ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް)އާއި ކްލަބް މޯލްޑިވްސް ގުޅިގެން މި މަހުގެ ތެރޭގައި ފަށާ "އެފްއޭއެމް އެޓޯލް ފުޓްސަލް ޗެމްޕިއަންޝިޕް"ވެގެންދާނީ، ރާއްޖޭގައި މި ކުޅިވަރު އޭގެ އެންމެ އުސް ހަރުފަތަށް ގެންދިއުމަށް އެޅޭ ވަރަށް މުހިންމު ބިންގަލަކަށް ކަމުގައި އެ އެސޯސިއޭޝަނުން ހާމަކޮށްފިއެވެ.
އެފްއޭއެމްގެ ޖެނެރަލް ސެކްރެޓަރީ އަހުމަދު ޒަރީރު ފާހަގަކުރެއްވި ގޮތުގައި، ދިވެހިންގެ މެދުގައި ފުޓްސަލްއަށް އޮންނަ ބޮޑު މަގުބޫލުކަމާއެކުވެސް، މައި އިދާރާގެ ހައިސިއްޔަތުން އެފްއޭއެމްއަށް މީގެ ކުރިން އޮތީ އެކަށީގެންވާ ސަމާލުކަމެއް ނުދެވިފައެވެ. ނަމަވެސް އެ އިދާރާގެ ރައީސް ޓޮމްގެ އިސްނެންގެވުމުގެ މަތިން، އަލަށް އިންތިޚާބުވި ހިންގާ ކޮމިޓީން ވަނީ ފުޓްސަލްގެ މިސްރާބު ބަދަލުކުރުމަށް ޚާއްސަ އިސްކަމެއް ދީފައެވެ.
މާޒީގައި އެފްއޭއެމްއިން އަދާކުރަންޖެހޭ ޒިންމާ ފުރިހަމައަށް އަދާނުކުރެވުނު ކަމަށް އެއްބަސްވެވަޑައިގަންނަވަމުން ޒަރީރު ވިދާޅުވީ، އަލަށް ތައާރަފުކުރެވޭ އެޓޯލް ޗެމްޕިއަންޝިޕަކީ ފުޓްސަލްގެ މަންޒަރު ބަދަލުކޮށްލުމަށް އެޅޭ ފުރަތަމަ ފިޔަވަޅު ކަމަށެވެ. އަދި މިހާތަނަށް ރާއްޖޭގައި ފުޓްސަލްގެ ފޯރި ނުކެނޑި އޮތީ، އަމިއްލަ އެކިއެކި ފަރާތްތަކުން މި ކުޅިވަރަށް އޮތް ފުން ލޯތްބެއްގެ ސަބަބުން ކުރި ބުރަ މަސައްކަތުންކަން އޭނާ ވަނީ ޝުކުރުވެރިކަމާއެކު ފާހަގަކުރައްވާފައެވެ.
ފުޓްބޯޅައިގެ އާންމު ހާލަތު ރަނގަޅުކުރުމަށް އާ މެނޭޖްމަންޓުން ގިނަގުނަ މަސައްކަތްތަކެއް ފަށާފައިވާއިރު، ފުޓްސަލްއަށް ވެސް މީގެ ފައިދާ ކުރާނެކަމުގެ ޔަގީންކަން އެފްއޭއެމްއިން ވަނީ ދީފައެވެ. އެގޮތުން މި މުބާރާތަކީ ފުޓްސަލްގެ ހިންގުން ހަރުދަނާކޮށް، ކުޅިވަރުގެ މުސްތަގުބަލު މުޅިން އައު އުސްމިނަކަށް ގެންދިއުމަށް ހުޅުވިގެންދާ މުހިންމު ދޮރެއްކަމަށް އެ އިދާރާއިން ދެކެއެވެ.
ކޮމެންޓުތައް (0)
އަދި ކޮމެންޓެއް ނުލިބޭ. ފުރަތަމަ ކޮމެންޓުކޮށްލާ.