މާފަންނު ސްޓޭޑިއަމް ސަރަހައްދުގައި ހުންނަ އިމާރާތެއް ހުސްކުރުމަށް އެންގި އެންގުމާ ގުޅިގެން ފުޓްބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް)އާ ދެކޮޅަށް ސިވިލް ކޯޓަށް ހުށަހަޅާފައިވާ މައްސަލަ، ކޯޓުން ބޭރުގައި މަޝްވަރާކޮށްގެން ހައްލުކުރުމަށްފަހު ފިއުޗާ ހޯމްސް ކުންފުނިން ދައުވާ އަނބުރާ ގެންދިއުމާ ގުޅިގެން، އެފްއޭއެމުން ބުދަ ދުވަހު އެކަމަށް މަރުހަބާ ކިޔައިފިއެވެ.
ފިއުޗާ ހޯމްސްއަކީ ދިވެހި ގައުމީ ފުޓްބޯޅަ ޓީމުގެ ކުރީގެ ތަރި އިބްރާހީމް ފަޒީލް (އޮއްޕޮ)ގެ ހިއްސާ އޮންނަ ކުންފުންޏެކެވެ. ދައުވާ އަނބުރާ ގެންދިއުމުން އެކަން ފާހަގަކޮށް އެފްއޭއެމުން އާންމުކުރި ބަޔާނުގައި، މި މައްސަލަ ސުލްހަވެރިކަމާ އެކު ނިންމާލުމަށް އޮއްޕޮގެ ފަރާތުން ލިބުނު ފުރިހަމަ އެއްބާރުލުމަށް ވަނީ ހާއްސަ ޝުކުރެއް އަދާކޮށްފައެވެ.
އެ އިމާރާތް ހުސްކުރަން އެފްއޭއެމުން އެންގުމުން އެކަން ހުއްޓުވުމަށް އެދި ފިއުޗާ ހޯމްސްއިން ކޯޓަށް މައްސަލަ ވެއްދުމާއެކު، ޝަރީއަތުގެ ފުރަތަމަ އަޑުއެހުމުގައި ވަނީ ދެ ފަރާތް ވާހަކަދައްކައިގެން މައްސަލައަށް ހައްލެއް ހޯދުމަށް ހަތް ދުވަހުގެ ފުރުސަތެއް ދީފައެވެ. މި މުއްދަތުގެ ބޭނުން ހިފައި އެފްއޭއެމްއިން ވަނީ އެ ކުންފުންޏާ އެކު އެއްބަސްވުމަކަށް އައިސް، ކޯޓުގެ މަރުހަލާއިން ބޭރުން މައްސަލައަށް ނިމުމެއް ގެނެސްފައެވެ.
ޝަރީއަތުގެ މަޖިލީހުގައި ފިއުޗާ ހޯމްސްއިން ކުރިން ބުނެފައި ވަނީ، އެފްއޭއެމްގެ އެންގުމަށް ތަބާވެ ތަން ހުސްކޮށްފި ނަމަ އެ ކުންފުންޏަށް ފޫނުބެއްދޭ ވަރުގެ ބޮޑު މާލީ ގެއްލުމަކާ ކުރިމަތިލާންޖެހޭނެ ކަމަށެވެ. އަދި އެފްއޭއެމް މިހާރު އޮތް ދޯދިޔާ މާލީ ހާލަތުގެ ސަބަބުން، އެ ގެއްލުމުގެ ބަދަލު ފައިސާއިން އެ އިދާރާއަށް ދެވޭނެކަމާ މެދު ވެސް އެ ކުންފުނިން އޮތީ ސުވާލު އުފައްދާފައެވެ.
މި މައްސަލައިގެ އަސްލަކަށްވީ، މާފަންނު ޓާފް ދަނޑުގެ ދެކުނު ފަރާތް ސާފުކޮށް އެތަނުގައި ޗޭންޖިން ރޫމެއް އިމާރާތްކޮށްދިނުމުގެ ބަދަލެއްގެ ގޮތުން، 2700އަކަފޫޓުގެ ބިމެއް ފިއުޗާ ހޯމްސްއަށް ދިނުމަށް އެފްއޭއެމުން ވެފައިވާ އެއްބަސްވުމެކެވެ. ކުއްޔަކާ ނުލައި 25އަހަރުގެ ދިގު މުއްދަތަކަށް އެ ބިން ކުންފުންޏާ ހަވާލުކުރީ ކުރިން ދެންނެވުނު މަސައްކަތްތަކުގެ އަގުގެ ގޮތުގައެވެ.
ކޮމެންޓުތައް (0)
އަދި ކޮމެންޓެއް ނުލިބޭ. ފުރަތަމަ ކޮމެންޓުކޮށްލާ.