ރާއްޖޭގެ އައު ފުޓްބޯޅަ ސީޒަން ފެށުމުގެ ގޮތުން ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް)އިން އިންތިޒާމުކޮށްގެން ބާއްވާ ޗެރިޓީ ޝީލްޑް މެޗުގައި، ލީގު ޗެމްޕިއަން މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަނާއި އެފްއޭ ކަޕްގެ ޗެމްޕިއަން ނިއު ރޭޑިއަންޓް ސްޕޯޓްސް ކްލަބް ވާދަކުރާ ގޮތަށް މި މަހުގެ 31ވަނަ ދުވަހު ކުޅުން ފަށަން ނިންމައިފިއެވެ.
ދިވެހިރާއްޖޭގެ ފުޓްބޯޅައިގެ މައި އިދާރާއިން އަދި ރަސްމީކޮށް އަހަރީ ކަލަންޑަރު އާންމުކޮށްފައި ނުވި ނަމަވެސް، މުބާރާތްތައް ކުރިއަށްދާނެ ތަރުތީބު މިހާރު ވަނީ ކަނޑައަޅާފައެވެ. ސީޒަން ހުޅުވާ ޝަރަފުވެރި މެޗުގައި ނުކުންނަ މާޒިޔާއަކީ ތާރީޚުގައި ވެސް އެންމެ ގިނައިން، އާދެ ހަ ފަހަރަށް މި ޝީލްޑް ހާސިލުކޮށްފައިވާ ކްލަބެވެ. އަނެއްކޮޅުން، އެންމެ ފަހުގެ އެފްއޭ ކަޕް ކާމިޔާބުކުރި ނިއު ރޭޑިއަންޓުން ވަނީ މީގެ ކުރިން ދެ ފަހަރެއްގެ މަތިން މި ޝީލްޑް އުފުލާލާފައެވެ.
މި މެޗަށް ފަހު ދެން އެންމެ އަވަހަށް އޮންނާނީ ގިނަ އަހަރުތަކެއްގެ މެދުކެނޑުމަކަށް ފަހު އަލުން ބާއްވަން ނިންމާފައިވާ ކަޕް ވިނާސް ކަޕެވެ. 1995 އަހަރު ތައާރަފުކޮށް، އެންމެ ފަހުން 2008 އަހަރު ކުޅެވުނު މި މުބާރާތް އަންނަ އޮގަސްޓު މަހު ބާއްވާއިރު، މާޒިޔާއާއި ނިއުގެ އިތުރުން ދެން ވާދަކުރާނީ ޕްރެޒިޑެންޓްސް ކަޕްގެ ޗެމްޕިއަންކަން ހޯދި އޮޑި ސްޕޯޓްސް ކްލަބެވެ.
ކަޕް ވިނާސް ކަޕް ނިމުމުން، ބައިނަލްއަގުވާމީ މެޗުތަކަށް ސީޒަން މެދުކަނޑާލާނެއެވެ. އެގޮތުން އޮގަސްޓު 11ގައި އޭއެފްސީ ޗެލެންޖް ލީގުގެ ޕްރިލިމިނަރީ މަރުހަލާގައި ތަޖިކިސްތާނުގެ ރެގާރު-ޓަޑާޒް އާ ދެކޮޅަށް މާޒިޔާ ނުކުންނާނެއެވެ. އަދި އޮގަސްޓު 31އިން ސެޕްޓެމްބަރު 6އަށް މިޔަންމާގައި އޮންނަ އޭއެފްސީ 20އަހަރުން ދަށުގެ ކޮލިފައިންގައި ރާއްޖޭގެ ޒުވާން ގައުމީ ޓީމު ވާދަކުރާނެއެވެ. މި މުބާރާތްތަކަށް ވަގުތު ދިނުމަށްފަހު، ރާއްޖޭގެ އެންމެ ފޯރިގަދަ މުބާރާތް ކަމަށްވާ ދިވެހި ޕްރިމިއަރ ލީގުގެ ކުޅުން ފެށުމަށް ތާވަލުކޮށްފައި ވަނީ ސެޕްޓެމްބަރު މަހުގެ 10ވަނަ ދުވަހުއެވެ.
ކޮމެންޓުތައް (0)
އަދި ކޮމެންޓެއް ނުލިބޭ. ފުރަތަމަ ކޮމެންޓުކޮށްލާ.