ހޯދާ
ހޮނިހިރު • 17 އޮކްޓޯބަރު 2026
🔖

އާންއާއި ލޫތު އާ ރެކޯޑުތަކެއް ގާއިމުކޮށްފި

ޝެއާ ކުރޭ Facebook Telegram Viber X

ސްކޮޓްލެންޑްގެ ގްލާސްގޯގައި މިހާރު ކުރިއަށްދާ ކޮމަންވެލްތު ގޭމްސްގައި ވާދަކޮށް، ރާއްޖޭގެ ހުނަރުވެރި ދެ ފެތުންތެރިން ކަމަށްވާ މުހައްމަދު އާން ހުސެއިން އާއި ލޫތު މުހައްމަދު ހުސެއިން ގައުމީ އާ ރެކޯޑުތަކެއް ގާއިމުކޮށްފިއެވެ.

މި ދެ ފެތުންތެރިން ވެސް ރެކޯޑު އާކޮށްފައި ވަނީ މިއަދު ބޭއްވުނު އެ މީހުންގެ ހީޓުތަކުގައި ވާދަކޮށްގެންނެވެ.

މިއަދު ބޭއްވުނު ފިރިހެނުންގެ ލޯންގްކޯސް 50މީޓަރު ބެކްސްޓްރޯކް އިވެންޓުގައި ވާދަކޮށް އާން ވަނީ އޭނާގެ އަމިއްލަ ރެކޯޑު އާކޮށްފައެވެ. ދެވަނަ ހީޓުގެ ހަތްވަނަ ލޭނުގައި ފެތި އާން މި ރޭސް ނިންމީ 29.18ސިކުންތުންނެވެ. މި ހީޓުން އޭނާއަށް ފަސްވަނަ ލިބުނުއިރު، މީގެ ކުރިން މި އިވެންޓުގެ ގައުމީ ރެކޯޑު އޭނާ ހަދާފައި ވަނީ 2024ވަނަ އަހަރު ބޭއްވި 11ވަނަ އޭޝިއަން އޭޖް ގުރޫޕް އެކުއޭޓިކްސް ޗެމްޕިއަންޝިޕްސްގައެވެ. އެ ފަހަރު އޭނާގެ ވަގުތަކީ 29.51ސިކުންތެވެ.

މީގެ އިތުރުން، ފިރިހެނުންގެ ލޯންގްކޯސް 100މީޓަރު ބްރެސްޓްސްޓްރޯކް އިވެންޓުގައި ވާދަކޮށް ލޫތު ވެސް ވަނީ ގައުމީ ރެކޯޑު އާކޮށްފައެވެ. ދެވަނަ ހީޓުގެ އެއްވަނަ ލޭނުގައި ފެތި ލޫތު ރޭސް ނިންމީ 1މިނިޓް 10.63ސިކުންތުންނެވެ. މި ހީޓުގެ ހަތްވަނަ އޭނާ ހޯދިއިރު، މީގެ ކުރިން މި ރެކޯޑު ވެސް އޮތީ ލޫތު އަތުގައެވެ. އެއީ މިދިޔަ އަހަރު ބޭއްވުނު 10ވަނަ ވޯލްޑް އެކުއޭޓިކްސް ޖޫނިއާ ޗެމްޕިއަންޝިޕްސްގައި 1މިނިޓް 10.95ސިކުންތުން ފަތައިގެންނެވެ.

މި އަހަރުގެ ކޮމަންވެލްތު ގޭމްސްގައި ރާއްޖޭގެ އެތުލީޓުން ވާދަކުރަނީ ފެތުމާއި ދުވުމުގެ އިވެންޓްތަކުގައެވެ. ރާއްޖޭގެ ފެތުމުގެ ޓީމުގައި ތިން ފިރިހެން ފެތުންތެރިންނާއި ދެ އަންހެން ފެތުންތެރިން ހިމެނޭއިރު، ދުވުމުގެ ޓީމުގައި ހިމެނެނީ ތިން ފިރިހެން ދުވުންތެރިންނާއި ފަސް އަންހެން ދުވުންތެރިންނެވެ. މާދަމާ ވެސް ފެތުމުގެ އިވެންޓްތައް ކުރިއަށްދާނެ ކަމަށްވާއިރު، ދުވުމުގެ ރޭސްތައް ފެށުމަށް ހަމަޖެހިފައިވަނީ އަންނަ ހޯމަ ދުވަހުއެވެ. 

ކަމުދިޔަތަ؟

ކޮމެންޓުތައް (0)

އަދި ކޮމެންޓެއް ނުލިބޭ. ފުރަތަމަ ކޮމެންޓުކޮށްލާ.

ކޮމެންޓު