ނިއުކާސަލް ޔުނައިޓެޑަށް ފަހުގެ ތާރީޚެއްގައި ބޮޑެތި ކާމިޔާބީތަކެއް ހޯދައިދިނުމަށް ފަހު، އެ ކުލަބުގެ ކޯޗުކަމުގެ މަގާމުން ވަކިވުމަށް މިއީ އެންމެ އެކަށީގެންވާ ވަގުތު ކަމަށް ނިންމައި އެޑީ ހޯވް އިސްތިއުފާދީފިއެވެ.
އުމުރުން 48އަހަރުގެ ހޯވް އާންމުކުރި ބަޔާނެއްގައި ބުނެފައި ވަނީ، ވޭތުވެދިޔަ ފަސް އަހަރު ދުވަހު އޭނާގެ މުޅި ހަޔާތް ކުލަބަށް ހުސްކޮށްދިނުމަށްފަހު، މި ވަގުތަކީ އަރާމުކޮށްލުމަށް ދުރަށްޖެހިލަންވީ ވަގުތުކަމަށް އަމިއްލަ ނަފުސާއި ކުލަބުގެ މަސްލަހަތަށް ޓަކައި ވެސް ގަބޫލުކުރެވޭ ކަމަށެވެ. މިއީ ނިންމަން އުނދަގޫ ނިންމުމެއް ނަމަވެސް، ނިއުކާސަލްއަށް އިރުޝާދުދިނުމަކީ އޭނާގެ ކެރިއަރުގައި ލިބުނު އެންމެ ބޮޑު ފަޚުރުކަމަށް އޭނާ ސިފަކުރިއެވެ. އަދި އޭނާ އަބަދުވެސް އަމިއްލަ ފައިދާއަށް ވުރެ ކުލަބުގެ ކުރިއެރުމަށް އިސްކަންދީފައިވާނެކަން ފާހަގަކުރިއެވެ.
ހޯވްގެ އިރުޝާދުގެ ދަށުން ނިއުކާސަލް އިން ވަނީ 2023އަދި 2025ގެ ޗެމްޕިއަންސް ލީގުން ޖާގަ ހޯދުމުގެ އިތުރުން، 2025ވަނަ އަހަރުގެ ލީގު ކަޕް ކާމިޔާބުކޮށް 70އަހަރަށް ފަހު ފުރަތަމަ ފަހަރަށް ބޮޑު ތަށްޓެއް އުފުލާލާފައެވެ. އެހެން ނަމަވެސް، އޭނާ މަގާމުން ދުރަށް މިދިޔައީ ނިމިދިޔަ ޕްރިމިއަރ ލީގުގެ ސީޒަނުގައި 17މެޗުން ބަލިވެ، ތާވަލުގެ 12ވަނައިގައި ޓީމު އޮވެ ދަށް ނަތީޖާތަކަކާ އެކު ސީޒަން ނިންމާލަން ޖެހުމުންނެވެ. އޭނާގެ ބެލުމުގެ ދަށުން އެންމެ ފަހުން ކުޅުނު އެކުވެރިކަމުގެ މެޗުގައި ބްރިސްޓަލް ސިޓީ އަތުން މިދިޔަ ބުދަ ދުވަހު ވަނީ 4-1އިން ބަލިވެފައެވެ.
ހޯވްގެ އިސްތިއުފާ ގަބޫލުކޮށް ކުލަބުން ވަނީ އޭނާގެ އަގުހުރި މަސައްކަތްތަކަށް ޝުކުރުއަދާކޮށްފައެވެ. ރިޕޯޓުތައް ބުނާގޮތުން، ދެން ނިއުކާސަލްގެ ކޯޗުކަމާ ހަވާލުވުން އެންމެ ގާތީ ސައުދީގެ ޕަބްލިކް އިންވެސްޓްމަންޓް ފަންޑު (ޕީއައިއެފް)ގެ ހިއްސާ އޮންނަ އަލް-އަހްލީގެ މިހާރުގެ ކޯޗު ޖަރުމަނުގެ މަތިއަސް ޖައިސްލޭއެވެ. ޕީއައިއެފްއަކީ ނިއުކާސަލްގެ ވެސް ވެރިފަރާތެވެ.
ކޯޗުކަމުގެ މަގާމަށް ބަދަލުތަކެއް އައިސްފައިވާއިރު، ޓީމުގެ މުހިންމު ކުޅުންތެރިންތަކެއްވެސް ދަނީ ކުލަބު ދޫކޮށް އެހެން ޓީމުތަކާ ގުޅެމުންނެވެ. މިގޮތުން، އެލެކްސެންޑަރ އީސާކް މިދިޔަ އަހަރު ލިވަޕޫލަށް ބަދަލުވެފައިވާއިރު، ސަންޑްރޯ ޓޮނާލީ ޓޮޓްނަމްއަށް އަދި އެންތަނީ ގޯޑަން ބާސެލޯނާއަށް ވިއްކާލުމުގެ ހުއްދަ ކުލަބުން ވަނީ ދީފައެވެ. މީގެ އިތުރުން ކެޕްޓަން ބްރޫނޯ ގިމަރައެސް ވެސް ޓީމުން ވަކިވުމަކީ އެކަށީގެންވާ ކަމެކެވެ.
ކޮމެންޓުތައް (0)
އަދި ކޮމެންޓެއް ނުލިބޭ. ފުރަތަމަ ކޮމެންޓުކޮށްލާ.