ދެކުނު އޭޝިއާގެ އެންމެ ބޮޑު ފުޓްބޯޅަ މުބާރާތް ކަމަށްވާ ސާފް ޗެމްޕިއަންޝިޕްގެ މިއަހަރުގެ މުބާރާތުގެ ޓައިޓަލް ސްޕޮންސަރަކަށް ޗައިނާގެ މަޝްހޫރު މޯބައިލް ފޯނު އުފައްދާ ކުންފުނި "ޓެކްނޯ"ހަމަޖައްސައިފިއެވެ.
މިއާ އެކު، އަންނަ ނޮވެމްބަރު މަހުގެ 4އިން 17އަށް ބަންގްލަދޭޝްގެ ވެރިރަށް ޑާކާގައި ބޭއްވުމަށް ހަމަޖެހިފައިވާ މިއަހަރުގެ މުބާރާތް ކުރިއަށްދާނީ "ޓެކްނޯ ސާފް ޗެމްޕިއަންޝިޕް"ގެ ނަމުގައެވެ.
މިއަހަރުގެ މުބާރާތް ރަސްމީކޮށް ލޯންޗުކޮށްފައި ވަނީ ސައުތު އޭޝިއަން ފުޓްބޯލް ފެޑެރޭޝަން (ސާފް)އާއި ބަންގްލަދޭޝް ފުޓްބޯޅަ ފެޑެރޭޝަން ގުޅިގެން އިއްޔެ ޑާކާގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައެވެ. ޑާކާ ޝެރެޓަން ހޮޓަލުގައި ބޭއްވި މިހަފްލާގައި މި ސަރަހައްދުގެ ގައުމުތަކުގެ މަންދޫބުންނާއި، ފުޓްބޯޅައިގެ އިސްވެރިންގެ އިތުރުން ނޫސްވެރިންނާއި ސޯޝަލް މީޑިއާ އިންފްލުއެންސަރުން ބައިވެރިވިއެވެ. މި ރަސްމިއްޔާތުގައި ރާއްޖޭގެ ފަރާތުން ބައިވެރިވެވަޑައިގެންނެވީ ބަންގްލަދޭޝްގައި ހުންނަވާ ދިވެހި ސަފީރު ޝިއުނީން ރަޝީދެވެ.
މި އެއްބަސްވުމާ ގުޅޭގޮތުން ސާފްގެ ޖެނެރަލް ސެކްރެޓަރީ ޕުރުޝޮޓަމް ކަޓޭލް ވިދާޅުވީ، ޓެކްނޯއާ އެކު ވެވުނު މި ބައިވެރިވުމުގެ ސަބަބުން ސާފް ޗެމްޕިއަންޝިޕް އިތުރު ހަރުފަތަކަށް އުފުލިގެންދާނެ ކަމަށެވެ. މީގެ ކުރިން މި މުބާރާތުގެ ޓައިޓަލް ސްޕޮންސަރުކަން ކޮކާކޯލާ، ކާބަން އަދި ސުޒުކީ ފަދަ ބޮޑެތި ކުންފުނިތަކުން ކޮށްފައިވެއެވެ.
ފަހަކަށް އައިސް ސާފް ޗެމްޕިއަންޝިޕަށް ބައިނަލްއަގުވާމީ ސްޕޮންސަރުން ހޯދުމުގައި ބޮޑެތި ދަތިތަކަކާ ކުރިމަތިވެފައިވަނިކޮށް، ބަންގްލަދޭޝްއިން ޓެކްނޯއާއެކު މި ގާއިމުކުރި އެއްބަސްވުމުގެ ސަބަބުން މުބާރާތުގެ ފެންވަރު އިތުރަށް މަތިވެގެންދާނެ ކަމަށް ބެލެވެއެވެ.
ކޮމެންޓުތައް (0)
އަދި ކޮމެންޓެއް ނުލިބޭ. ފުރަތަމަ ކޮމެންޓުކޮށްލާ.