ހޯދާ
ހޮނިހިރު • 17 އޮކްޓޯބަރު 2026
🔖

ބަލޮގަންގެ މައްސަލަ ފީފާގެ އެތިކްސް ކޮމިޓީއަށް

ޝެއާ ކުރޭ Facebook Telegram Viber X

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ނުފޫޒާ އެކު އެ ގައުމުގެ ފޯވާޑް ފޮލަރިން ބަލޮގަންއަށް ދީފައިވާ ސަސްޕެންޝަން ފީފާއިން ފަސްކޮށްދިނުމާ ގުޅިގެން އުފެދިފައިވާ މައްސަލަތަކުގެ ތެރެއިން، ފީފާގެ އެތިކްސް ކޮމިޓީއަށް ރަސްމީކޮށް ޝަކުވާ ހުށަހެޅުމަށް ނޯވޭ ފުޓްބޯޅަ ފެޑެރޭޝަނުން ނިންމައިފިއެވެ.

2026ވަނަ އަހަރުގެ ވޯލްޑް ކަޕް ކޮލިފައިންގައި ބޮސްނިއާއާ ދެކޮޅަށް ކުޅެ އެމެރިކާ މޮޅުވި މެޗުގައި ރަތް ކާޑެއް ހޯދުމުގެ ސަބަބުން ގަދަ ސޯޅައިގައި ބެލްޖިއަމްއާ ދެކޮޅަށް ކުޅެން އޮތް މެޗުން ބަލޮގަން ސަސްޕެންޑްވާނެކަމަށް އޮތީ ބެލެވިފައެވެ. ނަމަވެސް، ރައީސް ޓްރަމްޕްގެ އެދިވަޑައިގަތުމަކަށް، އަދަބު ލަސްކުރެވޭ ޚާއްސަ އުސޫލެއްގެ ތެރެއިން ފީފާއިން ވަނީ އެ ސަސްޕެންޝަން އެއް އަހަރަށް ފަސްކޮށްދީފައެވެ. މިކަމުގެ ސަބަބުން ބެލްޖިއަމްއާ ދެކޮޅަށް އޭނާ ކުޅުނު ނަމަވެސް، އެ މެޗުން އެމެރިކާ ވަނީ ބަލިވެފައެވެ. ފީފާއިން މި ނިންމުމާ ގުޅޭ އިތުރު އެއްވެސް މައުލޫމާތެއް އާންމުކޮށްފައެއް ނުވެއެވެ.

މި ކަމާމެދު ނުހަނު ކަންބޮޑުވުން ފާޅުކުރައްވައި ނޯވޭ ފެޑެރޭޝަނުގެ ރައީސާ ލައިސާ ކްލެވެނެސް ބީބީސީއަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ، ރަސްމީ ޝަކުވާއެއް ހުށަހެޅުމާމެދު ފަހު ގޮތެއް ނިންމާނީ އެ އިދާރާގެ ބޯޑު ބައްދަލުވުމުން ކަމަށެވެ. މީގެ ކުރިން ވޮޝިންޓަންގައި އޮތް ގުރުއަތުލުމެއްގެ ތެރެއިން ޓްރަމްޕަށް ފީފާއިން 'ސުލްހައިގެ އިނާމު' ދިން މައްސަލައިގައި ވެސް ނޯވޭއިން ވަނީ ޝަކުވާކޮށްފައެވެ. ކްލެވެނެސް ލަފާކުރައްވާ ގޮތުގައި ބަލޮގަންގެ މައްސަލަވެސް ކުރިއަށް ގެންދާނީ އެ މައްސަލައިގެ ތެރެއިންނެވެ.

ސިޔާސީ ނުފޫޒުތަކަށް ބޯނުލެނބުމަށް އޮންނަ އޮލިމްޕިކް ޗާޓަރާ ޚިލާފުވިކަމުގެ ތުހުމަތުގައި، ފީފާގެ ރައީސް އަދި އައިއޯސީގެ މެންބަރު ޖިއާނީ އިންފަންޓީނޯގެ މައްސަލަ އިންޓަނޭޝަނަލް އޮލިމްޕިކް ކޮމިޓީން ބަލަން ފަށާފައިވާކަމުގެ އަޑުތަކެއް ވެސް ވަނީ ފެތުރިފައެވެ. މި މައްސަލައިގައި އައިއޯސީން ވަކި އެއްޗެއް ހާމަނުކުރި ނަމަވެސް، ޓްރަމްޕް ވަނީ އިންފަންޓީނޯއަށް ގުޅުއްވައި އެ ނިންމުން މުރާޖަޢާކޮށްދެއްވުމަށް އެދިވަޑައިގެންނެވި ކަމަށް އެއްބަސްވެވަޑައިގެންފައެވެ. އެހެން ނަމަވެސް އެއީ މަޖުބޫރުކުރުމެއް ނޫންކަމަށް އޭނާ ވިދާޅުވިއެވެ.

މި އާދަޔާޚިލާފު ނިންމުމާ މެދު ބެލްޖިއަމްގެ ފުޓްބޯޅަ އިދާރާއިން ނުރުހުން ފާޅުކޮށް ހުށަހެޅި ޝަކުވާތައް ފީފާއިން ވަނީ ބޭރުކޮށްލާފައެވެ. އަދި މިއީ އިސްތިއުނާފުކުރެވޭނެ ކަމެއް ނޫންކަމަށް އެންގުމުން، ޔޫރަޕްގެ މައި ފުޓްބޯޅަ އިދާރާ (ޔުއެފާ)އިން ވަނީ ފީފާގެ އަމަލަކީ އިންސާފުން ބޭރު، ފެންވަރުދަށް އަމަލެއްގެ ގޮތުގައި ސިފަކޮށްފައެވެ. 

ކަމުދިޔަތަ؟

ކޮމެންޓުތައް (0)

އަދި ކޮމެންޓެއް ނުލިބޭ. ފުރަތަމަ ކޮމެންޓުކޮށްލާ.

ކޮމެންޓު