އިނގިރޭސިވިލާތުގެ ނިއުކާސަލް ޔުނައިޓެޑަށް ފާއިތުވި ފަސް އަހަރު ދުވަހު އިރުޝާދުދިން އުމުރުން 48އަހަރުގެ އެޑީ ހޯވް، ކޯޗިންގ އިން ކުރު މުއްދަތެއްގެ ބްރޭކެއް ނެގުމުގެ ބޭނުމުގައި ކްލަބުގެ މެނޭޖްމަންޓާ އެކު ކުރެވުނު މަޝްވަރާތަކަކަށް ފަހު އެ ޓީމުގެ މެނޭޖަރުކަމުގެ މަގާމު ދޫކޮށްލައިފިކަމަށް އިނގިރޭސި މީޑިއާތަކުން ހާމަކޮށްފިއެވެ.
ކްލަބުން އަދި މިކަން ރަސްމީކޮށް އިއުލާނު ނުކުރި ނަމަވެސް، ރިޕޯޓުތައް ބުނާގޮތުން މި ބަދަލު ގެނެސްފައިވަނީ ފާއިތުވި ދެ ދުވަހުގެ ތެރޭގައި ކުރިއަށްދިޔަ ބައްދަލުވުންތަކަކަށް ފަހުގައެވެ. ހޯވްގެ ކޯޗުކަމުގެ ދަށުން ނިއުކާސަލްއިން ވަނީ ބޮޑެތި ކާމިޔާބީތަކެއް ހޯދާފައެވެ. އެގޮތުން، 70އަހަރުގެ މެދުކެނޑުމަކަށް ފަހު 2025ވަނަ އަހަރު ލީގު ކަޕް އުފުލާލައި، އެ ޓީމަށް ބޮޑު މުބާރާތެއްގެ ތަށި ކާމިޔާބުކޮށްދިނުމުގެ އިތުރުން، 2023އަދި 2025ވަނަ އަހަރު ޔޫރަޕްގެ އެންމެ ޝަރަފުވެރި ކްލަބް މުބާރާތް ކަމަށްވާ ޔުއެފާ ޗެމްޕިއަންސް ލީގުން ވެސް ޖާގަ ހޯދައިދީފައިވެއެވެ.
ތާރީޚީ ކާމިޔާބީތަކެއް ހޯދައިދިން ނަމަވެސް، ނިމިގެންދިޔަ ސީޒަނަކީ އެ ޓީމަށް ނަތީޖާގެ ގޮތުން ދަށް ދުވަސްވަރެކެވެ. ޕްރިމިއަރ ލީގުގައި ކުޅުނު 38މެޗުގެ ތެރެއިން 17މެޗުން ބަލިވެ، ނިއުކާސަލް ސީޒަން ނިންމާލީ ތާވަލުގެ 12ވަނައިގައެވެ. މީގެ އިތުރުން، ޕްރީ-ސީޒަންގައި ބުދަ ދުވަހު ބްރިސްޓަލް ސިޓީއާ ދެކޮޅަށް ކުޅެ 4-1އިން ބަލިވި މެޗަކީ ހޯވްގެ އިރުޝާދުގެ ދަށުން އެ ޓީމު ކުޅުނު އެންމެ ފަހު މެޗެވެ.
ހޯވްގެ ބަދަލުގައި ދެން އެ މަގާމާ ހަވާލުވުން އެންމެ ގާތީ ޖަރުމަނުގެ މަތިއަސް ޖައިސްލޭ ކަމަށް މީޑިއާތަކުން ލަފާކުރެއެވެ. އޭނާއަކީ ސައުދީ ޕްރޯ ލީގުގެ އަލް އަހްލީގެ މިހާރުގެ ކޯޗެވެ. ސަމާލުކަންދޭންޖެހޭ އަނެއް ކަމަކީ، ނިއުކާސަލް އަދި އަލްއަހްލީއަކީ ވެސް ސައުދީ އަރަބިއްޔާގެ ޕަބްލިކް އިންވެސްޓްމަންޓް ފަންޑް (ޕީއައިއެފް)ގެ ހިއްސާ އޮންނަ ދެ ކްލަބްކަމެވެ.
ކޮމެންޓުތައް (0)
އަދި ކޮމެންޓެއް ނުލިބޭ. ފުރަތަމަ ކޮމެންޓުކޮށްލާ.