ހޯދާ
ހޮނިހިރު • 17 އޮކްޓޯބަރު 2026
🔖

ޕްރޯ މުއާއި ތައި މުބާރާތަށް އީލާފާއި ޑެނިއަލް ތައްޔާރުވެއްޖެ

ޝެއާ ކުރޭ Facebook Telegram Viber X

އަންނަ މަހުގެ 9ވަނަ ދުވަހު ސްރީލަންކާގެ ބަންޑާރަނައިކެ މެމޯރިއަލް އިންޓަނޭޝަނަލް ކޮންފެރެންސް ހޯލުގައި ބޭއްވުމަށް ހަމަޖެހިފައިވާ ބައިނަލްއަޤްވާމީ ޕްރޯ މުއާއި ތައި ޗެމްޕިއަންޝިޕްގައި ރާއްޖެ ތަމްސީލުކޮށް، ރަން މެޑަލް ހޯދުމުގެ ފޮނި އުންމީދުގައި ދިވެހިރާއްޖޭގެ ކުޅަދާނަ ދެ އެތުލީޓުން ކަމަށްވާ އަޙްމަދު އީލާފް ނަދީމާއި ޑެނިއަލް ޒަކީ ފުރިހަމައަށް ތައްޔާރުވެއްޖެއެވެ.

މިއީ ސްރީލަންކާގައި ބާއްވާ މުއާއި ތައި ކުޅިވަރުގެ އެންމެ ބޮޑު އެއް ހަރަކާތްކަމަށްވާއިރު، މި މުބާރާތުގައި ދުނިޔޭގެ ނަންމަޝްހޫރު ގައުމުތައް ކަމަށްވާ ފަރަންސޭސިވިލާތާއި، ބްރެޒިލާއި، އީރާން އަދި އިންޑިއާ ފަދަ ޤައުމުތަކުގެ ފަހުލަވާނުން ވާދަކުރާނެއެވެ. ދިވެހި ޓީމުގެ ކޯޗު މުޙައްމަދު ޝަނާޒް (ޝާން)ބުނިގޮތުގައި، މިފަދަ ބޮޑު މައިދާނެއްގައި ވާދަކުރުމަކީ ދިވެހި އެތުލީޓުންގެ ބައިނަލްއަޤްވާމީ ރޭންކިންގ ކުރިއަށް ޖައްސާލުމަށާއި، ކުރިމަގުގައި އިތުރު ބޮޑެތި މުބާރާތްތަކުން ފުރުސަތު ހޯދުމަށް ހުޅުވިގެންދާނެ ވަރަށް މުހިންމު ދޮރެކެވެ. 

މި މުބާރާތުގައި ވާދަކުރާ ރާއްޖޭގެ އެންމެ ކާމިޔާބު އެއް އެތުލީޓު ކަމަށްވާ އީލާފަކީ، މި އަހަރުގެ ފެބްރުއަރީ މަހު ލަންކާގައި އޮތް ޤައުމީ މުބާރާތުގައި އެ ޤައުމުގެ އެއްވަނަ ފައިޓަރު ބަލިކޮށް ރާއްޖެއަށް ފުރަތަމަ ފަހަރަށް މި ކުޅިވަރުން ރަން މެޑަލް ގެނެސްދީފައިވާ ފަރާތެކެވެ. އީލާފް ބުނީ ކުރީގެ ކާމިޔާބީގެ ސަބަބުން އިތުރު ހިތްވަރެއް ލިބިފައިވާ ކަމަށާއި، ކޯޗުގެ އިރުޝާދުގެ ދަށުން މެދުކެނޑުމެއް ނެތި ފަރިތަކުރުންތައް ކުރިއަށްގެންދާތާ އެތައް މަހެއް ވެފައިވާ ކަމަށެވެ. މީގެ ކުރިން މެލޭޝިއާގައިވެސް ތަމްރީނުތަކެއް ފުރިހަމަކޮށްފައިވާ އީލާފްގެ އަމާޒަކީ މި ފަހަރު ވެސް ރަން މެޑައްޔެއް ޤައުމަށް ހޯދައިދިނުމެވެ.

މީގެ އިތުރުން، މި ފަހަރުގެ ޓީމުގައި ހިމެނޭ އެންމެ ހަގު އެތުލީޓު ކަމަށްވާ ޑެނިއަލް ވެސް އަންނަނީ މުބާރާތުން ރަނގަޅު ނަތީޖާއެއް ނެރުމަށް ޓަކައި ބުރަކޮށް މަސައްކަތްކުރަމުންނެވެ. އޭނާ ފާހަގަކުރި ގޮތުގައި މުއާއި ތައި އަކީ ރާއްޖެއަށް އަދި ނިސްބަތުން އާ ކުޅިވަރަކަށް ވުމުން ލޯކަލް މުބާރާތްތައް މަދުވި ނަމަވެސް، ކުރިއަށް އޮތް ތާނގައި މި ކުޅިވަރު ރާއްޖޭގައި އިތުރަށް ފުޅާވެގެންދާނެ ކަމަށް އުންމީދުކުރެއެވެ. ޑެނިއަލްގެ ވެސް އެންމެ ބޮޑު އަމާޒަކީ ދިވެހި ދިދަ ބައިނަލްއަޤްވާމީ ޕްލެޓްފޯމެއްގައި ވިހުރާލުމެވެ.

ޓީމުގެ ތައްޔާރީތަކާ ގުޅޭގޮތުން ވާހަކަދައްކަމުން ކޯޗު ޝާން ވަނީ ދިވެހި އެތުލީޓުންގެ ކިބައިގައި ހުރި މަތީ ފެންވަރުގެ ހުނަރުވެރިކަމަށް ތައުރީފުކޮށްފައެވެ. 72ކިލޯގެ ކެޓަގަރީގެ ރާއްޖޭގެ އެއްވަނަ ކަމަށްވާ އީލާފަށް ކޯޗު ޝާން ތަމްރީނުދެމުން އަންނަތާ ތިން އަހަރު ވެފައިވާއިރު، ޑެނިއަލް ތަމްރީނުކުރާތާ ދޮޅު އަހަރު ވަނީ ވެފައެވެ. މި ދަތުރުގައި ފައިޓްސޯލް ޖިމްގެ ފަރާތުންނާއި މުޅި ޓީމުގެ ފަރާތުން ލިބެމުންދާ އެއްބާރުލުން ފާހަގަކޮށް ކޯޗު ވަނީ ޝުކުރު އަދާކޮށްފައެވެ. މި ބޮޑު މުބާރާތުގައި ވާދަކުރުމަށް ދިވެހި ޓީމު ސްރީލަންކާއަށް ފުރުމަށް ހަމަޖެހިފައިވަނީ މި ހިނގާ މަހުގެ 31ވަނަ ދުވަހުއެވެ. 

ކަމުދިޔަތަ؟

ކޮމެންޓުތައް (0)

އަދި ކޮމެންޓެއް ނުލިބޭ. ފުރަތަމަ ކޮމެންޓުކޮށްލާ.

ކޮމެންޓު