ހޯދާ
ހޮނިހިރު • 17 އޮކްޓޯބަރު 2026
🔖

އިންފަންޓީނޯއާއި އދ.އާ ގުޅުވާ މައްސަލައިގައި ރައްދު ދީފި

ޝެއާ ކުރޭ Facebook Telegram Viber X

އދ. ގެ ސެކްރެޓަރީ ޖެނެރަލްގެ މަޤާމަށް ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯގެ ނަންފުޅު ހުށަހެޅުއްވުމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވިސްނަވަމުން ގެންދަވާކަމަށް ފެތުރިފައިވާ ޚަބަރުތަކާ ގުޅިގެން، އެފަދަ މަޝްވަރާއެއް ހިނގާފައިވާކަން އެނގިވަޑައިނުގަންނަވާ ކަމަށް ވައިޓް ހައުސްއިން ހާމަކޮށްފިއެވެ.

އެމެރިކާގެ ނޫހެއް ކަމަށްވާ "ނިއުޔޯކް ޕޯސްޓް"އިން ރިޕޯޓުކޮށްފައިވާ ގޮތުގައި، ޓްރަމްޕްގެ ވަރަށް އަރިސް ފަރާތަކާ ހަވާލާދީ ބުނެފައި ވަނީ އދ.ގެ އެންމެ އިސް މަޤާމަށް އިންފަންޓީނޯ ގެނައުމަކީ ޓްރަމްޕްގެ ވަރަށް ބޮޑު އަމާޒެކެވެ. ނަމަވެސް، މި މައްސަލައާ ގުޅޭ ގޮތުން ނޫސްވެރިންނަށް މަޢުލޫމާތު ދެއްވަމުން ވައިޓް ހައުސްގެ ޕްރެސް ސެކްރެޓަރީ ކެރޮލައިން ލެވިޓް ވިދާޅުވީ، ދެ ބޭފުޅުންގެ ދެމެދުގައި އެ މަޤާމާ ގުޅޭ އެއްވެސް ވާހަކަފުޅެއް ދެކެވިފައިވާކަން ސީދާ އޭނާއަށް އެނގިވަޑައިގެންފައި ނުވާކަމަށެވެ.

ލެވިޓް އިތުރަށް ފާހަގަކުރެއްވި ގޮތުގައި، ފީފާގެ ރައީސަކީ ޓްރަމްޕްގެ އަރިހުގައި ވަރަށް ބޮޑު ޤަދަރަކާއި އިޙްތިރާމެއް ލިބިވަޑައިގެންފައިވާ ބޭފުޅެކެވެ. އެގޮތުން، ދެ ބޭފުޅުންގެ މެދުގައި ގިނަގިނައިން މުވާސަލާތުކުރެވޭކަން ފާހަގަކުރައްވައި، ކޮންމެ ބައްދަލުވުމެއްގައި އޭނާ ބައިވެރިވެވަޑައިނުގަންނަވާކަން ލެވިޓް ވިދާޅުވިއެވެ. މީގެ އިތުރުން، އިންފަންޓީނޯގެ އިސްދައުރެއް އޮވެގެން ބޭއްވި ވޯލްޑް ކަޕްގެ ސަބަބުން އެމެރިކާގެ އިޤްތިޞާދަށާއި ވިޔަފާރީގެ ދާއިރާއަށް އިންތިހާއަށް ފައިދާކޮށްފައިވާކަން ޓްރަމްޕް ޤަބޫލުފުޅުކުރައްވާ ކަމަށާއި، އެމެރިކާގެ ތަރައްޤީއަށް އިންފަންޓީނޯ ކޮށްދެއްވާފައިވާ މަސައްކަތްޕުޅުތަކަށް ޓްރަމްޕް ޝުކުރުވެރިވެވަޑައިގަންނަވާ ކަމަށްވެސް ލެވިޓް ހާމަކުރެއްވިއެވެ.

އދ. ގެ ސެކްރެޓަރީ ޖެނެރަލްގެ މަޤާމަށް އައު ބޭފުޅަކު އައްޔަންކުރުމުގެ ވާހަކަތައް ތިލަވެފައި މިވަނީ، އެ މަޤާމުގައި މިހާރު ހުންނެވި އެންޓޯނިއޯ ގުޓެރޭސްގެ ރަސްމީ ދައުރު މިއަހަރުގެ ފަހުކޮޅަށް ހަމަވާން ކައިރިވެފައި ވަނިކޮށެވެ. 

ކަމުދިޔަތަ؟

ކޮމެންޓުތައް (0)

އަދި ކޮމެންޓެއް ނުލިބޭ. ފުރަތަމަ ކޮމެންޓުކޮށްލާ.

ކޮމެންޓު