މެންޗެސްޓަރ ސިޓީއާއެކު ހަދާފައިވާ ކޮންޓްރެކްޓް ހަމަވުމުން ހިލޭ ޓްރާންސްފާއެއްގެ ދަށުން އިނގިރޭސިވިލާތުގެ ތަޖުރިބާކާރު ޑިފެންޑަރު ޖޯން ސްޓޯންސް އިޓަލީގެ ޗެމްޕިއަން އިންޓަ މިލާނަށް ބަދަލުވުމުގެ އެންމެފަހުގެ މަރުހަލާގެ މަސައްކަތްތައް ފަށައިފިއެވެ.
މީޑިއާ ރިޕޯޓުތައް ބުނާގޮތުން، އުމުރުން 32އަހަރުގެ ކުޅުންތެރިޔާ ހޯދުމަށް ޔުވެންޓަސްއާއި ޗެލްސީ ފަދަ ޔޫރަޕުގެ ނަން މަޝްހޫރު ގިނަ ކުލަބުތަކަކުން މަސައްކަތްކުރި ނަމަވެސް، އޭނާ ވަނީ އިންޓަ މިލާނާ އެކު ދެ އަހަރު ދުވަހުގެ އެއްބަސްވުމެއްގައި ސޮއިކުރަން ނިންމާފައެވެ.
އެވަޓަންއިން 2016ވަނަ އަހަރު 47.5މިލިއަން ޕައުންޑުގެ އަގަކަށް ސިޓީއަށް ބަދަލުވުމަށް ފަހު، ސްޓޯންސް ވަނީ އެ ކުލަބަށް ކުޅެދިން 295މެޗުގައި ގިނަ ކާމިޔާބީތަކެއް ހޯދައިދީފައެވެ. އޭގެ ތެރޭގައި ހަ ފަހަރު ޕްރިމިއާ ލީގު އުފުލާލުމުގެ އިތުރުން، ޗެމްޕިއަންސް ލީގާއި، ކުލަބު ވޯލްޑް ކަޕާއި، ޔުއެފާ ސުޕަ ކަޕް އަދި އެފްއޭ ކަޕާއި ލީގު ކަޕް ފަދަ ޝަރަފުވެރި މުބާރާތްތައް ހިމެނެއެވެ.
ބާންސްލީއިން ފުޓުބޯޅައިގެ ކެރިއަރު ފެށި ސްޓޯންސްއަކީ އިނގިރޭސި ޤައުމީ ޓީމުގެ މުހިންމު ކުޅުންތެރިއެކެވެ. އެގޮތުން ޤައުމީ ޖާޒީގައި 93މެޗު އޭނާ ކުޅެފައިވާއިރު، 2026ވަނަ އަހަރުގެ ފީފާ ވޯލްޑް ކަޕްގެ ތިންވަނަ މަޤާމު އިނގިރޭސިވިލާތުން ހޯދިއިރު އެ ޓީމުގައި އޭނާގެ ހިއްސާ ބޮޑެވެ.
ކޮމެންޓުތައް (0)
އަދި ކޮމެންޓެއް ނުލިބޭ. ފުރަތަމަ ކޮމެންޓުކޮށްލާ.