ސްޕެއިންގެ ޗެމްޕިއަން ބާސެލޯނާއިން އެޓްލެޓިކޯ މެޑްރިޑްގެ ފޯވަޑް ހޫލިއަން އަލްވަރޭޒް ހޯދަން ކުރާ މަސައްކަތް ކާމިޔާބުނުވެއްޖެ ހާލަތެއްގައި، ޓީމުގެ ފޯވާޑްލައިން ވަރުގަދަކުރުމުގެ ގޮތުން އިޓަލީގެ އިންޓަ މިލާނަށް ކުޅެމުން އަންނަ އާޖެންޓީނާގެ ތަރި ލައުޓާރޯ މާޓިނޭޒް ގެނައުމަށް އެ ކްލަބުން ތައްޔާރުވަމުންދާކަމަށް ސްޕެއިންގެ ނޫސްތަކުން ރިޕޯޓުކޮށްފިއެވެ.
ތަޖުރިބާކާރު ފޯވަޑް ރޮބަޓް ލެވަންޑޯސްކީ ކްލަބު ދޫކޮށް ދިއުމާއި، ފެރާން ޓޯރޭޒް ވެސް އެހެން ޓީމަކަށް ބަދަލުވުމުގެ ފުރުސަތު ބޮޑުވުމާ އެކު، އާ ފޯވަޑެއް ހޯދުމަކީ ބާސެލޯނާއަށް މިހާރު މަޖުބޫރު ކަމެކެވެ. ކަޓަލާން ކްލަބުގެ އެންމެ ފުރަތަމަ ޗޮއިސްއަކީ އަދިވެސް އަލްވަރޭޒްއެވެ. ނަމަވެސް، އޭނާ ދޫކޮށްލުމަށް އެޓްލެޓިކޯއިން އެއްބަސްނުވާނެކަން ބާސެލޯނާއަށް ވެސް ވަނީ ދެނެގަނެވިފައެވެ. ރިޕޯޓުތައް ބުނާގޮތުން، މި ހަފްތާގެ ނިޔަލަށް އަލްވަރޭޒްގެ ޓްރާންސްފާއާ ގުޅޭގޮތުން ގޮތެއް ނިންމުމަށް ބާސެލޯނާއިން އަންނަނީ މަސައްކަތްކުރަމުންނެވެ.
އެޓްލެޓިކޯގެ ޓްރެއިނިންގތަކާ އަލްވަރޭޒް މި ހަފްތާގައި ގުޅޭއިރު، ކޯޗު ޑިއޭގޯ ސިމިއޯނީއާއި ކްލަބުގެ އިސްވެރިންގެ ގާތުގައި އޭނާ ބާސެލޯނާއަށް ބަދަލުވާން ބޭނުންވާކަން ހާމަކުރާނެކަމަށް ބެލެވެއެވެ. އެހެން ނަމަވެސް، މި ޓްރާންސްފާ ބާޒާރުގައި އެއްވެސް އަގެއްގައި އޭނާ ނުވިއްކާނެކަމަށް މެޑްރިޑްގެ ކްލަބުން ވަނީ ކަނޑައަޅާފައެވެ. މިއާ އެކު އަލްވަރޭޒްގެ ޑީލް ކުރިއަށް ނުގޮސް ފިނަމަ، ބާސެލޯނާގެ ރާޑަރަށް ދެން އަރާނީ އުމުރުން 29އަހަރުގެ ލައުޓާރޯއެވެ.
އިންޓަ މިލާންގެ ކެޕްޓަންކަން ވެސް ކުރަމުން އަންނަ ހުނަރުވެރި ފޯވަޑް ހޯދުމަކީ ވެސް ފަސޭހަ ކަމަކަށް ނުވާނެއެވެ. އޭނާ އިންޓައާ އެކު ހަދާފައިވާ ކޮންޓްރެކްޓް 2029ވަނަ އަހަރާ ހަމައަށް ދެމިއޮންނަ ހިނދު އޭނާގެ އަގު ވެސް އުޅެނީ 85މިލިއަން ޔޫރޯގައެވެ. އޭގެ އިތުރުން، އާ ސީޒަން ފެށެން ކުޑަ ދުވަސްކޮޅަކަށް ވެފައިވަނިކޮށް، ޓީމުގެ އެންމެ މުހިންމު އެއް ކުޅުންތެރިޔާ ވިއްކާލުމަކީ އިންޓައިން އެއްގޮތަކަށް ވެސް ބޭނުންވާނެ ގޮތެއް ނޫނެވެ.
ކޮމެންޓުތައް (0)
އަދި ކޮމެންޓެއް ނުލިބޭ. ފުރަތަމަ ކޮމެންޓުކޮށްލާ.