ރާއްޖޭގެ އެންމެ މަތީ ފުޓުބޯޅަ ޑިވިޝަންގައި ހއ. ދިއްދޫ ތަމްސީލުކުރުމުގެ ފުރުސަތު އެރަށުގެ ތާރީޚުގައި ފުރަތަމަ ފަހަރަށް ހޯދައިދިން ކާމިޔާބު ކޯޗު މޫސާ އިބްރާހީމް (މުސްތަޓޭ)، އަމިއްލަ ދިރިއުޅުމުގެ ކަންކަން ހުރިގޮތުން ޓީމުގެ ހެޑް ކޯޗުގެ މަގާމުން އިސްތިއުފާދީފިއެވެ.
މިކަން ކަށަވަރުކޮށްދެމުން ދިއްދޫ ކުލަބުގެ އޮފިޝަލަކު ޕީއެސްއެމް ނިއުސްއަށް މައުލޫމާތު ދެއްވި ގޮތުގައި، ކޯޗުކަމުން މޫސާ ދުރަށް ދިޔައީ އާއިލާއަށާއި އަމިއްލަ އެހެނިހެން ކަންކަމަށް ވަގުތު ދިނުމުގެ ބޭނުމުގައެވެ. އަދި މިއީ ކުލަބުގެ މެނޭޖްމަންޓާ އެކު މަޝްވަރާކުރެވި، ދެފަރާތް އެއްބަސްވެގެން ނިންމި ނިންމުމެއްކަން ވެސް އޭނާ ފާހަގަކުރެއްވިއެވެ.
ކޯޗުގެ މި ނިންމުމާ ގުޅިގެން ދިއްދޫ ޓީމުން ވަނީ މޫސާ ކޮށްދިން މިންނަތް މަސައްކަތުގެ އަގުވަޒަންކޮށް މީސްމީޑިއާގައި ޚާއްސަ މެސެޖެއް އާންމުކޮށްފައެވެ. އެގޮތުން، ގިނަ ބަޔަކު އެ ޓީމުގެ ފެންވަރާ މެދު ޝައްކު އުފައްދަމުން ދިޔަ ދަނޑިވަޅެއްގައި، ކުޅުންތެރިންނަށް މޫސާ ދިން ހިތްވަރާއި ބެހެއްޓި އިތުބާރަށް އެ ޕޯސްޓުގައި ޝުކުރު އަދާކޮށްފައިވެއެވެ. މީގެ އިތުރުން، ދިއްދޫއަށް ފުރަތަމަ ޑިވިޝަނުގެ ޖާގައެއް ކަށަވަރުކުރެވުނީ އޭނާގެ ހަރުދަނާ އަޚުލާގާއި ސާބިތުކަމުގެ ސަބަބުންކަން ފާހަގަކޮށް، ދިއްދޫ ފުޓުބޯޅައިގެ ރަން ސަފުހާތަކުގައި މޫސާގެ ނަން އަބަދުވެސް ލިޔެވިފައި އޮންނާނެކަމަށް ކުލަބުން ބުނެފައިވެއެވެ.
އޮފިޝަލް އިތުރަށް ހާމަކުރެއްވި ގޮތުގައި، ކުރިއަށް އޮތް ފުޓުބޯޅަ ސީޒަނަށް ޓީމު ތައްޔާރުކުރުމުގެ ގޮތުން އައު ކޯޗެއް ހޯދުމުގެ މަސައްކަތް މެނޭޖްމަންޓުން މިހާރު ވަނީ ފަށާފައެވެ. ނަމަވެސް އަދި ވަކި ފަރާތަކާ އެކު ރަސްމީކޮށް މަޝްވަރާތައް ފަށާފައިނުވާކަމަށް އޭނާ ވިދާޅުވިއެވެ. އަދި ކުރިއަށް އޮތް ތަނުގައި ޓީމުގެ ސްކޮޑަށް ކުޅުންތެރިން އިތުރުކުރާނީ އަލަށް ހަވާލުވާ ކޯޗެއްގެ ލަފަޔާއި އިރުޝާދުގެ މަތިންކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
ނޯތު ރީޖަން ލީގުގެ ތަށި އުފުލާލުމަށް ފަހު މާލޭގައި ކުޅުނު ދިވެހި ލީގުގައި ދިއްދޫއިން ވަނީ މޮޅު ކުޅުމެއް ދައްކާފައެވެ. އެގޮތުން، ކުޅުނު ފަސް މެޗުގެ ތެރެއިން ތިން މެޗު ކާމިޔާބުކޮށް އަދި އެއް މެޗު އެއްވަރުކޮށްގެން އެ ޓީމުން ވަނީ 10ޕޮއިންޓާއެކު ޕްރިމިއަރ ލީގުގެ ޖާގައެއް ކަށަވަރުކޮށްފައެވެ. ލީގުގެ އެއްވަނަ އަދި ދެވަނައިގައި އޮތް ޓީސީ ސްޕޯޓްސް ކުލަބާއި ބިސްބުރު ސްޕޯޓްސް ކުލަބަށްވެސް 10ޕޮއިންޓު ލިބިފައިވާއިރު، މި ޓީމުތަކުގެ ތަރުތީބު ކަނޑައަޅާފައިވަނީ ފައިދާ ގޯލަށް ބަލައިގެންނެވެ.
ކޮމެންޓުތައް (0)
އަދި ކޮމެންޓެއް ނުލިބޭ. ފުރަތަމަ ކޮމެންޓުކޮށްލާ.