ދުނިޔޭގެ ފުޓްބޯޅައިގެ މައި އިދާރާ (ފީފާ)ގެ މުބާރާތްތަކުގެ ހިއްސާ ވިއްކާލުމަށް ރައީސް ޖިއާނީ އިންފަންޓީނޯ ރާއްވަވާފައިވާ 10ބިލިއަން ޑޮލަރުގެ ބޮޑު މަޝްރޫއަށް މެންބަރު ޤައުމުތަކުގެ ތާއީދު ހޯދުމުގެ ބޭނުމުގައި، އެ އިދާރާގެ 211މެންބަރުންގެ ތެރެއިން ކޮންމެ އެސޯސިއޭޝަނަކަށް 40މިލިއަން ޑޮލަރު ދިނުމަށް ނިންމައި އެކަން ރަސްމީކޮށް އަންގައިފިއެވެ.
ބީބީސީން ހާމަކޮށްފައިވާ ގޮތުގައި، އިންފަންޓީނޯ ސޮއިކުރައްވައި ފޮނުއްވި ފަސް ސަފުހާގެ ސިޓީގައި ބަޔާންކޮށްފައި ވަނީ، މި މަޝްރޫއާ މެދު ގޮތެއް ނިންމުމަށް އަންނަ ސެޕްޓެމްބަރު މަހުގެ 19ވަނަ ދުވަހުގެ ނިޔަލަށް މުހުލަތެއް ދީފައިވާ ކަމަށެވެ. އަދި މި މުއްދަތުގެ ކުރިން އެއްބަސްވުމަށް ރުހުންދޭ ޤައުމުތަކަށް، އަންނަ އަހަރުގެ ޖެނުއަރީ މަހުގެ ފުރަތަމަ ދުވަހު އެޑްވާންސް ފައިސާގެ ގޮތުގައި 20މިލިއަން ޑޮލަރު ޖަމާކޮށްދޭނެ ކަމަށް ވެސް އެ ސިޓީގައިވެއެވެ.
މިއީ ފީފާ ވޯލްޑް ކަޕް ފަދަ ޝަރަފުވެރި މުބާރާތްތައް ހިންގުމަށް ޓަކައި "ފީފާ ފޯވާޑް އެންޓަޕްރައިޒް"ގެ ނަމުގައި ވަކި ވިޔަފާރި ކުންފުންޏެއް އުފައްދައި، އެ ކުންފުނީގެ މައިނޯރިޓީ ހިއްސާ ބޭރުގެ އިންވެސްޓަރުންނަށް ވިއްކާލައިގެން ފައިސާ ހޯދުމަށް ފަރުމާކޮށްފައިވާ ޕްލޭނެކެވެ. މެންބަރު ޤައުމުތަކަށް ބަހަން ހަމަޖެހިފައިވާ ފައިސާއަކީ ވެސް އަމިއްލަ ވިޔަފާރިވެރިންގެ އަތުން މި ކުންފުންޏަށް ލިބޭނެ ފައިދާއިން ދޭން ހަމަޖެހިފައިވާ މިންވަރެކެވެ.
މި ބަދަލާ ގުޅޭގޮތުން އިންފަންޓީނޯ ވިދާޅުވީ، ފުޓްބޯޅައިގެ ކުރިމަގު ބަދަލުކޮށްލަނިވި މި ފަދަ ފަހި ފުރުސަތުތަކެއް މެންބަރުންނާ ހަމައަށް ގެނެސްދިނުމަކީ ރައީސްގެ ހައިސިއްޔަތުން އޭނާގެ މަސްއޫލިއްޔަތެއް ކަމަށެވެ. އަދި ހުށަހެޅުންތައް ވާންޖެހޭނީ ސާފު ހިސާބުތަކެއްގެ މައްޗަށް ބިނާވެފައިވާ އަމަލީ ގޮތުން ތަންފީޒުކުރެވޭނެ ކަންތައްތަކަކަށް ކަމުގައި ވެސް އޭނާ ފާހަގަކުރެއްވިއެވެ.
ނަމަވެސް، ދުނިޔޭގެ ފުޓްބޯޅައިގެ ނިޒާމަށް ބޮޑު އިންގިލާބެއް ގެންނާނެ މި ހުށަހެޅުމާ މެދު ޔޫރަޕާއި އޭޝިއާ އަދި އުތުރު އެމެރިކާގެ ފުޓްބޯޅަ އިދާރާތަކުން ވަނީ ވަރަށް ބޮޑަށް ހިތްހަމަނުޖެހުން ފާޅުކޮށްފައެވެ. އެފަރާތްތަކުން ތުހުމަތުކުރާ ގޮތުގައި މިއީ ފީފާގެ ބައެއް ނައިބު ރައީސުންނަށް ވެސް ސިއްރުން، އެއްވެސް ދެފުށްފެންނަ ގޮތެއް ނެތި ކުއްލިއަކަށް ކުރިމައްޗަށް ގެނެސްފައިވާ ނިންމުމެކެވެ. އަދި އެއްވެސް ބަދަލެއް ނުގެނެވޭ ގޮތަށް އިންފަންޓީނޯ މި ޕްލޭން ފާސްކުރަން އުޅޭކަމުގެ ތުހުމަތު ގިނަ ބަޔަކު ކުރެއެވެ.
މިދިޔަ ވޯލްޑް ކަޕުގެ ތެރޭގައި މިކަމުގެ މަޝްވަރާތައް ކުރެވުނު ކަމަށް ފީފާއިން ބުނި ނަމަވެސް، ކައުންސިލް މެންބަރުން ވަނީ އެކަން ދޮގުކޮށްފައެވެ. އިންފަންޓީނޯގެ މި ސިއްރުވެރި ރޭވުމާ ދެކޮޅު ހެދުމުގެ ގޮތުން ޔޫރަޕުގެ ބައެއް ބޮޑެތި ޤައުމުތަކުން ކުރިއަށް އޮތް ވޯލްޑް ކަޕް ބޮއިކޮޓް ކުރުމުގެ ވިސްނުން ގެންގުޅޭ ކަމަށް ވެސް ބައިނަލްއަގުވާމީ މީޑިއާތަކުން އަންނަނީ ރިޕޯޓުކުރަމުންނެވެ.
ކޮމެންޓުތައް (0)
އަދި ކޮމެންޓެއް ނުލިބޭ. ފުރަތަމަ ކޮމެންޓުކޮށްލާ.