ހޯދާ
ހޮނިހިރު • 17 އޮކްޓޯބަރު 2026
🔖

ފީފާގެ ޕްލޭނަށް އެމެރިކާގެ މަހުޖަނަކު އިންވެސްޓުކުރާކަމުގެ ތުހުމަތު

ޝެއާ ކުރޭ Facebook Telegram Viber X

ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯ އިސްވެ ހުންނަވައިގެން ފުޓްބޯޅަ މުބާރާތްތައް ހިންގުމަށް އެކުލަވާލާފައިވާ އާ ވިޔަފާރީގެ ޕްލޭނަށް، އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕާ ގާތްގުޅުމެއް އޮންނަ އެމެރިކާގެ ބިލިއަނަރެއް ކަމަށްވާ ޖޯޝުއާ ކުޝްނާ އިންވެސްޓުކުރަން އުޅޭކަމުގެ ތުހުމަތުތަކަކާ އެކު، ޔޫރަޕުގެ ގައުމުތަކުން މިކަމާ ފާޅުގައި ދެކޮޅުހަދަން ފަށައިފިއެވެ. 

ބައިނަލްއަގުވާމީ މީޑިއާތަކުން ރިޕޯޓުކޮށްފައިވާ ގޮތުގައި، މި އާ ކުންފުންޏަށް އެންމެ ބޮޑު ހޭދައެއް ކުރައްވަން ތައްޔާރުވަމުން ދަނީ އެމެރިކާގެ ސަރުކާރުގެ އިސް މަގާމެއް ފުރުއްވާ ޖެރެޑް ކުޝްނާގެ ކޮއްކޮ ޖޯޝުއާ އެވެ. މި ސަބަބާހުރެ، މި ޕްލޭންގެ އަޑީގައި ހުންނެވީ ސީދާ ރައީސް ޓްރަމްޕް ކަމަށް ޔޫރަޕުގެ ފުޓްބޯޅަ އިދާރާތަކުން ދަނީ ތުހުމަތުކުރަމުންނެވެ. އަދި ފުޓްބޯޅައިގެ ގިނަ ތަޖުރިބާކާރުންގެ ފާޑުކިޔުންތައް ވެސް ވަނީ މިކަމަށް ވަރަށް ބޮޑަށް އަމާޒުވެފައެވެ.

މި ޕްލޭނަށް ތާއީދު ހޯއްދެވުމުގެ ގޮތުން، ފީފާގެ މެމްބަރު އެސޯސިއޭޝަންތަކަށް އިންފަންޓީނޯ ފޮނުއްވި ރަސްމީ ސިޓީއެއްގައި ވިދާޅުވެފައި ވަނީ، މި ވިޔަފާރި ކުންފުނި ވުޖޫދަށް އައުމާ އެކު ގައުމުތަކަށް ލިބޭ މާލީ މަންފާ އެތައް ގުނައަކުން އިތުރުވެގެންދާނެ ކަމަށެވެ. އެގޮތުން، މި ހުށަހެޅުން ފާސްވެއްޖެނަމަ 2027އިން ފެށިގެން 2031ގެ ނިޔަލަށް 40މިލިއަން ޑޮލަރުގެ އާމްދަނީއެއް މެމްބަރު ގައުމުތަކުގެ މެދުގައި ބެހިގެންދާނެކަމަށް ވައުދުވެވަޑައިގެންފައިވެއެވެ. އަދި އޭގެ ފަހުން އަންނަ ކޮންމެ ހަތަރު އަހަރެއްގެ ދައުރެއްގައި މި ފައިދާ ބޮޑުވަމުންދާނެކަމަށާއި، 2031އިން 2034އަށް 22މިލިއަން ޑޮލަރު، އަދި 2035އިން 2038އަށް 24މިލިއަން ޑޮލަރު ބަހާނެކަމަށްވެސް އެ ސިޓީގައި ބަޔާންކޮށްފައިވެއެވެ.

ޔޫރަޕުން މި ހުށަހެޅުމާ ދެކޮޅަށް ތެދުވެފައިވާއިރު، އޭޝިއާ އަދި ކޮންކާކަފް ސަރަހައްދުގެ ފުޓްބޯޅަ އިދާރާތަކުން ބުނެފައިވަނީ މިފަދަ ޕްލޭނެއްގެ ވާހަކަ އެންމެ ފުރަތަމަ އެނގުނީ ވެސް މީޑިއާގެ ޒަރީއާއިން ކަމަށެވެ. އެހެންކަމުން، މިކަމާ ގުޅޭ އިތުރު ތަފްސީލުތައް ހޯދައި، މުޅި ޕްލޭން ފުރިހަމައަށް ދިރާސާކުރުމަށް އެކަށީގެންވާ ވަގުތު ބޭނުންވާކަމަށް އެ އިދާރާތަކުން ވަނީ ހާމަކޮށްފައެވެ. 

ކަމުދިޔަތަ؟

ކޮމެންޓުތައް (0)

އަދި ކޮމެންޓެއް ނުލިބޭ. ފުރަތަމަ ކޮމެންޓުކޮށްލާ.

ކޮމެންޓު