ސްކޮޓްލެންޑްގެ ގްލާސްގޯގައި މިހާރު ކުރިއަށްދާ ކޮމަންވެލްތު ގޭމްސްގައި ރާއްޖޭގެ އެތުލެޓިކްސް ޓީމުގެ ދުވުންތެރިން ވާދަކުރަން ފަށާފައިވާއިރު، ގައުމީ ޓީމުގެ އަށް ދުވުންތެރިން ވެސް މިހާރު ވަނީ އެއް އިވެންޓް ފުރިހަމަކޮށްފައެވެ.
މި މުބާރާތުގައި ވާދަކުރި ރާއްޖޭގެ އަންހެން އެތުލީޓުން ވަނީ ފާހަގަކޮށްލެވޭ ފަދަ ކުރިއެރުމެއް ހޯދައި، އަމިއްލަ އަދި ސީޒަނުގެ އެންމެ ރަނގަޅު ވަގުތުތައް ރެކޯޑްކޮށްފައެވެ.
އެތުލެޓިކްސްގެ ފުރަތަމަ ދުވަސް ކަމަށްވާ މިދިޔަ ހޯމަ ދުވަހު އޮތް 100މީޓަރު ދުވުމުގައި ރާއްޖޭގެ ޒިވާ މޫސާ ޝަފީއު އާއި އަހްނާ ނިޒާރު ވަނީ އެ ކުޅުންތެރިންގެ ކެރިއަރުގެ އެންމެ ރަނގަޅު ވަގުތު ހޯދާފައެވެ. އެގޮތުން ހަތަރު ވަނަ ހީޓުގައި ދުވެ ޒިވާ 12.09ސިކުންތުން ފަސް ވަނަ ހޯދިއިރު، ހަތް ވަނަ ހީޓުގައި ވާދަކުރި އަހްނާ ވެސް ވަނީ 12.19ސިކުންތުން ފަސް ވަނަ ހޯދާފައެވެ. މީގެ އިތުރުން، 100މީޓަރުގެ ފުރަތަމަ ހީޓުގައި ދުވެ އައިޝަތު ޝަބާ ސަލީމް 12.59ސިކުންތުން ފަސް ވަނަ ހޯދިއިރު، މިއީ އޭނާގެ މި އަހަރުގެ އެންމެ ރަނގަޅު ވަގުތެވެ. އަންހެނުންގެ 800މީޓަރުގައި ވާދަކުރި ފަސޫހާ އަހުމަދު ވެސް ވަނީ 2:19.86އިން ރޭސް ނިންމައި، މި އަހަރުގެ އޭނާގެ އެންމެ ރަނގަޅު ވަގުތު ހަދާފައެވެ.
މި އިވެންޓްތަކުގެ ގައުމީ ރެކޯޑްތަކަށް ބަލާއިރު، އަންހެނުންގެ 100މީޓަރުގެ ރެކޯޑް 2024ވަނަ އަހަރު ޖަމައިކާގައި 11.87ސިކުންތުން ދުވެގެން ހަދާފައިވަނީ މަރިޔަމް ރުއުޔާ އަލީއެވެ. އަދި 800މީޓަރުގެ ގައުމީ ރެކޯޑް އޮންނަ ފަސޫހާ އެ ރެކޯޑް ހެދީ 2024ގައި ސްރީލަންކާގައި 2:13.81އިން ދުވެގެންނެވެ. ފިރިހެނުންގެ 100މީޓަރުގައި ވާދަކުރި ހަސަން ސާއިދު ނުވަ ވަނަ ހީޓުން ފަސް ވަނަ ހޯދީ 10.77ސިކުންތުންނެވެ. މިއީ އޭނާގެ މި އަހަރުގެ އެންމެ ރަނގަޅު ވަގުތަށް ވުރެ 0.03ސިކުންތު ލަސް ވަގުތެކެވެ. ސާއިދަކީ 2016ވަނަ އަހަރު ޖަމައިކާގައި 10.33ސިކުންތުން ދުވެގެން މި އިވެންޓުގެ ގައުމީ ރެކޯޑް ހަދާފައިވާ ދުވުންތެރިޔާއެވެ.
އިއްޔެ ކުރިއަށްދިޔަ 400މީޓަރުގެ ދުވުންތަކަށް ބަލާއިރު، އަންހެނުންގެ ބައިގައި ވާދަކުރި އާމިނަތު ލަޔާނާ މުހައްމަދު ހީޓުގެ ހަތް ވަނައިގައި ނިންމީ 1:01.05އިންނެވެ. އޭނާގެ ކެރިއަރުގެ އެންމެ ރަނގަޅު ވަގުތަކީ 2023ގައި ސްރީލަންކާގައި ހެދި 60.04ސިކުންތެވެ. ފިރިހެނުންގެ 400މީޓަރުގައި ވާދަކުރި ހުސެއިން ޒީކް ސުއާދު ދެ ވަނަ ހީޓުން ހަތް ވަނަ ހޯދީ 49.96ސިކުންތުންނެވެ. މިއީ މި އަހަރުގެ އެސޯސިއޭޝަން ޗެމްޕިއަންޝިޕްގައި އޭނާ ހެދި ޕާސަނަލް ބެސްޓް (49.09ސިކުންތު)އަށް ވުރެ 0.87ސިކުންތު ލަސް ވަގުތެކެވެ. އަދި ތިން ވަނަ ހީޓުގައި ވާދަކުރި އާދަމް ރިއްފަތު 50.94ސިކުންތުން ހަތް ވަނަ ހޯދިއިރު، އޭނާގެ ޕާސަނަލް ބެސްޓަކީ 49.07ސިކުންތެވެ.
އަންހެނުންގެ 400މީޓަރުގެ ގައުމީ ރެކޯޑް 2022ގެ ގައުމީ ޓައިމް ޓްރަޔަލްގައި 57.56އިން ދުވި އައިޝަތު ހަސަން އަތުގައި އޮތްއިރު، ފިރިހެނުންގެ ރެކޯޑް އޮތީ 2013ގައި 47.48ސިކުންތުން ދުވި ސާއިދު އަތުގައެވެ. މިއަދު އޮންނަ 200މީޓަރުގެ އިވެންޓްތަކުގައި ރާއްޖޭގެ ސާއިދާއި، ރިއްފަތު އަދި ޒީކް ފިރިހެނުންގެ ބައިގައި ވާދަކުރާއިރު، އަންހެނުންގެ ބައިގައި ޒިވާއާއި އަހްނާ އަދި ލަޔާނާ ވާދަކުރާނެއެވެ.
ކޮމެންޓުތައް (0)
އަދި ކޮމެންޓެއް ނުލިބޭ. ފުރަތަމަ ކޮމެންޓުކޮށްލާ.