ފީފާގެ މުބާރާތްތަކާއި ވިޔަފާރީގެ ހިއްސާ އަމިއްލަ ފަރާތްތަކަށް ވިއްކާލުމަށް ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯ ހުށަހެޅުއްވި މައްސަލައިގައި އިނގިރޭސި ފުޓްބޯޅަ އެސޯސިއޭޝަން (އެފްއޭ)އިން އޭނާއަށް ކުރަމުންދިޔަ ތާއީދު ރަސްމީކޮށް އަނބުރާ ގެންދިޔުމަށް ނިންމައިފިއެވެ.
އިންފަންޓީނޯ އިއުލާނުކުރެއްވި "ފީފާ ފޯވާޑް އެންޓަޕްރައިޒް"ގެ ހިއްސާ އާންމު ވިޔަފާރިވެރިންނަށް ދޫކޮށްލުމުގެ ވިސްނުމާ ދެކޮޅަށް އެންމެ ފުރަތަމަ ތެދުވީ ޔޫރަޕުގެ ފުޓްބޯޅަ އިދާރާ (ޔޫއެފާ)އިންނެވެ. މައްސަލަ އިތުރަށް ގޯސްވެގެން ދިޔައީ، ކުރިއަށް އޮތް ސެޕްޓެމްބަރު މަހުގެ 19ވަނަ ދުވަހުގެ ކުރިން މި މަޝްރޫޢަށް ތާއީދުކުރާ ކޮންމެ މެމްބަރު ގައުމަކަށް 40މިލިއަން ޑޮލަރު ދޭނެކަން އަންގައި، ފީފާގެ 211މެމްބަރުންނަށް އިންފަންޓީނޯ ސޮއިކުރައްވައި ސިޓީއެއް ފޮނުއްވުމާ ގުޅިގެންނެވެ. މިއާއެކު ޔޫއެފާއިން ކުއްލި ބައްދަލުވުމެއް ބާއްވައި، ފީފާގެ މުބާރާތްތައް ބޮއިކޮޓްކުރާނެ ކަމުގެ އިންޒާރު ވަނީ ދީފައެވެ.
ފީފާގެ އިސްވެރިޔާގެ މި ނިންމެވުމުގެ އަޑީގައި ފޮރުވިފައިވާ ކަންތައްތަކެއް ވާކަމަށް ބުނެ ދުނިޔޭގެ ބޮޑެތި ފުޓްބޯޅަ ގައުމުތަކުން އަންނަނީ ނުރުހުން ފާޅުކުރަމުންނެވެ. މިގޮތުން، އިނގިރޭސި އެފްއޭއިން ވެސް މިހާރު ވަނީ އިންފަންޓީނޯއަށް އެ އިދާރާއިން ކުރިން ދީފައިވާ ތާއީދު ނެތްކަން ލިޔުމުން އެންގުމަށް ތައްޔާރުވެފައެވެ. ޔޫއެފާގެ ނިންމުމަށް އޭޝިއާގެ ފުޓްބޯޅަ އިދާރާ (އޭއެފްސީ)އާއި އުތުރު އެމެރިކާގެ ފުޓްބޯޅަ އިދާރާ (ކޮންކާކަފް)އިން ވެސް ވަނީ ފުރިހަމައަށް ތާއީދުކޮށްފައެވެ.
ފީފާގައި ޖުމްލަ 211މެމްބަރު ގައުމު ހިމެނޭއިރު، ޔޫއެފާގެ 55 ވޯޓާއި، އޭޝިއާގެ 46ވޯޓު އަދި ކޮންކާކަފްގެ 35ވޯޓާއެކު އިންފަންޓީނޯއަށް އޮތް އިތުބާރު މިވަނީ ވަރަށް ބޮޑަށް ކުޑަވެފައެވެ. އިންފަންޓީނޯގެ މަގުބޫލުކަން ދަށަށް ގޮސް ފާޑުކިޔުންތައް އަމާޒުވެފައިވާ މި ދަނޑިވަޅުގެ ބޭނުން ހިފައި، ކޮންކާކަފްގެ ރައީސް ވިކްޓަރ މޮންޓަގްލިއާނީ ވަނީ ކުރިއަށް އޮތް ފީފާގެ ރިޔާސީ އިންތިޚާބުގައި ވާދަކުރައްވާނެކަން ރަސްމީކޮށް އިއުލާންކުރައްވާފައެވެ.
ކޮމެންޓުތައް (0)
އަދި ކޮމެންޓެއް ނުލިބޭ. ފުރަތަމަ ކޮމެންޓުކޮށްލާ.