ރާއްޖޭގެ އަންހެން ފުޓްބޯޅަ ކުރިއެރުވުމަށް ޚާއްޞަކޮށްގެން އެކުލަވައިލި ފުރަތަމަ ސްޓްރެޓެޖިކް ޕްލޭން ފާސްކުރުމަށް، ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް)ގެ އެކްސްޓްރާ އޯޑިނަރީ ކޮންގްރެސްގެ ޑްރާފްޓް އެޖެންޑާގައި ހިމަނައިފިއެވެ.
މިރޭ ބޭއްވުމަށް ހަމަޖެހިފައިވާ މި ކޮންގްރެސްގައި ފާސްކުރުމަށް ހުށަހަޅާފައި ވަނީ "އަންހެން ފުޓްބޯޅަ ތަރައްގީކުރުމުގެ ސްޓްރެޓީޖިކް ޕްލޭން 2026-2030"އެވެ. މިއީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ތިބި އަންހެން ކުދިންނަށް ފުޓްބޯޅަ ކުޅުމާއި، ކުރިއެރުމުގެ ހަމަހަމަ ފުރުސަތުތައް ހޯދައިދިނުމަށް އެކުލަވާލާފައިވާ ފުރިހަމަ ރޯޑްމެޕެކެވެ.
ދެ ފިޔަވައްސަކަށް ބަހާލައިގެން ތަންފީޒުކުރުމަށް ހަމަޖެހިފައިވާ މި ޕްލޭންގެ ދަށުން މުހިންމު ލަނޑުދަނޑިތަކެއް ހާސިލުކުރުމަށް ވަނީ އަމާޒު ހިފައިފައެވެ. އެގޮތުން، 2030ވަނަ އަހަރުގެ ނިޔަލަށް ރާއްޖޭގައި ރަޖިސްޓްރީ ކުރެވިފައިވާ އަންހެން ކުޅުންތެރިންގެ އަދަދު 1,500އަށް އިތުރުކުރުމާއި، ސެޓިފިކެޓް ލިބިފައިވާ 80އަންހެން ކޯޗުންނާއި 40އަންހެން ރެފްރީން ތަމްރީނުކުރުން ހިމެނެއެވެ. މީގެ އިތުރުން، ކޮންމެ އަހަރަކު ރާއްޖޭގެ 15އަތޮޅެއްގައި ގްރާސްރޫޓް ފެސްޓިވަލްތައް ބޭއްވުމާއި، ސްކޫލްތަކުގެ ޕީއީ ޕްރޮގްރާމްތަކުގައި ފުޓްބޯޅަ ހިމެނުމަށް ވެސް ވަނީ ރާވައިފައެވެ.
މުބާރާތްތަކުގެ އޮނިގަނޑު ހަރުދަނާކުރުމުގެ ގޮތުން، އަންހެނުންގެ ނޭޝަނަލް ލީގާއި، އެފްއޭ ކަޕް އަދި ޕްރެޒިޑެންޓްސް ކަޕްގެ އިތުރުން 16އަހަރުން ދަށުގެ އަދި U18ނޭޝަނަލް ޗެމްޕިއަންޝިޕްތައް ގަވާއިދުން ބޭއްވުމަށް މި ޕްލޭންގައި ހިމަނާފައިވެއެވެ. އަދި އަންހެން ފުޓްބޯޅައަށް ޚާއްޞަކޮށްގެން މާލެ/ހުޅުމާލެ، އައްޑޫ، ކުޅުދުއްފުށި އަދި ޅަވިޔަނި ހިމެނޭހެން 4ޓްރެއިނިންގ ހަބް ގާއިމުކުރުމަށް ވެސް ވަނީ ނިންމައިފައެވެ.
މި ޕްލޭންގައި ހިމަނާފައިވާ ބަޔާނެއްގައި އެފްއޭއެމްގެ ރައީސް އަޙްމަދު ތޯރިގް ވިދާޅުވީ، އަންހެން ފުޓްބޯޅައަކީ ދިވެހި ފުޓްބޯޅައިގެ މުސްތަގުބަލުގެ މުހިންމު ބައެއް ކަމަށެވެ. އަދި މި ޕްލޭންގެ ސަބަބުން އިޖުތިމާއީ ގޮތުންނާއި ކުޅިވަރުގެ މައިދާނުގައި އަންހެނުން ބާރުވެރިކުރުވުމަށް ބޮޑު އެހީތެރިކަމެއް ލިބިގެންދާނެ ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.
"ދިވެހިރާއްޖޭގެ ފުޓްބޯޅަ އެސޯސިއޭޝަން ދެމިއޮންނާނީ ކޮންމެ އަންހެން ކުއްޖަކަށް ވެސް ފުޓްބޯޅައިގައި ބައިވެރިވެ، ކުރިއަރައި، އަދި ކާމިޔާބީ ހާސިލުކުރުމުގެ ފުރުސަތު ލިބޭފަދަ އެންމެން ބައިވެރިކުރާ، އެއްބާރުލުންދޭ މާހައުލެއް ބިނާކުރުމަށް އިސްކަންދީގެންނެވެ"
އަދި އެންމެން ގުޅިގެން ރާއްޖޭގެ އެކި ކަންކޮޅުތަކުގައިވާ އަންހެން ކުދިންނާއި އަންހެނުންނަށް އައު ފުރުސަތުތައް ހޯދައިދީ، ދިވެހި ފުޓްބޯޅައަށް އިތުރަށް ވަރުގަދަ އަދި އެންމެން ބައިވެރިވާ އުޖާލާ މުސްތަގުބަލެއް ބިނާކުރާނެ ކަމަށް ވެސް ތޯރިގް ވިދާޅުވިއެވެ.
ކޮމެންޓުތައް (0)
އަދި ކޮމެންޓެއް ނުލިބޭ. ފުރަތަމަ ކޮމެންޓުކޮށްލާ.