ހޯދާ
ހޮނިހިރު • 17 އޮކްޓޯބަރު 2026
🔖

ކޮމަންވެލްތު ގޭމްސްގެ ކުޅިވަރުތައް ރަސްމީކޮށް ފަށައިފި

ޝެއާ ކުރޭ Facebook Telegram Viber X

ކޮމަންވެލްތުގެ މެމްބަރު ގައުމުތަކުގެ މެދުގައި ބާއްވާ އެންމެ ބޮޑު ކުޅިވަރު އީދު ކަމަށްވާ ކޮމަންވެލްތު ގޭމްސް، ކުލަގަދަ ހަރަކާތްތަކަކާ އެކު ސްކޮޓްލެންޑުގެ ގްލާސްގޯ ސިޓީގައި ރަސްމީކޮށް އިފްތިތާހުކޮށްފިއެވެ. 

މި މުބާރާތް ފެށުމުގެ ގޮތުން ބޭއްވި ޚާއްސަ ރަސްމިއްޔާތުގައި ދިވެހިރާއްޖޭގެ ގައުމީ ދިދަ އުފުލައިދިނީ ފެތުންތެރިޔާ މުހައްމަދު އާން ހުސައިންއެވެ. އަދި މި ހަފްލާގެ ތެރެއިން ކިންގްސް ބެޓަން ހިފައިގެން ނުކުތުމުގެ ޝަރަފު ލިބިފައި ވަނީ ރާއްޖޭގެ ޒުވާން ފެތުންތެރިޔާ މެރާލް އައިން ލަތީފަށެވެ.

މިއަހަރުގެ މުބާރާތުގައި ދިވެހިރާއްޖެއިން ވާދަކުރުމަށް ހަމަޖެހިފައި ވަނީ އެތުލެޓިކްސްގެ އިތުރުން ފެތުމުގެ އިވެންޓުތަކުގައެވެ. އެގޮތުން ފެތުމުގެ ގައުމީ ޓީމުގައި ހިމެނެނީ އާންއާއި މެރާލްގެ އިތުރުން، އަމްނާ ތަޒްކިޔާ މިރުޝާދު، މުހައްމަދު ރިހާން ޝިޔާދު އަދި ލޫތު މުހައްމަދު ހުސައިންއެވެ. މީގެ ތެރެއިން ރިހާން އަދި އާންއަކީ މީގެ ކުރިން 2022ވަނަ އަހަރުގެ ގޭމްސްގައިވެސް ވާދަކޮށްފައިވާ ތަޖުރިބާކާރު ދެ އެތުލީޓުންނެވެ.

މީގެ އިތުރުން މުބާރާތުގެ ދުވުމުގެ އިވެންޓުތަކުގައި ބައިވެރިވާ އެތުލެޓިކްސް ޓީމުގައި ރާއްޖޭގެ އެންމެ ބާރު ދުވުންތެރިޔާ ހަސަން ސާއިދުގެ އިތުރުން ހިމެނެނީ، އާދަމް ރިއްފަތު، ހުސައިން ޒީކް ސުއާދު، އަހުނާ ނިޒާރު، އައިޝަތު ޝަބާ ސަލީމް، ފަސޫހާ އަހުމަދު، ޒިވާ މޫސާ ޝަފީއު އަދި އާމިނަތު ލަޔާނާ މުހައްމަދެވެ.

ކޮންމެ ހަތަރު އަހަރަކުން އެއް އަހަރު ބާއްވަމުން އަންނަ މި ބޮޑު ކުޅިވަރު ހަރަކާތުގައި ފަންސާސް ތިން ގައުމަކުން ހަތަރު ހާހެއްހާ ކުޅުންތެރިން ބައިވެރިވާއިރު، ޖުމްލަ 18ކުޅިވަރެއްގެ 261އިވެންޓު ކުރިއަށް ގެންދިއުމަށް ވަނީ ރާވިފައެވެ. 

ތާރީޚަށް ބަލާއިރު، ދިވެހިރާއްޖެއިން އެންމެ ފުރަތަމަ ކޮމަންވެލްތު ގޭމްސްގައި ބައިވެރިވެފައި ވަނީ 1986ވަނަ އަހަރުއެވެ. ނަމަވެސް 2016ވަނަ އަހަރު ކޮމަންވެލްތުން ރާއްޖެ ވަކިވުމުގެ ސަބަބުން އެއް މުބާރާތް ގެއްލިގެން ދިޔުމަށް ފަހު، 2019ވަނަ އަހަރު އަލުން އެ ޖަމާއަތާ ގުޅި، 2022ވަނަ އަހަރުގެ ގޭމްސްގައި ރާއްޖެއިން ވަނީ އަލުން ވާދަކުރަން ފަށާފައެވެ. 

ކަމުދިޔަތަ؟

ކޮމެންޓުތައް (0)

އަދި ކޮމެންޓެއް ނުލިބޭ. ފުރަތަމަ ކޮމެންޓުކޮށްލާ.

ކޮމެންޓު