އެފްރިކާގެ ފުޓުބޯޅަ އިދާރާ (ކެފް)އިން، އެފްރިކާ ކަޕް އޮފް ނޭޝަންސް ކޮންމެ ހަތަރު އަހަރަކުން ބާއްވާ ގޮތަށް ގެނައި ބަދަލަށް އެކަށީގެންވާ ތަރުހީބެއް ނުލިބުމާ ގުޅިގެން، އެ ނިންމުން ބަދަލުކޮށް ކުރިން ވެސް އޮތް ގޮތަށް ކޮންމެ ދެ އަހަރަކުން މުބާރާތް ބޭއްވުމާ މެދު މަޝްވަރާކުރަން ފަށައިފިއެވެ.
ކެފްގެ ރައީސް ޕެޓްރިސް މޮޓްސެޕޭ ހާމަކުރެއްވި ގޮތުގައި، 1957ވަނަ އަހަރުން ފެށިގެން ކުޅެމުން އަންނަ މި މުބާރާތަށް ދާދި ފަހުން ގެނައި މި ބޮޑު ބަދަލާމެދު ގިނަ ފަރާތްތަކުން ހިތްހަމައެއް ނުޖެހެއެވެ. އެހެންކަމުން، މުބާރާތް ކޮންމެ ދެ އަހަރަކުން ބާއްވަމުން އައި އައުން ދެމެހެއްޓުމާ ގުޅޭގޮތުން ފުޅާ ދާއިރާއެއްގައި ވާހަކަދެކެވެމުންދާ ކަމަށް އޭނާ ވިދާޅުވިއެވެ.
މުބާރާތުގެ ފޯމެޓަށް ބަދަލު ގެނައުމަށް ފާސްކުރީ ނިމިދިޔަ އަހަރުގެ ޑިސެމްބަރު މަހު ބޭއްވުނު ކެފްގެ އަހަރީ އާންމު ޖަލްސާގައެވެ. އެފަހަރު ނިންމާފައި އޮތީ، 2027އަދި 2028ވަނަ އަހަރު މުބާރާތް ބޭއްވުމަށް ފަހު، ދެން ޖެހިގެން އަންނަ މުބާރާތް 2032ވަނަ އަހަރު ކުޅޭ ގޮތަށެވެ.
މުބާރާތް ހަތަރު އަހަރަކަށް ލަސްކުރަން އެންމެ ފުރަތަމަ ނިންމީ، ޔޫރަޕިއަން ޗެމްޕިއަންޝިޕް (ޔޫރޯ)އަދި ކޮޕާ އެމެރިކާ ފަދަ ބައިނަލްއަގުވާމީ ބޮޑެތި މުބާރާތްތައް ވެސް ބާއްވާ އުސޫލާ އެއްގޮތް ކުރުމުގެ ނިޔަތުގައެވެ. އާންމުކޮށް ކޮންމެ ދެ އަހަރަކުން ޑިސެމްބަރު އަދި ޖެނުއަރީ މަހުގެ ތެރޭގައި މި މުބާރާތް ކުރިއަށްދާތީ، ފުޓުބޯޅަ ސީޒަނުގެ މެދުތެރެއިން ޔޫރަޕްގެ ކްލަބްތަކަށް ކުޅޭ އެފްރިކާގެ ކުޅުންތެރިން ގައުމީ ޓީމަށް ދޫކުރަން ޖެހުމަކީ އެ ކްލަބްތަކުން އަބަދުވެސް ބޮޑު ނުރުހުމެއް ފާޅުކުރަމުން އަންނަ މައްސަލައެކެވެ.
ނަމަވެސް، ހަތަރު އަހަރުން މުބާރާތް ބާއްވާ ގޮތަށް ގެނައި ބަދަލާ ދެކޮޅަށް އެންމެ ފުރަތަމަ އަޑުއުފުލި އެއް ފަރާތަކީ މިސްރުގެ ގައުމީ ޓީމުގެ ކޯޗު ހޮސާމް ހަސަންއެވެ. އޭނާ ފާހަގަކުރި ގޮތުގައި، ކޮންމެ ދެ އަހަރަކުން މި މުބާރާތް ބޭއްވުމަކީ އެފްރިކާގެ ހުނަރުވެރި ކުޅުންތެރިންނަށް ޔޫރަޕްގެ ބޮޑެތި ކްލަބްތަކުގެ ސަމާލުކަން ހޯދައި، އެ ކްލަބްތަކާ ގުޅުމަށް މަގުފަހިކޮށްދޭ ވަރަށް މުހިންމު ފުރުސަތެކެވެ.
ކޮމެންޓުތައް (0)
އަދި ކޮމެންޓެއް ނުލިބޭ. ފުރަތަމަ ކޮމެންޓުކޮށްލާ.