ޔޫރަޕުގެ ފުޓުބޯޅައިގެ މައި އިދާރާ (ޔުއެފާ)އިން ސްވިޒަލޭންޑުގެ ނިޔޯންގައި ބޭއްވި ބައްދަލުވުމަކަށް ފަހު، ކުރިއަށް އޮތް ފުޓުބޯޅަ ސީޒަނުގައި މެޗުތަކުގެ ކުޅުން މެދުކެނޑޭ މިންވަރު މަދުކޮށް، ދަނޑުމަތީގައި ތިބޭ ރެފްރީންނަށް އިތުރު ބާރު ދިނުމުގެ ގޮތުން ވީޑިއޯ އެސިސްޓަންޓް ރެފްރީ (ވީއޭއާރް)ބޭނުންކުރުން ލިމިޓުކުރުމަށް އައު އުސޫލުތަކެއް ތައާރަފުކޮށްފިއެވެ.
ޔޫރަޕުގެ 55ގައުމެއްގެ ރެފްރީންގެ އިތުރުން ފުޓުބޯޅައިގެ ބައިނަލްއަގުވާމީ ގަވާއިދުތައް ހަދާ ބޯޑު (އައިފެބް)އިންވެސް ބައިވެރިވި މި ބައްދަލުވުމުގައި އެކުލަވާލި އުސޫލުތަކުގެ ދަށުން، ވީއޭއާރްގެ އެހީތެރިކަން ދެން ހޯދާނީ ހަމައެކަނި ރެފްރީގެ ނިންމުމެއްގައި ވަރަށް ސާފު، ބޮޑު ގޯހެއް ހެދިއްޖެ ހާލަތެއްގައި ނުވަތަ ރެފްރީގެ ލޮލަށް ނުފެނި ދާ މުހިންމު ކަންކަމުގައެވެ. ޔުއެފާއިން ފާހަގަކުރާ ގޮތުގައި، ވީޑިއޯ ޓެކްނޮލޮޖީއަކީ މެޗު ކޮންޓްރޯލްކުރާ މައި ރެފްރީގެ ބާރު ކަނޑުވައިލާ އެއްޗަކަށް ވެގެން ނުވާނެއެވެ.
މީގެ އިތުރުން، މަންޒަރުތައް ރީޕްލޭކޮށް ބެލުމަށް ގިނަ ވަގުތުތަކެއް ހޭދަވާ ނަމަ، އޭގެ މާނައަކީ އެއީ ފާޅުކަންބޮޑު ގޯހަކަށް ނުވުން ކަމަށް ބަލައި، އެފަދަ ހާލަތްތަކުގައި ވީއޭއާރް އިން މާ ގިނައިރު ޗެކުކުރުން ހުއްޓައިލުމަށް ވަނީ އަންގާފައެވެ. އަދި ވަގުތު ބޭކާރުކުރުން ހުއްޓުވުމަށް ވެސް ވަނީ ހަރުކަށި ފިޔަވަޅުތަކެއް އެޅުމަށް ނިންމާފައެވެ. އެގޮތުން، ބަދަލުކުރާ ކުޅުންތެރިންނާއި، އަނިޔާވެގެން ކުޅުން މެދުކެނޑޭ ވަގުތުގެ އިތުރުން އެއްލުން ނުވަތަ ގޯލްކިކް ނަގަން ހޭދަވާ ވަގުތު މަދުކޮށް، ބޯޅަ ކުޅުމުގެ ތެރޭގައި އޮންނަ ވަގުތު ގިނަކުރަން ރެފްރީން ޚާއްސަ ސަމާލުކަމެއް ދޭނެއެވެ.
ނިމިދިޔަ ޔޫރޯ މުބާރާތުގައި ކާމިޔާބުކަމާއެކު ތަޖުރިބާކުރި ގަވާއިދެއް ކަމަށްވާ، ރެފްރީއާ މުއާމަލާތްކުރުމުގެ ހައްގު ހަމައެކަނި ޓީމުގެ ކެޕްޓަނަށް އޮންނަ އުސޫލު ޔޫރަޕުގެ ހުރިހާ މުބާރާތެއްގައި ދެމެހެއްޓުމަށް ވެސް ވަނީ ފާސްކޮށްފައެވެ. މިއީ މެޗު ތެރެއިން ރެފްރީންނާ ދިމާލަށް ކުޅުންތެރިން ކުރާ ޝަކުވާތައް މަދުކޮށް، ރެފްރީންނަށް އޮންނަ އިހުތިރާމު ބޮޑުކުރުމަށް އެޅުނު ފިޔަވަޅެކެވެ.
ޔުއެފާގެ ރެފްރީންގެ ވެރިޔާ ރޮބާޓޯ ރޮސެޓީ ބުނީ މިއީ މުޅި ބައްރުގައި ފުޓުބޯޅައިގެ ގަވާއިދުތައް އެއްގޮތަކަށް ތަންފީޒުކުރުމަށް އެޅުނު ވަރަށް މުހިންމު ފިޔަވަޅެއް ކަމަށެވެ. އަދި އައު ސީޒަން ފެށުމުގެ ކުރިން މީގެ އިތުރު ތަފްސީލުތައް އާންމުކުރާނެކަމަށް ޔުއެފާއިން މައުލޫމާތުދެއެވެ.
ކޮމެންޓުތައް (0)
އަދި ކޮމެންޓެއް ނުލިބޭ. ފުރަތަމަ ކޮމެންޓުކޮށްލާ.