މިއަހަރުގެ ނޮވެމްބަރު މަހު ބަންގްލަދޭޝްގައި ބޭއްވުމަށް ހަމަޖެހިފައިވާ ސާފް ޗެމްޕިއަންޝިޕް ކާމިޔާބުކުރުމުގެ އަޒުމުގައި، އެ ގައުމުގެ ގައުމީ ފުޓްބޯޅަ ޓީމަށް ސެޕްޓެމްބަރު މަހުގެ އިންޓަނޭޝަނަލް ބްރޭކުގައި އެކުވެރިކަމުގެ ހަތަރު މެޗެއް ހޯދައިދިނުމަށް ބަންގްލަދޭޝް ފުޓްބޯޅަ ފެޑެރޭޝަނުން މަސައްކަތް ފަށައިފިއެވެ.
އަމިއްލަ ގައުމުގައި ކުޅޭ މި މުބާރާތުގެ ތަށި ހޯދުމަކީ ބަންގްލަދޭޝްގެ އެންމެ ބޮޑު އަމާޒެވެ.
ބަންގްލަދޭޝް ފުޓްބޯޅަ ފެޑެރޭޝަނުގެ ރައީސް ތަބިތު އަވަލް އެ ގައުމުގެ "ދި ޑެއިލީ ސްޓާ"ނޫހަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ، ސެޕްޓެމްބަރު މަހުގެ ތެރޭގައި ގައުމީ ޓީމަށް 10ދުވަހުގެ ތަމްރީން ކޭމްޕެއް ކުރިއަށްދާނެ ކަމަށެވެ. އަދި ސާފް ޗެމްޕިއަންޝިޕް ފެށުމުގެ ކުރިން އިތުރު ދެ ހަފުތާގެ ތަމްރީން ކޭމްޕެއް ވެސް ކުރިއަށް ގެންދަން ވަނީ ރާވާފައެވެ.
"އަހަރެމެން ހަތަރު މެޗު ހޯދައިދޭނަން. ބޭނުމަކީ ރޭންކިންގައި މައްޗަށް ޖެހިލުމާއި، ސާފް ޗެމްޕިއަންޝިޕަށް ތައްޔާރުވުން"ތަބިތު ވިދާޅުވިއެވެ.
ބަންގްލަދޭޝްގެ އާ ފުޓްބޯޅަ ސީޒަން އަންނަ އޮގަސްޓް މަހުގެ 21ވަނަ ދުވަހު ފެށުމަށް ތާވަލުކޮށްފައިވީ ނަމަވެސް، ސީޒަން ހުޅުވާ މެޗުގައި ވާދަކުރާ ބަޝުންދުރާ ކިންގްސް އާއި އަބަހާނީ ލިމިޓެޑުން އަދި ޕްރީ ސީޒަން ފަރިތަކުރުންތައް ފަށާފައެއް ނުވެއެވެ. ގައުމީ ޓީމުގެ ގިނަ ކުޅުންތެރިން ނިސްބަތް ވަނީ ވެސް މި ދެ ކްލަބަށެވެ. އެހެންކަމުން، ފެޑެރޭޝަނުން ބުނީ ހަމައެކަނި ކްލަބްތަކަށް ބަރޯސާވެގެން ތިބެވެން ނެތް ކަމަށާއި، ކުޅުންތެރިންގެ ފިޓްނަސްއާއި އަނިޔާގެ މައްސަލަތަކުގެ އިތުރުން ކެއިންބުއިމުގެ ކަންކަން ގައުމީ ޓީމުގެ ކޮމިޓީން ވަރަށް ގާތުން ބަލަމުންދާ ކަމަށެވެ. އޮގަސްޓް މަސް ފެށުމުގެ ކުރިން ކްލަބްތަކުން ފަރިތަކުރުންތައް ފަށާނެ ކަމަށް އުއްމީދުކުރާ ކަމަށް ވެސް ފެޑެރޭޝަނުން ބުނެއެވެ.
ބަންގްލަދޭޝް ޓީމުގައި ހިމެނޭ އެންމެ މުހިއްމު ދެ ކުޅުންތެރިންނަކީ އިނގިރޭސި ތިން ވަނަ ޑިވިޝަނުގެ ލެސްޓާ ސިޓީއަށް ކުޅޭ ހަމްޒާ ޗައުދަރީއާއި އިޓަލީގެ ފަސް ވަނަ ޑިވިޝަނުގެ އޮބްލިއާ ކަލްޗިއޯއަށް ކުޅޭ ފަހަމެދުލް އިސްލާމެވެ. ނަމަވެސް، ސާފް ޗެމްޕިއަންޝިޕް ފެށުމަށް ހަމަޖެހިފައި ވަނީ ނޮވެމްބަރު މަހުގެ ފީފާ ބްރޭކް ފެށުމުގެ ފަސް ދުވަސް ކުރިން ކަމަށްވާތީ، މުބާރާތުގެ ކުރީކޮޅު މި ދެ ކުޅުންތެރިންނަށް ގައުމީ ޓީމާ ގުޅުމުގައި ދަތިތަކެއް ކުރިމަތިވެ، މެޗުތައް ގެއްލުމުގެ ފުރުސަތު އެބައޮތެވެ.
ކޮމެންޓުތައް (0)
އަދި ކޮމެންޓެއް ނުލިބޭ. ފުރަތަމަ ކޮމެންޓުކޮށްލާ.