ހޯދާ
ހޮނިހިރު • 17 އޮކްޓޯބަރު 2026
🔖

ފީފާގެ އާ ޕްލޭން ފެއިލްވުމުން ޓްރަމްޕްގެ އެހީ ހޯދަނީ

ޝެއާ ކުރޭ Facebook Telegram Viber X

ދުނިޔޭގެ ފުޓްބޯޅައާ ބެހޭ މައި އިދާރާ، ފީފާގެ ވިޔަފާރީގެ ހައްގުތަކެއް ވިއްކާލުމަށް އުޅެ އެކަން ކާމިޔާބުނުވުމާ ގުޅިގެންނާއި އަމާޒުވަމުންދާ ފާޑުކިޔުންތަކުން ސަލާމަތްވެވަޑައިގަތުމަށް ޓަކައި، ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯ އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ސަރުކާރުގެ މަދަދަށް އެދިވަޑައިގެންފި ކަމަށް މީޑިއާތަކުން ރިޕޯޓުކޮށްފިއެވެ.

ނިއު ޔޯކް ޕޯސްޓުން ހާމަކޮށްފައިވާ ގޮތުގައި، ވޯލްޑް ކަޕްގެ ހިއްސާ އެކުލެވޭ ބޮޑު މަޝްރޫއު ހުއްޓާލަން ޖެހުމާ އެކު، އިންފަންޓީނޯ ވަނީ ޓްރަމްޕާ ފޯނުން މުއާމަލާތްކުރެއްވުމަށް މިދިޔަ ހުކުރު ދުވަހު ވަރަށް ބޮޑަށް މަސައްކަތްޕުޅު ކުރައްވާފައެވެ. އެހެން ނަމަވެސް އެކަން ކާމިޔާބުވާ ގޮތް ނުވުމުން އޭނާއަށް ވަނީ މީޑިއާގެ ޕްރެޝަރާ އެކު ވަރަށް ބޮޑު އެކަހެރިކަމެއް އިހުސާސްކުރައްވަން ޖެހިވަޑައިގެންފައެވެ. މީގެ އިތުރުން، އެމެރިކާގެ ހާރިޖީ ވަޒީރު މާކޯ ރޫބިއޯއާ ފޯނުން ގުޅުއްވައި އަދި ހާއްސަ ބައްދަލުވުމެއް ބޭއްވެވުމަށް ވެސް ފީފާގެ އިސްވެރިޔާ ތާވަލުކުރައްވާފައިވާކަން އިތުބާރު ހުރި ފަރާތްތަކުން ވަނީ ކަށަވަރުކޮށްދީފައެވެ.

އިންފަންޓީނޯއަށް މައްސަލަތައް ކުރިމަތިވީ، ވޯލްޑް ކަޕް ފަދަ ބޮޑެތި މުބާރާތްތައް ހިންގުމަށް އަމިއްލަ ފަރާތްތަކެއްގެ ބައިވެރިވުން އޮންނަ ގޮތަށް އައު ކުންފުންޏެއް އުފައްދައި، އޭގެ 20އިންސައްތަ ހިއްސާ 4.2ބިލިއަން އެމެރިކާ ޑޮލަރަށް ވިއްކާލަން އުޅުމުންނެވެ. މި ބިޔަ ޕްލޭން ފީފާއިން ކެންސަލްކުރީ ފުޓްބޯޅައިގެ ގިނަ ޖަމިއްޔާތަކަކުން އެކަމާ ދެކޮޅުހަދައި ނުރުހުން ފާޅުކުރުމާ ގުޅިގެންނެވެ.

މި ވިޔަފާރީގެ މުއާމަލާތް ފެއިލްވުމުން، އުމުރުފުޅުން 56އަހަރުގެ ސްވިޒަލެންޑް ރައްޔިތެއް ކަމަށްވާ އިންފަންޓީނޯގެ ސިޔާސީ މުސްތަގުބަލަށް ވަނީ ހިޔަނިއެޅިފައެވެ. ކުރިއަށް އޮތް 2027އިން 2031ގެ ނިޔަލަށް ފީފާގެ ރައީސްކަމުގެ އިތުރު ދައުރަކަށް ވަޑައިގަތުމަށް އޭނާ ކުރައްވާ މަސައްކަތްޕުޅަށް ވެސް ބޮޑެތި ހުރަސްތަކެއް ކުރިމަތިވެފައިވާއިރު، އިނގިރޭސިވިލާތާއި ވޭލްސްގެ ފުޓްބޯޅަ އެސޯސިއޭޝަނުން ވަނީ އިންފަންޓީނޯއަށް ދެމުން އައި ތާއީދު އަނބުރާ ގެންދަން ނިންމާފައެވެ. 

ކަމުދިޔަތަ؟

ކޮމެންޓުތައް (0)

އަދި ކޮމެންޓެއް ނުލިބޭ. ފުރަތަމަ ކޮމެންޓުކޮށްލާ.

ކޮމެންޓު