އެފްރިކާ ކަޕް އޮފް ނޭޝަންސްގެ ޗެމްޕިއަންކަން ސެނެގޯލް އަތުން ނެގުމަށް އެފްރިކާގެ ފުޓްބޯޅަ އިދާރާ (ކާފް)އިން ނިންމި ނިންމުމާ ދެކޮޅަށް އެ ގައުމުގެ ފުޓްބޯޅަ ފެޑެރޭޝަނުން ކޯޓް އޮފް އާބިޓްރޭޝަން ފޯ ސްޕޯޓްސް (ކާސް)ގައި އިސްތިއުނާފުކޮށްފައިވާ މައްސަލައިގެ އަޑުއެހުންތައް އަންނަ އޮކްޓޯބަރު މަހުގެ އަށްވަނަ ދުވަހު ސްވިޒަލެންޑުގައި ފެށުމަށް އެ ކޯޓުން ހަމަޖައްސައިފިއެވެ.
ކުޅިވަރާ ބެހޭ މައްސަލަތައް ބަލާ އެންމެ މަތީ ކޯޓު ކަމަށްވާ ކާސްއިން ނެރުނު ބަޔާނެއްގައި ހާމަކޮށްފައިވާ ގޮތުން، ސްވިޒަލެންޑުގެ ލޯޒާންގައި ހުންނަ އެ އިދާރާގެ މައި އޮފީހުގައި މި މައްސަލައިގެ އަޑުއެހުންތައް ކުރިއަށް ގެންދާނީ އާންމުކޮށް ހުޅުވާނުލައި ސިއްރުކޮށްގެންނެވެ. އަދި އޮކްޓޯބަރު އަށްވަނަ ދުވަހު ބާއްވާ އަޑުއެހުމަށްފަހު ވަގުތުން ގޮތެއް ނުނިންމާނެ ކަމަށާއި، ފަހުގެ ހުކުމް އިއްވާނެ ވަކި ތާރީހެއް ފަހުން އިއުލާންކުރާނެ ކަމަށް ވެސް އެ ބަޔާނުގައި ބަޔާންކޮށްފައިވެއެވެ.
މި މައްސަލައިގެ އަސްލަކީ މިދިޔަ ޖެނުއަރީ މަހުގެ 18ވަނަ ދުވަހު މޮރޮކޯގެ ރަބާތުގައި އެ ގައުމާ ދެކޮޅަށް ސެނެގޯލް ކުޅުނު މެޗެވެ. އެ މެޗުގައި ރެފްރީ މޮރޮކޯއަށް ދިން ޕެނަލްޓީއަކާ ގުޅިގެން މައްސަލަ ހޫނުވެ، ސެނެގޯލްގެ ކުޅުންތެރިން ވަނީ ނުރުހުން ފާޅުކުރުމުގެ ގޮތުން ދަނޑުން ފައިބާފައެވެ. ސާދަ މިނެޓުގެ މެދުކެނޑުމަކަށް ފަހު އަލުން މެޗު ފަށައިގެން ކުޅެ، 1-0ގެ ނަތީޖާއަކުން މެޗު ކާމިޔާބުކުރީ ސެނެގޯލް އިންނެވެ.
އެހެން ނަމަވެސް، މެޗު މެދުކަނޑާލަން ޖެހުނު ހާދިސާއާ ގުޅިގެން ކާފްގެ އިސްތިއުނާފީ ކޮމިޓީން ވަނީ މާޗު މަހު އެ މެޗުގެ ނަތީޖާ ބާތިލުކޮށްފައެވެ. އަދި އަދަބެއްގެ ގޮތުން މޮރޮކޯ އަކީ 3-0އިން މޮޅުވި ޓީމު ކަމުގައި ކަނޑައެޅިއެވެ. މި ނިންމުމާއެކު ސެނެގޯލްގެ ސަރުކާރުން އިސްނަގައިގެން މައްސަލަ ތަހުގީގުކުރުމަށް ގޮވާލައި، އެ ގައުމުގެ ފުޓްބޯޅަ އިދާރާއިން ވަނީ ހައްގު ހޯދުމަށް ކާސްއަށް މައްސަލަ ހުށަހަޅާފައެވެ.
ކޮމެންޓުތައް (0)
އަދި ކޮމެންޓެއް ނުލިބޭ. ފުރަތަމަ ކޮމެންޓުކޮށްލާ.