ހޯދާ
ހޮނިހިރު • 17 އޮކްޓޯބަރު 2026
🔖

ވައުދާ އެއްގޮތަށް ކުކުރޭޔާގެ އަތުގައި ކޯޗުގެ ޓެޓޫއެއް!

ޝެއާ ކުރޭ Facebook Telegram Viber X

އެމެރިކާ ބައްރުގައި ދާދި ފަހުން ނިމިގެންދިޔަ ވޯލްޑް ކަޕްގެ ޗެމްޕިއަންކަން ސްޕޭނުން ހޯދުމާ ގުޅިގެން، ކުރިން ވެފައިވާ ވައުދަކާ އެއްގޮތަށް އެ ޓީމުގެ ޑިފެންޑަރު މާކް ކުކުރޭޔާގެ އަތުގައި ކޯޗު ލުއިސް ޑެލަފުއެންޓޭގެ ޓެޓޫއެއް ކުރަހައިފިއެވެ.

އެމެރިކާ، ކެނެޑާ އަދި މެކްސިކޯގައި ކުރިއަށްދިޔަ މި ބޮޑު މުބާރާތް ފެށުމުގެ ކުރިން އުމުރުން 28އަހަރުގެ ކުކުރޭޔާ ވަނީ، ސްޕޭނުން ތަށި އުފުލާލައިފި ނަމަ އޭނާގެ ހަށިގަނޑުގައި ކޯޗުގެ ޓެޓޫއެއް ޖަހާނެކަމަށް ބުނެފައެވެ. ކުކުރޭޔާގެ އަތުގައި މިހާރު ފެންނަން ހުރި މި ޓެޓޫއިން ދައްކުވައިދެނީ، އުމުރުން 65އަހަރުގެ ކޯޗު ޑެލަފުއެންޓޭ ރަސްމީ ކޯޓުފަޓުލޫނުގައި ހުރެ، ވޯލްޑް ކަޕްގެ ތަށި އުފުލާލައިގެން ހުންނަ ފުރިހަމަ މަންޒަރެވެ. 

މި ކުރެހުމަށް ގިނަ ބައެއްގެ ސަމާލުކަން ލިބިފައިވާއިރު، ސްޕޭން ގައުމީ ޓީމުގެ މިޑްފީލްޑަރު މިކޭލް މެރިނޯ ވަނީ މިއީ ވަރަށް ފުރިހަމަ ޓެޓޫއެއްކަމަށް ބުނެފައެވެ. ހަމައެހެންމެ، ދުނިޔޭގެ މަޝްހޫރު ޓެނިސް ތަރި ކާލޮސް އަލްކަރާޒް ވެސް ވަނީ ކުކުރޭޔާގެ މި ޓެޓޫއަށް ވަރަށް ބޮޑަށް ތައުރީފުކޮށްފައެވެ.

ވޯލްޑް ކަޕްގައި މޮޅު ކުޅުމެއް ދައްކައި، މުބާރާތުގެ ޑްރީމް ޓީމުގައި ވެސް ހިމެނުނު ކުކުރޭޔާ ވަނީ މުބާރާތަށް ފުރުމުގެ ކުރިން ސްޕޭނުގެ ގަދަބާރު ރެއާލް މެޑްރިޑަށް ސޮއިކޮށްފައެވެ. އޭނާ ފާއިތުވި ދެ ސީޒަނުގައި ކުޅެފައިވަނީ އިނގިރޭސި ޕްރިމިއާ ލީގުގެ ޗެލްސީއަށެވެ. 

ކަމުދިޔަތަ؟

ކޮމެންޓުތައް (0)

އަދި ކޮމެންޓެއް ނުލިބޭ. ފުރަތަމަ ކޮމެންޓުކޮށްލާ.

ކޮމެންޓު