ހޯދާ
ހޮނިހިރު • 17 އޮކްޓޯބަރު 2026
🔖

ރިހާންއާއި ތަޒްކިޔާ ވެސް ރިކޯޑުތަކެއް އައުކޮށްފި

ޝެއާ ކުރޭ Facebook Telegram Viber X

ސްކޮޓްލެންޑުގެ ގްލާސްގޯގައި މިހާރު ކުރިއަށްދާ 23ވަނަ ކޮމަންވެލްތު ގޭމްސްގެ ހަތަރުވަނަ ދުވަހު ބޭއްވި ފެތުމުގެ މުބާރާތްތަކުގައި، ރާއްޖޭގެ ހުނަރުވެރި ފެތުންތެރިން ކަމަށްވާ މުޙައްމަދު ރިހާން ޝިހާމް އަދި އަމްނާ ތަޒްކިޔާ މިރުސާދު، އެތުލީޓުންގެ އަމިއްލަ ކުރިއެރުން ހޯދުމުގެ އަޒުމުގައި ވާދަކޮށް، ޤައުމީ އައު ރިކޯޑުތަކެއް ކާމިޔާބުކޮށްފިއެވެ.

ފިރިހެނުންގެ 200މީޓަރުގެ ބަޓަފްލައި ކެޓަގަރީން ރިހާން ރޭސް ނިންމާފައި ވަނީ ދެ މިނެޓާއި 23.94ސިކުންތުންނެވެ. މިއީ 22ވަނަ ވޯލްޑް އެކުއަޓިކްސް ޗެމްޕިއަންޝިޕްގައި އޭނާ ދެ މިނެޓު 25.20ސިކުންތުން ހަދާފައިވާ ރިކޯޑަށް ވުރެ އަވަސް ވަގުތެކެވެ. ހަމައެއާއެކު، އަންހެނުންގެ 50މީޓަރުގެ ބެކްސްޓްރޯކް އިވެންޓުގައި ތަޒްކިޔާ ވަނީ 31.55ސިކުންތުން ރޭސް ފުރިހަމަކޮށް، ތިންވަނަ އޭޝިއަން ޔޫތު ގޭމްސްގައި އޭނާ 32.57ސިކުންތުން ޤާއިމުކޮށްފައިވާ ރިކޯޑު މުގުރާލާފައެވެ.

މި މުބާރާތުގައި ރާއްޖޭގެ ފެތުންތެރިން މިހާތަނަށް ޖުމްލަ އަށް ޤައުމީ ރިކޯޑު އައުކޮށްފައިވާއިރު، އަންހެނުންގެ 400މީޓަރުގެ އިންޑިވިޖުއަލް މެޑްލީގައި ޤައުމީ ރިކޯޑު އޮންނަ މިރާލް އައިން ލަތީފް ވެސް ވަނީ ވާދަކޮށްފައެވެ. ނަމަވެސް، 10ވަނަ ވޯލްޑް އެކުއަޓިކްސް ޖޫނިއަރ ޗެމްޕިއަންޝިޕްގައި ފަސް މިނެޓާއި 57.86ސިކުންތުން އޭނާ ހަދާފައިވާ ރިކޯޑާ ހަމައަށް މި ފަހަރު ވާސިލެއް ނުވެވުނެވެ. މި ގޭމްސްގައި މިރާލްއަށް ރޭސް ނިންމުނީ ހަ މިނެޓާއި 3.71ސިކުންތުންނެވެ.

އޮގަސްޓު މަހުގެ ދެވަނަ ދުވަހާ ހަމައަށް ކުރިއަށް ގެންދާ މި ބައިނަލްއަޤްވާމީ ކުޅިވަރު އީދުގައި ދިވެހިރާއްޖެއިން ބައިވެރިވަނީ ފެތުމާއި އެތުލެޓިކްސްގެ ހަރަކާތްތަކުގައެވެ. މި މުބާރާތުގައި ރާއްޖޭގެ ވަފުދުގެ އެންމެ އިސްވެރިއެއްގެ ގޮތުގައި (ޗެފް ޑި މިޝަން)ހަރަކާތްތެރިވަމުން ދަނީ ނެޓްބޯޅަ އެސޯސިއޭޝަނުގެ ރައީސާ ފަޒްނާ ޖަލީލެވެ. 

ކަމުދިޔަތަ؟

ކޮމެންޓުތައް (0)

އަދި ކޮމެންޓެއް ނުލިބޭ. ފުރަތަމަ ކޮމެންޓުކޮށްލާ.

ކޮމެންޓު