލްގެ ވެރިން ތިބީ ތައްޔާރަށެވެ.
ވިނީޝިއުސް ހޯދަން އާސެނަލުން ޝައުގުވެރިވާ ކަމަށް މިދިޔަ ހަފުތާގައި އަޑުތައް ފެތުރުނު ނަމަވެސް، އީއެސްޕީއެންއިން ބުނާ ގޮތުގައި އެ ކްލަބުން އަދި ރަސްމީ ހުށަހެޅުމެއް ހުށަހަޅާފައެއް ނުވެއެވެ. މީގެ އިތުރުން، އާސެނަލުން ދަނީ ނިއުކާސަލް ޔުނައިޓެޑްގެ ބްރެޒިލް މިޑްފީލްޑަރު ބްރުނޯ ގިމަރޭޝް ހޯދުމަށް ވެސް މަސައްކަތް ކުރަމުންނެވެ. މިހާތަނަށް އާސެނަލުން މި ޓްރާންސްފާގައި ސޮއިކުރުވި ހަމައެކަނި ފާހަގަކޮށްލެވޭ ކުޅުންތެރިއަކީ ކްލަބް ބްރްގާއިން ގެންދިޔަ ގްރީކް ފޯވާޑް ކްރިސްޓޯސް ޒޯލިސްއެވެ.
ކޮމެންޓުތައް (0)
އަދި ކޮމެންޓެއް ނުލިބޭ. ފުރަތަމަ ކޮމެންޓުކޮށްލާ.