ދުނިޔޭގެ ފުޓުބޯޅައިގެ މައި އިދާރާ، ފީފާގެ މުބާރާތްތައް ހިންގުމަށް ވިޔަފާރި ކުންފުންޏެއް އުފައްދައި އޭގެ 20އިންސައްތަ އަމިއްލަ އިންވެސްޓަރުންނަށް ވިއްކާލަން ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯ ގެންގުޅުއްވި ޚިޔާލަށް ޔޫރަޕުގެ ފެޑެރޭޝަނުންނާއި ފުޓުބޯޅަ އާއިލާއިން ވަރުގަދައަށް ދެކޮޅު ހެދުމާ އެކު، އެ މަޝްރޫއު އެއްކޮށް ބާތިލުކުރަން އޭނާއަށް މަޖުބޫރުވެއްޖެއެވެ.
މި ހުށަހެޅުން ފީފާއިން އަނބުރާ ނުގެންދަނީސް އެ އިދާރާގެ އެއްވެސް ހަރަކާތެއްގައި ބައިވެރިނުވާނެކަމުގެ އިންޒާރު، ދުނިޔޭގެ އެންމެ ނުފޫޒުގަދަ އަދި މުއްސަނދި ފުޓުބޯޅަ ފެޑެރޭޝަން ކަމަށްވާ ޔޫއެފާއިން ދިނުމާ އެކު ފުޓުބޯޅައިގެ ތެރޭގައި ބޮޑެތި ހަމަނުޖެހުންތަކެއް އުފެދުނެވެ. ނަމަވެސް، އެ މަޝްރޫއު މިހާރު އެއްކޮށް ދޫކޮށްލާފައިވާކަން އިންފަންޓީނޯއާ ހަވާލާދީ ފީފާއިން ހާމަކުރުމުން، ފާއިތުވި ތިން ދުވަހު އުފެދުނު މައްސަލަތަކަށް މިވަނީ ނިމުމެއް އައިސްފައެވެ.
މީޑިއާތަކަށް މި ސިއްރު މައުލޫމާތު ތިލަވުމާ ހަމައަށް، ފުޓުބޯޅައިގެ އިސް ފަރާތްތަކަށް ވެސް މިކަމުގެ އެއްވެސް ހިލަމެއް ވެފައެއް ނުވެއެވެ. އެހެންކަމުން، އާންމުކޮށް އިންފަންޓީނޯގެ ފަހަތުގައި ތިބޭ ފެޑެރޭޝަންތަކުން ވެސް ވަނީ މަޝްވަރާކުރުމެއް ނެތި އޭނާ އެޅުއްވި ފިޔަވަޅާމެދު ވަރަށް ބޮޑަށް ހިތްހަމަނުޖެހުން ފާޅުކޮށްފައެވެ. އަދި މިއީ ފުޓުބޯޅައިގެ އަސްލު ރޫހު ނަގާލައި، އެ ކުޅިވަރު ވިޔަފާރިއެއްގެ ގޮތުގައި ވިއްކާލަން އޭނާ ރޭވި ރޭވުމެއް ކަމުގެ ތުހުމަތު ވެސް ވަނީ ކުރެވިފައެވެ.
މީގެ އިތުރުން، އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕުގެ އާއިލާއާ ގާތް ގުޅުމެއް އޮންނަ ޖޯޝުއާ ކުޝްނާގެ "ތުރައިވް ކެޕިޓަލް"އާ ގުޅިގެން މި މަޝްރޫއު ކުރިއަށްގެންދަން އިންފަންޓީނޯ މަސައްކަތް ކުރެއްވުމަކީ ވެސް މައްސަލަ ހޫނުވި ސަބަބެކެވެ. ރޮއިޓާސްއަށް މައުލޫމާތު ދެމުން ކުޅިވަރު މާކެޓިންގެ ތަޖުރިބާކާރު ބޮބް ޑޯފްމަން ފާހަގަކުރި ގޮތުގައި، ވޯލްޑް ކަޕްގެ ތެރެއިން ޓްރަމްޕާ ގުޅޭގޮތުން ހިނގި ކަންތައްތަކަށް ބަލާއިރު، އޭނާގެ އާއިލާއާ ގުޅުންހުރި ފަރާތެއް މިކަމުގެ ތެރެއަށް ވަނުމަކީ މަސްރަހު މާ ބޮޑަށް ގޯސްވެގެންދިޔަ ކަމެކެވެ.
ދެ ހަފުތާ ކުރިން އިންފަންޓީނޯ ހުންނެވީ ފީފާގެ ރައީސްކަމުގައި ވަރަށް ވަރުގަދަ އަދި ޔަގީންކަން ބޮޑު މަގާމެއްގައެވެ. އަންނަ މާޗު މަހު މޮރޮކޯގައި އޮންނަ ފީފާ ކޮންގްރެސްގައި، ފީފާގެ 211މެމްބަރުންގެ ތެރެއިން 200ގައުމެއްގެ ތާއީދާއެކު އެއްވެސް ވާދަވެރިއަކާ ނުލައި ހަތަރުވަނަ ދައުރަކަށް އޭނާ އިންތިޚާބުވާނެ ކަމަށް އޮތީ ބެލެވިފައެވެ. އެހެންނަމަވެސް، މި ހާދިސާއާ ގުޅިގެން ކަންތައްތައް ފުރޮޅިގެންދިޔަ ގޮތުން އޭނާއަށް އޮތް ތާއީދު ކުޑަވެ، އަމިއްލަ ސިޔާސީ މުސްތަގުބަލު ސަލާމަތްކުރަން މިއަދު މިވަނީ ޖެހިފައެވެ. އަދި ކުރިއަށް އޮތް ފީފާ އިންތިޚާބުގައި އިންފަންޓީނޯއާ ދެކޮޅަށް އެހެން ކެންޑިޑޭޓުން ނުކުންނާނެކަން މިހާރު ވަނީ ގާތްގަނޑަކަށް ކަށަވަރުވެފައެވެ.
ކޮމެންޓުތައް (0)
އަދި ކޮމެންޓެއް ނުލިބޭ. ފުރަތަމަ ކޮމެންޓުކޮށްލާ.