ހޯދާ
ހޮނިހިރު • 17 އޮކްޓޯބަރު 2026
🔖

މާޒިޔާއިން ހަތްވަނަ ފަހަރަށް ޗެރިޓީ ޝީލްޑް އުފުލާލައިފި

ޝެއާ ކުރޭ Facebook Telegram Viber X

އާ ސީޒަން ފެށުމުގެ ގޮތުން ހުކުރު ދުވަހުގެ ރޭ ގައުމީ ފުޓުބޯޅަ ދަނޑުގައި ކުޅުނު ޗެރިޓީ ޝީލްޑް މެޗުގައި، ފޯރިގަދަ ކުޅުމަކަށް ފަހު ޕެނަލްޓީ ޖަހައިގެން ނިއު ރޭޑިއަންޓް ސްޕޯޓްސް ކްލަބްގެ މައްޗަށް ކުރިހޯދައި، މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަނުން ހަތްވަނަ ފަހަރަށް ޗެރިޓީ ޝީލްޑް އުފުލާލައިފިއެވެ. 

މި މެޗުގެ ފުރިހަމަ ވަގުތު ހަމަވީ 3-3އިން ދެ ޓީމު އެއްވަރުވެގެންނެވެ. ފުރަތަމަ ހާފުގައި ނިއު ރޭޑިއަންޓުން ތިން ލަނޑު ޖަހައި ބޮޑު ލީޑެއް ނަގާފައި ވަނިކޮށް، މާޒިޔާއިން ވަނީ ފަހު ހާފުގައި ކުޅުން ރަނގަޅުކޮށް ފަހަތުން އަރައި ނަތީޖާ ހަމަހަމަކޮށްފައެވެ. ނަތީޖާ ނެރުމަށް ޖެހި ޕެނަލްޓީ ޝޫޓްއައުޓްގައި މާޒިޔާއިން ވަނީ ކުރި ހޯދާފައެވެ. 

ޕެނަލްޓީ ޝޫޓްއައުޓްގައި މާޒިޔާގެ ކީޕަރު ހުސެއިން ޝަރީފް ވަނީ ނިއުގެ ނާއިމް ފޮނުވާލި ޕެނަލްޓީ ހުޝިޔާރުކަމާއެކު ދިފާއުކޮށްފައެވެ. މެޗުން މާޒިޔާ މޮޅުވި ޕެނަލްޓީ ކާމިޔާބުކޮށްދިނީ ހައިޝަމް ހަސަންއެވެ. މީގެ އިތުރުން މާޒިޔާގެ އީލާން، އައިހަމް، އައިސަމް އަދި އައިދު މުހައްމަދު ވަނީ ޕެނަލްޓީތައް ކާމިޔާބުކޮށްފައެވެ. ނިއު އިން ކާމިޔާބުކުރި ޕެނަލްޓީތައް ޖަހައިދިނީ ޑޮރިއެލްޓަން، މޫސާ ޔާމީން އަދި އަހުމަދު އަބްދުالله އެވެ.

މެޗުގެ ފުރަތަމަ ހާފުގައި ގިނަ ލަނޑުތަކެއް ފެނިގެންދިޔައިރު، ނިއު ރޭޑިއަންޓަށް ލީޑު ނަގައިދިނީ ހަތަރުވަނަ މިނެޓުގައި ބްރެޒިލްގެ ފޯވާޑް ޑޮރިއެލްޓަންއެވެ. އޭނާ މި ލަނޑު ޖެހީ ލުއިސް ގޮމޭސް ނަގައިދިން ހުރަހެއް ބޮލުން ގޯލުގެ ތެރެއަށް ފޮނުވާލައިގެންނެވެ. އޭގެ ފަހުން 36ވަނަ މިނެޓުގައި އީތަން އިބްރާހީމް ޒަކީގެ އެހީތެރިކަމާ އެކު އަލީ ފާސިރު (ސެންޓޭ)ވަނީ ނިއުގެ ލީޑު ފުޅާކޮށްފައެވެ. މާޒިޔާގެ އީލާން ފުރަތަމަ ހާފު ނިމެން ކައިރިވެފައި ވަނިކޮށް ލަނޑެއް ޖަހައި ފަރަގު ކުޑަކުރި ނަމަވެސް، ހާފު ނިމުމުގެ އިތުރު ވަގުތުގައި ޑޮރިއެލްޓަން ވަނީ އިތުރު ލަނޑެއް ޖަހައި ނިއުއަށް 3-1ގެ ލީޑެއް ހޯދައިދީފައެވެ.

ނަމަވެސް ދެވަނަ ހާފުގައި މާޒިޔާއިން ވަނީ އެޓޭކްތައް ވަރުގަދަކޮށްފައެވެ. ނަތީޖާއެއްގެ ގޮތުން 51ވަނަ މިނެޓުގައި އިބްރާހީމް މަހުދީ (ފޭދޫ އިއްބެ)ލަނޑެއް ޖަހައި އުންމީދު އާކޮށްދިނެވެ. އަދި 65ވަނަ މިނެޓުގައި އަހުމަދު އައިހަމް ތަނަވަސްކޮށްދިން ފުރުސަތަކުން އީލާން ވަނީ މާޒިޔާ އަށް ނަތީޖާ ހަމަހަމަކޮށްދީފައެވެ. މެޗުގެ ބާކީ އޮތް ވަގުތުގައިވެސް މާޒިޔާއަށް ލަނޑުޖަހާނެ ރަނގަޅު ފުރުސަތުތަކެއް ލިބި ވަނީ ބޭކާރުވެފައެވެ.

މިއީ ޗެރިޓީ ޝީލްޑް މުބާރާތުގެ ތާރީހުގައި ވެސް އެންމެ ކާމިޔާބު ޓީމު ކަމަށްވާ މާޒިޔާއިން މި ތަށި ހޯދި ހަތްވަނަ ފަހަރެވެ. މީގެ ކުރިން އެޓީމުން ވަނީ 2015، 2016، 2017، 2021، 2023އަދި 2025ވަނަ އަހަރު ވެސް މި ޝީލްޑް ކާމިޔާބުކޮށްފައެވެ. މެޗުން ބަލިވި ނިއު ރޭޑިއަންޓަށް އެންމެ ފަހުން މި ތަށި އުފުލާލެވުނީ 2014ވަނަ އަހަރުއެވެ. 

ކަމުދިޔަތަ؟

ކޮމެންޓުތައް (0)

އަދި ކޮމެންޓެއް ނުލިބޭ. ފުރަތަމަ ކޮމެންޓުކޮށްލާ.

ކޮމެންޓު