ހޯދާ
ހޮނިހިރު • 17 އޮކްޓޯބަރު 2026
🔖

"މުހިންމު ކުޅުންތެރިންތަކެއް ދިޔުމަކީ ކާމިޔާބީތަކަކަށް ހުޅުވުނު ދޮރެއް"

ޝެއާ ކުރޭ Facebook Telegram Viber X

ދާދި ފަހުން ނިއުކާސަލް ޔުނައިޓެޑާ ހަވާލުވި އައު ކޯޗު މަޓިއަސް ޔައިސްލަ، ޓީމުގެ އެންމެ މުހިންމު ކުޅުންތެރިންތަކެއް ކުލަބު ދޫކޮށް ދިޔުމުން ކުރިމަތިވެފައިވާ އުނދަގޫ ހާލަތަކީ، ޝަކުވާކުރުމުގެ ބަދަލުގައި އައު ކާމިޔާބީތަކެއް ހޯދުމަށް ލިބުނު ރަނުގެ ފުރުސަތެއްގެ ގޮތުގައި ނޫސްވެރިންނާ ވާހަކަދައްކަމުން ސިފަކޮށްފިއެވެ. 

މިދިޔަ މަހުގެ ތެރޭގައި އެޑީ ހޯވްގެ ބަދަލުގައި ސައުދީގެ އަލް-އަހްލީ ދޫކޮށް އިނގިރޭސި ޕްރިމިއަރ ލީގަށް ބަދަލުވި ޖަރުމަނުގެ ކޯޗު ޓީމާ ހަވާލުވި ދަނޑިވަޅަކީ ކެޕްޓަން ބްރޫނޯ ގިމަރައެސްއާއި ސަންޑްރޯ ޓޯނާލީގެ އިތުރުން އެންތަނީ ގޯޑަން ފަދަ ތަރިން ކުލަބުން ވަކިވި ވަގުތެކެވެ. ޔައިސްލަ ފާހަގަކުރި ގޮތުގައި ބޮޑެތި ބަދަލުތަކެއް އަންނަ މަރުހަލާއެއްގައި ގޮންޖެހުންތައް ހުންނާނެ ކަމަށާއި، ނަމަވެސް މިއީ މާޔޫސްވާންވީ ވަގުތު ނޫންކަމަށެވެ. އަދި އޭނާގެ އަމާޒަކީ މިހާރު ސްކޮޑުގައި ތިބި ކުޅުންތެރިންގެ ފަރާތުން އެންމެ އެދެވޭ ނަތީޖާ ނެރުން ކަމަށް ވެސް އޭނާ ބުންޏެވެ.

ތަޖުރިބާކާރު އަދި ހުނަރުވެރި ކުޅުންތެރިންތަކެއް ޓީމާ ދުރަށް ދިޔުމަކީ ފޫބައްދަން އުނދަގޫވާނެ ކަމެއްކަން ގަބޫލުކުރަމުން، އުމުރުން 38އަހަރުގެ ކޯޗު ބުނީ މި ކަމަށް އޮތް ހައްލަކީ އައު ކުޅުންތެރިން ގެނައުން ނުވަތަ މިހާރު ތިބި ކުޅުންތެރިން އިތުރު ހިތްވަރަކާ އެކު ލީޑަރޝިޕް ނެގުން ކަމަށެވެ. އަދި ކުރިއަށް އޮތް ތަނުގައި ޓީމަށް ބަދަލުތަކެއް އަންނާނެކަމުގެ އިޝާރާތެއް ދިން ނަމަވެސް، ޓްރާންސްފަރ މާކެޓާ ގުޅޭ މާބޮޑު ތަފުސީލެއް އޭނާ ހާމަކޮށްފައެއް ނުވެއެވެ. އޭގެ ބަދަލުގައި ޔައިސްލަގެ މުޅި ފޯކަސް ހުރީ ޓީމުގެ ކުޅުމުގެ ވައްޓަފާޅިއަށް ބަދަލުތަކެއް ގެނައުމަށެވެ. އެގޮތުން އޭނާ ބޭނުންވަނީ ނިއުކާސަލްއަކީ ހަލުވި، އެގްރެސިވް އަދި ނަތީޖާ ނެރޭ ވަރުގަދަ ޓީމެއްގެ ގޮތުގައި ފެނިގެންދިޔުން ކަމަށް ބުންޏެވެ. 

ޒުވާން އުމުރުގައި ކޯޗިންގެ ދާއިރާއިން ބޮޑެތި ކާމިޔާބީތަކެއް ހޯދަމުން އަންނަ ޔައިސްލަ އަކީ ރެޑްބުލް ސަލްޒްބާގަށް އޮސްޓްރިއާގެ ލީގު ދެފަހަރު، އަދި އަލް-އަހްލީއާއެކު އޭއެފްސީ ޗެމްޕިއަންސް ލީގު ވެސް ޖެހިޖެހިގެން ދެފަހަރު ކާމިޔާބުކޮށްދީފައިވާ ގާބިލު ފަރާތެކެވެ. އޭނާ ދެކޭގޮތުގައި ކޯޗިން ސްޓާފުންގެ ފަލްސަފާއާއި ނިއުކާސަލްގެ ތާރީހީ ކުޅުމުގެ ސްޓައިލާ ވަރަށް ބޮޑަށް ގުޅޭއިރު، ކުރިއަށް އޮތީ ކުލަބަށް ވަރަށް އުއްމީދީ ދުވަސްތަކެކެވެ. 

ކަމުދިޔަތަ؟

ކޮމެންޓުތައް (0)

އަދި ކޮމެންޓެއް ނުލިބޭ. ފުރަތަމަ ކޮމެންޓުކޮށްލާ.

ކޮމެންޓު