18އަހަރުގެ ދިގު މެދުކެނޑުމަކަށް ނިމުން ގެނައުމަށް ފަހު، ރާއްޖޭގެ ފުޓުބޯޅަ ސީޒަން ހުޅުވުމުގެ ގޮތުން ފުޓްބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް)އިން އިންތިޒާމުކުރާ ކަޕް ވިނާސް ކަޕް މާދަމާ ފެށުމަށް ނިންމައިފިއެވެ.
މިފަހަރުގެ މުބާރާތުގައި ވާދަކުރާނީ ނިމިދިޔަ ދިވެހި ޕްރިމިއާ ލީގުގެ ގަދަ ހަތަރު ޓީމެވެ. އެއީ ލީގުގެ ޗެމްޕިއަންކަމާއި ޗެރިޓީ ޝީލްޑް އުފުލާލި މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަނާއި، އެފްއޭ ކަޕްގެ ތާޖު ހާސިލުކުރި އަދި ލީގުގެ ތިންވަނަ ޓީމު ކަމަށްވާ ނިއުރޭޑިއަންޓް ސްޕޯޓްސް ކުލަބުގެ އިތުރުން، ޕްރެޒިޑެންޓްސް ކަޕް ކާމިޔާބުކުރި ލީގުގެ ދެވަނަ ޓީމު އޮޑި ސްޕޯޓްސް ކުލަބާއި ލީގުގެ ހަތަރުވަނައިގައި އޮތް ބުރު ސްޕޯޓްސް ކުލަބެވެ.
މުބާރާތުގެ ފުރަތަމަ މެޗު މާދަމާ ހަވީރު ކުޅޭއިރު، އެ މެޗުގައި ނިއުރޭޑިއަންޓުން ނުކުންނާނީ ބުރު ސްޕޯޓްސް ކުލަބާ ދެކޮޅަށެވެ. އަދި މާދަމާ ރޭ ކުޅޭ މެޗުގައި މާޒިޔާއާއި އޮޑި ސްޕޯޓްސް ކުލަބު ކުރިމަތިލާނެއެވެ. މީގެ އިތުރުން، އަންނަ ބުރާސްފަތި ދުވަހު ވެސް ދެ މެޗެއް ކުޅުމަށް ތާވަލުކޮށްފައިވާއިރު، ހަވީރު މާޒިޔާއާއި ބުރު ބައްދަލުކުރާނެއެވެ. އަދި އެރޭ އޮންނާނީ ނިއުރޭޑިއަންޓާއި އޮޑި ވާދަކުރާ މެޗެވެ.
މި މެޗުތަކަށް ފަހު މުބާރާތް ކުޑަ ދުވަސްކޮޅަކަށް މެދުކަނޑާލާނެއެވެ. އެއީ އޭއެފްސީ ޗެލެންޖު ލީގުގެ ކޮލިފައިންގައި އޮގަސްޓް 11ވަނަ ދުވަހު ތަޖިކިސްތާނުގެ އެފްސީ ރެގާރުއާ ދެކޮޅަށް ގަލޮޅު ދަނޑުގައި މާޒިޔާއިން ކުޅެން ހަމަޖެހިފައިވާ މެޗަށް ވަގުތު ދިނުމުގެ ގޮތުންނެވެ. އެއަށް ފަހު ލީގު ބުރުގެ ފަހު މެޗުތައް އޮގަސްޓް 15ވަނަ ދުވަހު ކުރިއަށްދާނެއެވެ. އެދުވަހު ހަވީރު އޮޑިއާއި ބުރު ބައްދަލުކުރާއިރު، ރޭގަނޑު ކުޅޭނީ މާޒިޔާއާއި ނިއުރޭޑިއަންޓެވެ.
ރައުންޑް ރޮބިން އުސޫލުން ކޮންމެ ޓީމެއް ކޮންމެ ޓީމަކާ ވާދަކުރުމަށް ފަހު، އެންމެ ގިނަ ޕޮއިންޓް ހޯދާ ދެ ޓީމެއް އޮގަސްޓް 18ވަނަ ދުވަހުގެ ރޭ ކުޅޭ ފައިނަލަށް ދަތުރުކުރާނެއެވެ. މީގެ 31އަހަރު ކުރިން 1995ވަނަ އަހަރު ތައާރަފުކުރެވުނު މި މުބާރާތް ވަނީ ޖުމްލަ 11ފަހަރު ބާއްވާފައެވެ. އެންމެ ފަހުން 2008ވަނަ އަހަރު މި މުބާރާތް ބޭއްވިއިރު، އެފަހަރުގެ ތަށި އުފުލާލީ ނިއުރޭޑިއަންޓުންނެވެ.
ކޮމެންޓުތައް (0)
އަދި ކޮމެންޓެއް ނުލިބޭ. ފުރަތަމަ ކޮމެންޓުކޮށްލާ.