ސްކޮޓްލެންޑުގެ ގްލާސްގޯގައި މިހާރު ކުރިއަށްދާ 23ވަނަ ކޮމަންވެލްތު ގޭމްސްގެ ތިންވަނަ ދުވަހުގެ ފެތުމުގެ ހަރަކާތްތަކުގައި ރާއްޖޭގެ ގައުމީ ޓީމުގެ އަމްނާ ތަޒްކިޔާ މިރުސާދާއި ލޫތު މުހައްމަދު ހުސައިން މޮޅު ކުޅުމެއް ދައްކައި، ރާއްޖޭގެ ފެތުމުގެ އައު ގައުމީ ރެކޯޑުތަކެއް ގާއިމުކޮށްފިއެވެ.
މި ކާމިޔާބީއާ އެކު، މި މުބާރާތުގައި ދިވެހި ފެތުންތެރިން މުގުރާލި ގައުމީ ރެކޯޑުގެ އަދަދު ވަނީ ޖުމްލަ ހަޔަކަށް އަރާފައެވެ. ތަޒްކިޔާ އޭނާގެ އަމިއްލަ ރެކޯޑު އައުކުރީ އަންހެނުންގެ 100މީޓަރު ފްރީސްޓައިލް ކެޓަގަރީގައި 1މިނެޓާއި 02.74ސިކުންތުން ރޭސް ފުރިހަމަކޮށްގެންނެވެ. އޭނާ މީގެ ކުރިން މި ރެކޯޑު ހަދާފައި ވަނީ އޭޝިއަން އޯޕަން ސްކޫލް އިންވިޓޭޝަނަލް މުބާރާތުގައި 1މިނެޓާއި 03.67ސިކުންތުންނެވެ.
ފިރިހެނުންގެ 50މީޓަރު ބްރެސްޓްސްޓްރޯކް އިވެންޓުގައި ވާދަކޮށް ލޫތު ރެކޯޑު މުގުރާލީ 31.54ސިކުންތުންނެވެ. މީގެ ކުރިންވެސް މި ކެޓަގަރީގެ ރެކޯޑު އޮންނަނީ ލޫތު އަތުގައެވެ. އެއީ 10ވަނަ ވޯލްޑް އެކުއަޓިކްސް ޖޫނިއަރ މުބާރާތުގައި 31.81ސިކުންތުން ރޭސް ނިންމައިގެން އޭނާ ހޯދާފައިވާ ކާމިޔާބީއެކެވެ.
މި ދެ އެތުލީޓުންގެ ކުރިން ވެސް ބައެއް ދިވެހި ފެތުންތެރިން ވަނީ މި ގޭމްސްގައި ރެކޯޑުތަކެއް ހަދާފައެވެ. އޭގެ ތެރޭގައި 200މީޓަރުގެ ފްރީސްޓައިލް އިވެންޓުން މެރާލް އައިން ލަތީފް ހެދި ރެކޯޑާއި، 50މީޓަރުގެ ބެކްސްޓްރޯކް ކެޓަގަރީން އާން ގާއިމުކުރި ރެކޯޑު ހިމެނެއެވެ. މީގެ އިތުރުން 100މީޓަރުގެ ބްރެސްޓްސްޓްރޯކުން ލޫތު ހެދި ރެކޯޑާއި 4ގުނަ 100މީޓަރުގެ މިކްސް ރިލޭ ޓީމުން އައުކުރި ރެކޯޑު ވެސް ފާހަގަކޮށްލެވެއެވެ.
ކޮމަންވެލްތު ގޭމްސްގައި ދެން އެންމެ އަވަހަށް ފެނިގެންދާނީ ދިވެހި އެތުލެޓިކްސް ޓީމުގެ ހަރަކާތްތަކެވެ. އެގޮތުން މާދަމާ ފިރިހެނުންނާއި އަންހެނުންގެ 100މީޓަރުގެ ދުވުމުގެ އިތުރުން އަންހެނުންގެ 800މީޓަރުގެ ދުވުމުގެ އިވެންޓުތައް ފެށޭނެއެވެ.
ކޮމެންޓުތައް (0)
އަދި ކޮމެންޓެއް ނުލިބޭ. ފުރަތަމަ ކޮމެންޓުކޮށްލާ.