ސްކޮޓްލެންޑުގެ ގްލާސްގޯގައި މިހާރު ކުރިއަށްދާ 23ވަނަ ކޮމަންވެލްތު ގޭމްސްގައި ރާއްޖެ ތަމްސީލުކުރުމުގެ ގޮތުން، ޤައުމީ އެތުލެޓިކްސް ޓީމުގެ އައިމިނަތު ލަޔާނާ މުޙައްމަދާއި، ހުސެއިން ޒީކް ސުއާދުގެ އިތުރުން އާދަމް ރިއްފަތު އިއްޔެ ބޭއްވި 400މީޓަރު ދުވުމުގެ އިވެންޓުގައި ވާދަކޮށްފިއެވެ.
ފިރިހެނުންގެ 400މީޓަރު ދުވުމުގައި ރާއްޖޭގެ ދެ އެތުލީޓުން ވާދަކުރިއިރު، ހީޓު ދޭއްގައި ދުވި ޒީކް ރޭސް ނިންމާފައި ވަނީ 49.96ސިކުންތުންނެވެ. މި ނަތީޖާއާއެކު އޭނާއަށް ހީޓުގެ ހަތްވަނަ ލިބުނުއިރު، މުޅި އިވެންޓުގައި ބައިވެރިވި 46ދުވުންތެރިންގެ ތެރެއިން އޭނާ ހިމެނުނީ 38ވަނައިގައެވެ. ހަމަ މި އިވެންޓުގެ ހީޓު ތިނެއްގައި ވާދަކުރި ރިއްފަތު ވެސް ވަނީ އޭނާގެ ހީޓުގެ ހަތްވަނަ މަޤާމު ހޯދާފައެވެ. ރިއްފަތު ރޭސް ނިންމުމަށް 50.94ސިކުންތު ހޭދަކޮށްފައިވާއިރު، މިއީ އޯވަރޯލް ނަތީޖާއަށް ބަލާއިރު 42ވަނައެވެ.
މީގެ އިތުރުން، އަންހެނުންގެ 400މީޓަރު ދުވުމުގެ ކެޓަގަރީގައި ވާދަކުރި ރާއްޖޭގެ ލަޔާނާ ދުވެފައި ވަނީ ހީޓު ހަތަރެއްގައެވެ. އެއް މިނެޓާއި 0.05ސިކުންތުން ރޭސް ނިންމައިގެން ލަޔާނާ ވަނީ މި ހީޓުގެ ހަތްވަނަ މަޤާމު ކަށަވަރުކޮށްފައެވެ.
އޮގަސްޓް މަހުގެ ދެވަނަ ދުވަހާ ހަމައަށް ގްލާސްގޯގައި ކުރިއަށްގެންދާ މި މުބާރާތުގައި ދިވެހިރާއްޖެއިން ބައިވެރިވަނީ ހަމައެކަނި ފެތުމާއި އެތުލެޓިކްސްގެ ކުޅިވަރުތަކުގައެވެ. މި އަހަރުގެ ގޭމްސްގައި ދިވެހި ކޮންޓިންޖެންޓުގެ ޗެފް ޑި މިޝަނެއްގެ ޒިންމާ އަދާކުރައްވަނީ ނެޓްބޯޅަ އެސޯސިއޭޝަނުގެ ރައީސާ ފަޒްނާ ޖަލީލެވެ.
ކޮމެންޓުތައް (0)
އަދި ކޮމެންޓެއް ނުލިބޭ. ފުރަތަމަ ކޮމެންޓުކޮށްލާ.