ހޯދާ
ހޮނިހިރު • 17 އޮކްޓޯބަރު 2026
🔖

އިންފަންޓީނޯއާ ދެކޮޅަށް ހުށަހެޅި އިޚުތިސޯސުން ބޭރު!

ޝެއާ ކުރޭ Facebook Telegram Viber X

ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯއާއި އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕާ ދެމެދު އޮތް ގުޅުމާއި، ސިޔާސީ ނުފޫޒުގެ ތުހުމަތުތަކަކާ ގުޅިގެން އިންޓަނޭޝަނަލް އޮލިމްޕިކް ކޮމިޓީ (އައިއޯސީ)އަށް ހުށަހެޅި ޝަކުވާ، އެ ކޮމިޓީގެ މެންޑޭޓުގެ ތެރޭގައި ނުހިމެނޭކަމަށް ބުނެ، މައްސަލަ ނުބަލަން ނިންމައިފިއެވެ. 

އިންސާނީ ހައްގުތަކަށް ވަކާލާތުކުރާ "ފެއާ ސްކޮޔާ"ޖަމާއަތުން އައިއޯސީއަށް ހުށަހެޅި މި މައްސަލައިގައި ތުހުމަތުކޮށްފައި ވަނީ، އިންފަންޓީނޯ އެމެރިކާގެ ރައީސަށް ތާއީދުކުރައްވައި ފާޅުގައި އަމަލުކުރައްވާފައިވާތީ، އޮލިމްޕިކް ޗާޓަރުން ލާޒިމުކުރާ ސިޔާސީ ނުފޫޒުން އެއްކިބާވުމުގެ މިންގަނޑާ އޭނާ ޚިލާފުވެވަޑައިގެންފައިވާ ކަމަށެވެ. އިންފަންޓީނޯއަކީ 2020ވަނަ އަހަރުން ފެށިގެން އައިއޯސީގެ މެންބަރަކަށް ވާއިރު، އެ ކޮމިޓީގެ ގަވާއިދު ބުނާގޮތުން މެންބަރުންގެ މިނިވަންކަން ގެއްލޭ ފަދަ އެއްވެސް ސަރުކާރެއްގެ އަމުރަކަށް ތަބާވުމަކީ މަނާކަމެކެވެ.

ނަމަވެސް، އައިއޯސީގެ އެތިކްސް ކޮމިޝަނުން ހާމަކުރި ގޮތުގައި، މި ޝަކުވާއަކީ ފީފާގެ އެތެރޭގެ ހިންގުމާއި، ދައުލަތްތަކާއެކު ބާއްވާ ގުޅުންތަކުގެ އިތުރުން ފުޓްބޯޅައިގެ ގަވާއިދުތަކާ ގުޅުންހުރި ކަންކަމަށް ވާތީ، އެއީ އައިއޯސީގެ އިޚުތިސޯސްގެ ތެރޭގައި ހިމެނޭ އަދި އެ ކޮމިޓީގެ އަޚުލާގީ މިންގަނޑުތަކުގެ ތެރެއިން ބެލޭނެ ކަންކަމެއް ނޫނެވެ. 

މި މައްސަލަ ފެންމަތިވެފައި ވަނީ، އެމެރިކާގެ ކުޅުންތެރިޔާ ފޮލަރިން ބަލޮގަންއަށް ދެއްކި ރަތް ކާޑެއްގެ ސަސްޕެންޝަން ފަސްކުރުމަށް ފީފާއަށް ބާރުފޯރުވިކަމަށް ރައީސް ޓްރަމްޕް އަމިއްލަފުޅަށް އެއްބަސްވެވަޑައިގަތުމާ ގުޅިގެންނެވެ. ބޮސްނިއާ އަތުން އެމެރިކާ މޮޅުވި މެޗުގައި ބަލޮގަންއަށް ރަތް ކާޑު ދެއްކުމުން، ބެލްޖިއަމްއާ ދެކޮޅަށް ކުޅެން އޮތް މެޗުގައި އޭނާއަށް ނުކުޅެވޭނެކަމަށް އޮއްވައި، ޓްރަމްޕްގެ ނުފޫޒާއެކު ފީފާއިން ވަނީ އެ އަދަބު ތަންފީޒުކުރުން އެއް އަހަރަށް ލަސްކޮށްފައެވެ. ސަސްޕެންޝަން ފަސްކުރި ސަބަބެއްކަމަށް ފީފާއިން ހަމައެކަނި ބުނީ ގަވާއިދުން އެ ޖާގަ ލިބޭތީ ކަމަށެވެ. އެ މެޗުގައި ބަލޮގަން ކުޅުނު ނަމަވެސް ބެލްޖިއަމް އަތުން އެމެރިކާ ވަނީ ބަލިވެފައެވެ.

އައިއޯސީން މި މައްސަލަ ނުބަލަން ނިންމިކަން އިއުލާނުކޮށްފައި މި ވަނީ، ބަލޮގަންގެ ސަސްޕެންޝަންގެ މައްސަލަ ފީފާގެ އެތިކްސް ކޮމިޓީއަށް ވެއްދުމަށް ނޯވޭގެ ފުޓްބޯޅަ އިދާރާއިން މަސައްކަތްކުރަމުންދާ ދަނޑިވަޅެއްގައެވެ. ނޯވޭގެ ފެޑެރޭޝަނުން ވަނީ، ފީފާއިން އަލަށް ތައާރަފުކުރި 'ސުލްހައިގެ އިނާމު' ޓްރަމްޕަށް ދިނުމަށް ނިންމި ނިންމުމާ މެދު ވެސް މީގެ ކުރިން ނުރުހުން ފާޅުކޮށްފައެވެ. 

ކަމުދިޔަތަ؟

ކޮމެންޓުތައް (0)

އަދި ކޮމެންޓެއް ނުލިބޭ. ފުރަތަމަ ކޮމެންޓުކޮށްލާ.

ކޮމެންޓު