މުހިންމު ކުޅުންތެރިންތަކެއް ކްލަބް ދޫކޮށް ދިއުމާ ގުޅިގެން ޑިފެންސް ލައިން ވަރުގަދަކުރުމުގެ މަގުސަދުގައި، ޓޮޓެންހަމް ހޮޓްސްޕާސްއަށް ކުޅެމުން އަންނަ އާޖެންޓީނާގެ އުމުރުން 28އަހަރުގެ ހުނަރުވެރި ޑިފެންޑަރު ކްރިސްޓިއަން ރޮމޭރޯ އެ ޓީމަށް ގެނައުމުގެ މަސައްކަތް އިޓަލީގެ އިންޓަ މިލާނުން ރަސްމީކޮށް ފަށައިފިއެވެ.
އިންޓަ މިލާނުގެ ސްޕޯޓިން ޑައިރެކްޓަރު ޕިއެރޯ ވަނީ މިކަން ކަށަވަރުކޮށްދީފައެވެ. އޭނާ ހާމަކުރި ގޮތުގައި ރޮމޭރޯ އަކީ އެ ކްލަބްގެ ކުރިމަގުގެ ތަސައްވުރާ ފުރިހަމައަށް ގުޅޭ، އަދި ޓީމަށް ވަރަށް ބޮޑަށް ބޭނުންވެފައިވާ ކުޅުންތެރިއެކެވެ. މީގެ އިތުރުން، އެ ކްލަބުން އޭނާ ހޯދަން ކުރާ މަސައްކަތް ކާމިޔާބުވުމުގެ ފުރުސަތު ބޮޑުކަމަށްވެސް އޭނާ ފާހަގަކުރިއެވެ. އަނެއްކޮޅުން، ޓޮޓެންހަމްގެ ކޯޗު ރޮބާޓޯ ޑިޒާބީ ވަނީ ރޮމޭރޯގެ މަގާމަށް އިތުރު ދެ ކުޅުންތެރިން ގެނެސްފައިވުމާ އެކު، އޭނާ ވިއްކާލުމަށް އެ ކްލަބުން ވެސް އޮތީ ފުރިހަމައަށް ތައްޔާރުވެފައެވެ.
އިޓަލީގެ ގަދަބާރުން ރޮމޭރޯއަށް ފާރަލާން ޖެހުނު މައިގަނޑު ސަބަބަކީ، އެ ޓީމުގެ ފަހަތް ބަލަހައްޓަމުންދިޔަ ޑަމްފްރައިސް ސްޕެއިންގެ ރެއާލް މެޑްރިޑަށް ބަދަލުވުމެވެ. އަދި ހަމައެހެންމެ، ތަޖުރިބާކާރު ޑިފެންޑަރު ސްޓެފަން ޑީވްރާޖްގެ ފަރާތުން އެންމެ އެދެވޭ ކުޅުމެއް ނުފެންނާތީ، އޭނާއަށް މުޅިން ބަރޯސާވެވެން ނެތުމެވެ. ޓޮޓެންހަމުން ރޮމޭރޯ ދޫކޮށްލަން އެއްބަސްވާ މައިގަނޑު ސަބަބަކީ، އޭނާގެ ފަރާތުން ފެންނަ ޑިސިޕްލިންގެ މައްސަލަތަކާއި ގިނަގިނައިން ރަތް ކާޑު ހޯދުންކަމަށް ރިޕޯޓުތައް ބުނެއެވެ.
މިދިޔަ 2021ވަނަ އަހަރު ޓޮޓެންހަމާ ގުޅުނު ރޮމޭރޯއަކީ ކްލަބް ލެވެލްގައި ކާޑުތައް ގިނަވި ނަމަވެސް، ގައުމީ ޓީމުގައި ތަފާތު މޮޅު ކުޅުމެއް ދައްކަމުން އަންނަ ތަރިއެކެވެ. އެގޮތުން 2022ވަނަ އަހަރުގެ ފީފާ ވޯލްޑް ކަޕްގެ އިތުރުން ދާދި ފަހުން ނިމިގެންދިޔަ މުބާރާތުގައިވެސް އާޖެންޓީނާގެ ޑިފެންސް ލައިނުގައި އޭނާ ވަނީ އިތުބާރާއެކު މޮޅު ކުޅުމެއް ދައްކާފައެވެ. ސްޕެއިންގެ މީޑިއާތަކުން މައުލޫމާތުދޭ ގޮތުގައި ބާސެލޯނާއިން ވެސް އަންނަނީ އޭނާއަށް ޝައުގުވެރިކަން ފާޅުކުރަމުންނެވެ. ނަމަވެސް މިހާތަނަށް ރަސްމީ ބިޑެއް ކޮށްފައެއް ނުވެއެވެ. ވޯލްޑް ކަޕްގައި ދެއްކި މޮޅު ކުޅުމާއެކު ރޮމޭރޯގެ އަގު ގާތްގަނޑަކަށް 50މިލިއަން ޔޫރޯއަށް އަރާފައިވީ ނަމަވެސް، އިންޓަ މިލާނުގެ އަމާޒަކީ ގިނަވެގެން 30މިލިއަން ޔޫރޯގެ ފީއަކަށް މި ޓްރާންސްފާ ނިންމާލުމެވެ.
ކޮމެންޓުތައް (0)
އަދި ކޮމެންޓެއް ނުލިބޭ. ފުރަތަމަ ކޮމެންޓުކޮށްލާ.