ދުނިޔޭގެ އެކި ގައުމުތަކުގެ އެތުލީޓުންނާ އެކު ސްވިޒަލޭންޑުގައި ބޭއްވި ހައިލައިން ވޯލްޑް ޗެމްޕިއަންޝިޕްގައި އާދަޔާޚިލާފު ހުނަރުތަކެއް ދައްކައި، ފިރިހެނުންގެ ސްޕީޑް އިވެންޓުގެ ދުނިޔޭގެ ރެކޯޑު މުގުރާލުމަށް ފަހު ޗައިނާގެ ލިއަންގްޕެންގް ލީ މުބާރާތުގެ އެންމެ ޝަރަފުވެރި މަގާމު ހާސިލުކޮށްފިއެވެ.
ލިއަންގްޕެންގް ލީ މި ކާމިޔާބީ ހޯދާފައި ވަނީ ބިމުން 20މީޓަރު މަތީގައި ހަރުކޮށްފައިވާ 60މީޓަރު ދިގު ވާގަނޑެއްގެ މަތިން 23.05ސިކުންތުގެ ރެކޯޑު ވަގުތެއްގައި ދުވެގެންނެވެ. ފާހަގަކޮށްލެވޭ ގޮތުގައި މިފަހަރުގެ މުބާރާތުގެ ފިރިހެނުންގެ ސްޕީޑް އިވެންޓުގައި އެކަނި ވެސް ދުނިޔޭގެ ރެކޯޑު ހަތަރު ފަހަރެއްގެ މަތިން އާކޮށްފައިވެއެވެ.
މީގެ އިތުރުން އަންހެނުންގެ ކެޓެގަރީތަކުގައި ވެސް ތާރީޚީ ކާމިޔާބީތަކެއް ފެނިގެންދިޔައެވެ. އެގޮތުން ސްޕީޑް، ފްރީސްޓައިލް އަދި ކޮމްބައިންޑް އިވެންޓްތަކުގެ އެއްވަނަ ހޯދައި، ސެސީލިއާ ސްޓޮކް ވަނީ އޭނާއަކީ މި ކުޅިވަރުގައި މަތީ ހަރުފަތެއްގެ އެތުލީޓެއްކަން ސާބިތުކޮށްދީފައެވެ.
ޖަރުމަނުވިލާތުގެ ބައިވެރިންނަށް ވެސް ބޮޑެތި ކާމިޔާބީތަކެއް ލިބުނު މި މުބާރާތުގެ ފިރިހެނުންގެ ފްރީސްޓައިލް އިވެންޓް ސެބަސްޓިއަން އެގަރ ކާމިޔާބުކުރިއިރު، ކޮމްބޯ ކެޓެގަރީގެ ރަން މެޑަލް ހޯދީ ސާޝާ ގްރިލްއެވެ. ޖުމްލަ ސާޅީހަށް ވުރެ ގިނަ އެތުލީޓުން ވާދަކުރި މި ހަރަކާތް ކުރިއަށް ގެންގޮސްފައި ވަނީ 60މީޓަރާއި 100މީޓަރާ ދެމެދުގެ ދިގުމިން ހުރި ފަސް ވާގަނޑެއް ވައިގެ ތެރޭގައި ދަމައިގެންނެވެ.
ކޮމެންޓުތައް (0)
އަދި ކޮމެންޓެއް ނުލިބޭ. ފުރަތަމަ ކޮމެންޓުކޮށްލާ.