މިއަހަރުގެ ހޫނު މޫސުމުގެ ޓްރާންސްފާ ބާޒާރުގައި ނިއުކާސަލް ޔުނައިޓެޑްގެ ކެޕްޓަން ބްރޫނޯ ގިމަރައެސް ބޮޑު އަގެއްގައި އާސެނަލަށް ބަދަލުވުމުގެ ފުރުސަތު ވަރަށް ބޮޑަށް ހުޅުވިފައިވާކަމަށް އިނގިރޭސި މީޑިއާތަކުން ކަށަވަރުކޮށްދީފިއެވެ.
އުމުރުން 28އަހަރުގެ ބްރެޒިލް މިޑްފީލްޑަރު އާސެނަލާ ގުޅެން ބޭނުންވާކަން ހާމަކޮށްފައިވާއިރު، ޕްރިމިއާ ލީގުގެ ޗެމްޕިއަނުން ތިބީ އޭނާ ހޯދޭނެކަމުގެ ފުރިހަމަ ޔަގީންކަމުގައެވެ. 2022ވަނަ އަހަރު ފްރާންސްގެ ލިޔޯން ދޫކޮށް ނިއުކާސަލަށް އައުމަށް ފަހު، ގިމަރައެސް ވަނީ އެ ޓީމަށް ކުޅެދިން 195މެޗުގައި 31ލަނޑު ކާމިޔާބުކޮށް، މޮޅު ކުޅުމެއް ދައްކާފައެވެ. މިއާއެކު އޭނާ ވެފައިވަނީ މި ބާޒާރުގައި އާސެނަލްގެ އެންމެ ބޮޑު އެއް އަމާޒަށެވެ.
ދާދި އަވަހަށް ނިއުކާސަލްގެ ފަރިތަކުރުންތަކާ ގުޅުމަށް ގިމަރައެސް ތައްޔާރުވަމުން އަންނައިރު، އޭނާގެ ސޮއި ހޯދުމަށް އާސެނަލުން މަސައްކަތްކުރަމުން ދަނީ 80މިލިއަން ޕައުންޑާ ގާތްކުރާ އަދަދެއްގެ އެއްބަސްވުމެއްގެ ދަށުންނެވެ. މީގެ ކުރިން 70މިލިއަން ޕައުންޑުގެ ބިޑެއް އާސެނަލުން ކޮށްފައިވީ ނަމަވެސް، ދެ ކުލަބުގެ ދެމެދުގައި ރަސްމީކޮށް އެއްވެސް މުއާމަލާތެއް އަދި ހިނގާފައި ނުވާކަމަށް ނިއުކާސަލުން މައުލޫމާތުދެއެވެ.
ގިމަރައެސްގެ އިތުރުން އެސްޓަން ވިލާގެ މޯގަން ރޮޖާސް ގެނައުމަށްވެސް އާސެނަލުން މީގެ ކުރިން ޝައުގުވެރިވިއެވެ. އެހެންނަމަވެސް ޗެލްސީން 117މިލިއަން ޕައުންޑް ހުށަހެޅުމާއެކު، 80މިލިއަން ޕައުންޑަށްވުރެ ބޮޑު ހޭދައެއް ކުރަން ބޭނުން ނުވުމުން އާސެނަލުން ވަނީ އެ ރޭހުން ވަކިވެފައެވެ.
މުހިންމު ކުޅުންތެރިންތަކެއް ކުލަބު ދޫކޮށްދިއުމުގެ ބިރާ ނިއުކާސަލުން މިވަގުތު ކުރިމަތިލަމުންދާއިރު، ސަންޑްރޯ ޓޮނާލީ ޓޮޓެންހަމްއަށް އަދި އެންތަނީ ގޯޑަން ބާސެލޯނާއަށް ވަނީ ބަދަލުވެފައެވެ. މީގެ އިތުރުން ފަސް އަހަރު ދުވަހު ކޯޗުކަން ކުރުމަށްފަހު އެޑީ ހޯވް މަގާމުން ވަކިވެފައިވާއިރު، އެ ކުލަބުގެ އާ ކޯޗަކަށް ގެނައުމަށް މަސައްކަތްކުރަމުން ދަނީ ސައުދީގެ އަލް-އަހްލީއަށް އިރުޝާދުދެމުން އަންނަ މަތިއަސް ޖައިސްލޭއެވެ. ގިމަރައެސްގެ މުސްތަގުބަލާމެދު ޔަގީންކަމެއް ދެވެން ނެތްކަމަށް، މަގާމުން ވަކިވުމުގެ ކުރިން ހޯވް ވެސް ވަނީ ބުނެފައެވެ.
ކޮމެންޓުތައް (0)
އަދި ކޮމެންޓެއް ނުލިބޭ. ފުރަތަމަ ކޮމެންޓުކޮށްލާ.