މާފަންނު ސްޓޭޑިއަމްގައި ގަވާއިދާ ޚިލާފަށް ހަދާފައިވާ ކަމަށް ބުނާ ގުދަނެއް ހުސްކުރަން އެންގުމުން، ފުޓްބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް)އާ ދެކޮޅަށް ގައުމީ ޓީމުގެ ކުރީގެ ކުޅުންތެރިޔާ އިބްރާހީމް ފަޒީލް (އޮއްޕޮ)ގެ ކުންފުނިން ސިވިލް ކޯޓަށް ހުށަހެޅި މައްސަލަ، ދެފަރާތުން ވާހަކަދައްކައިގެން މިއަދު އަނބުރާ ނަގައިފިއެވެ.
"ފިއުޗަރ ހޯމްސް ޕްރައިވެޓް ލިމިޓެޑް"ގެ ނަމުގައި އޮއްޕޮ ހިންގާ ކުންފުނިން ކޯޓަށް މައްސަލަ ވެއްދީ، އެ ބިން ހުސްކުރުން ހުއްޓުވުމުގެ ވަގުތީ އަމުރަކަށާއި ލިބުނު ގެއްލުމުގެ ބަދަލު ހޯދުމުގެ ހައްގު ކަށަވަރުކުރުމަށެވެ. މި ދައުވާ ކޮށްފައިވަނީ، އެތައް ފަހަރެއްގެ މަތިން ބިން ހުސްކުރަން އެފްއޭއެމްއިން އެންގުމަށް ފަހު، އެންމެ ފަހުން އެ ކުންފުންޏާ މެދު ގާނޫނީ ފިޔަވަޅު އެޅުމަށް އެފްއޭއެމްގެ އެކްޒެކެޓިވް ކޮމިޓީން ފާސްކުރުމާ ގުޅިގެންނެވެ.
އެފްއޭއެމްއިން ތުހުމަތުކުރާ ގޮތުގައި، 2017ވަނަ އަހަރު ފީފާގެ ފޯވާޑް ޕްރޮޖެކްޓްތައް ހިންގުމަށް ސަރުކާރުން 50އަހަރަށް ދީފައިވާ ބިމުގައި އޮއްޕޮގެ ކުންފުނިން ވަނީ ހުއްދައަކާ ނުލައި 2،700އަކަފޫޓުގެ ދެބުރި ގުދަނެއް ޑެކު އަޅައިގެން ހަދާފައެވެ. އަދި މި އިމާރާތަކީ މާލެ ސިޓީ ކައުންސިލާއި އިމާރާތްކުރުމާ ބެހޭ ވުޒާރާގެ އެއްވެސް ކުރެހުމެއް ނުވަތަ ހުއްދައެއް ނެތި ކޮށްފައިވާ މަސައްކަތެއް ކަމަށް އެ އިދާރާތަކުން އަންގާފައިވާ ކަމަށް ވެސް އެފްއޭއެމްއިން ހާމަކޮށްފައިވެއެވެ.
މި ބޮޑު ގުދަން އެއްވެސް ކުއްޔަކާ ނުލައި 25އަހަރަށް އޮއްޕޮގެ ކުންފުންޏަށް ދީފައި ވަނީ، އެ ސަރަހައްދުގައި ހުރި ކުނިތައް ސާފުކުރުމަށް ދިޔަ 1.8މިލިއަން ރުފިޔާގެ ބަދަލެއްގެ ގޮތުގައި ކަމަށް ބުނެވުނު ނަމަވެސް، އެފަދަ އެއްވެސް މުއާމަލާތެއްގެ ރަސްމީ އެއްބަސްވުމެއް އެފްއޭއެމްގައި ނެތް ކަމަށް އެ އެސޯސިއޭޝަނުން ވަނީ ބުނެފައެވެ.
ކޮމެންޓުތައް (0)
އަދި ކޮމެންޓެއް ނުލިބޭ. ފުރަތަމަ ކޮމެންޓުކޮށްލާ.