ހޯދާ
ހޮނިހިރު • 17 އޮކްޓޯބަރު 2026
🔖

ސްވިމިންގ ޓީމުން އިތުރު ދެ ރިކޯޑު އައުކޮށްފި

ޝެއާ ކުރޭ Facebook Telegram Viber X

ސްކޮޓްލެންޑުގެ ގްލާސްގޯގައި މިހާރު ކުރިއަށްދާ 23ވަނަ ކޮމަންވެލްތު ގޭމްސްގެ ފެތުމުގެ އިވެންޓުތަކުގައި މޮޅު ހުނަރުތަކެއް ދައްކައި، ދިވެހިރާއްޖޭގެ ގައުމީ ސްވިމިންގ ޓީމުން މުބާރާތުގެ ދެވަނަ ދުވަހު އިތުރު ދެ ޤައުމީ ރިކޯޑެއް މުގުރާލައިފިއެވެ.

މި މުބާރާތުގައި ރާއްޖެއިން އެންމެ ފަހުން އައުކޮށްފައި ވަނީ އަންހެނުންގެ 200މީޓަރު ފްރީސްޓައިލް ކެޓަގަރީގެ ރިކޯޑާއި، 4ގުނަ 100މީޓަރުގެ މިކްސް ފްރީސްޓައިލް ރިލޭގެ ރިކޯޑެވެ. 200މީޓަރުގެ ފްރީސްޓައިލް ރޭހުން އައު ރިކޯޑެއް ގާއިމުކުރީ 2މިނެޓާއި 25.08ސިކުންތުން ރޭސް ނިންމައިގެން، ވާދަކުރި ހީޓުގެ ފަސްވަނަ ހޯދި މިރާލް އައިން ލަތީފެވެ. އޭނާ އެ މުގުރާލީ 2016ވަނަ އަހަރު ތައިލެންޑުގައި ބޭއްވި މުބާރާތެއްގައި 2މިނިޓް 25.32ސިކުންތުން ރޭސް ނިންމައިގެން އާމިނަތު ޝަޖަން ހަދާފައިވާ ރިކޯޑެވެ.

މިކްސް ރިލޭ އިވެންޓުގައި ރާއްޖެ ތަމްސީލުކުރީ މިރާލް، މުޙައްމަދު އާން ހުސައިން، މުޙައްމަދު ރިހާން ޝިހާމް އަދި އަމްނާ ތަޒްކިޔާ މިރުސާދު ހިމެނޭ ޓީމުންނެވެ. މި ޓީމުން ވަނީ 4މިނެޓު 0.64ސިކުންތުން ރޭސް ނިންމައިގެން ހަވަނަ ހޯދާފައެވެ. މީގެ ކުރިން މި ރިކޯޑު އޮތީ މިދިޔަ އަހަރުގެ ވޯލްޑް އެކުއަޓިކްސް ޗެމްޕިއަންޝިޕްގައި 4މިނެޓު 4.21ސިކުންތުން ރޭސް ނިންމި ރާއްޖޭގެ ޓީމުގެ އަތުގައެވެ.

މި ކާމިޔާބީތަކުގެ އިތުރުން، ފިރިހެނުންގެ 50މީޓަރު ފްރީސްޓައިލްގައި ވާދަކޮށް އާން ވަނީ 24.59ސިކުންތުން އޭނާގެ ހީޓުގެ ފަސްވަނަ ހޯދާފައެވެ. މުބާރާތުގެ ދެވަނަ ދުވަހު ދެ ރިކޯޑު ހެދިއިރު، ގޭމްސްގެ ފުރަތަމަ ދުވަހު ވެސް ދިވެހި ފެތުންތެރިން ވަނީ ދެ ރިކޯޑެއް އައުކޮށްފައެވެ. އެއީ 50މީޓަރު ބެކްސްޓްރޯކުން އާން ހެދި ރިކޯޑާއި، 100މީޓަރު ބްރެސްޓްރޯކުން ލޫތު މުޙައްމަދު ހުސައިން ގާއިމުކުރި ރިކޯޑެވެ. 

އޮގަސްޓު މަހުގެ ދެވަނަ ދުވަހާ ހަމައަށް ކުރިއަށްދާ ކޮމަންވެލްތު ގޭމްސްގައި ރާއްޖެއިން ބައިވެރި ވަނީ ފެތުމުގެ އިތުރުން އެތުލެޓިކްސްގައެވެ. ފަސް ފެތުންތެރިން ސްވިމިންގ ޓީމުގައި ހިމެނޭއިރު، އެތުލެޓިކްސް ޓީމުގައި އަހްނާ ނިޒާރު، ޒިވާ މޫސާ ޝަފީއު، ފަސޫހާ އަޙްމަދު، އައިޝަތު ޝަބާ ސަލީމް، އައިމިނަތު ލަޔާނާ މުޙައްމަދު، އާދަމް ރިއްފަތު، ހަސަން ސާއިދު އަދި ހުސެއިން ޒީކް ސުއާދު ހިމެނޭހެން ޖުމްލަ 8 އެތުލީޓުން ވާދަކުރެއެވެ.

މި ފަހަރުގެ ގޭމްސްގައި ދިވެހި ކޮންޓިންޖެންޓުގެ އެންމެ އިސްވެރިއެއްގެ ގޮތުގައި، ޗެފް ޑި މިޝަނެއްގެ މަގާމު ފުރުއްވަނީ ނެޓްބޯޅަ އެސޯސިއޭޝަންގެ ރައީސާ ފަޒްނާ ޖަލީލެވެ. 

ކަމުދިޔަތަ؟

ކޮމެންޓުތައް (0)

އަދި ކޮމެންޓެއް ނުލިބޭ. ފުރަތަމަ ކޮމެންޓުކޮށްލާ.

ކޮމެންޓު