ޓީމުގެ ފޯވާޑްލައިން ވަރުގަދަކުރުމަށް ބާސެލޯނާއިން ކުރަމުން ގެންދާ މަސައްކަތުގެ ތެރެއިން ހުނަރުވެރި ފޯވާޑް ކަރީމް އަޑެޔެމީ ދިގު މުއްދަތުގެ އެއްބަސްވުމެއްގެ ދަށުން މިއަދު އެ ކްލަބަށް ސޮއިކޮށްފިއެވެ.
މި ޓްރާންސްފާގެ އަގު 22މިލިއަން ޔޫރޯ (25.1މިލިއަން ޑޮލަރު)އަށް އަރާނެކަމަށް ކުޅިވަރު ނޫސްތަކުން ލަފާކޮށްފައިވާއިރު، އުމުރުން 24އަހަރުގެ ކުޅުންތެރިޔާ ކެޓަލާން ކުލަބުގައި 2031ވަނަ އަހަރުގެ ނިޔަލަށް މަޑުކުރާނެކަން އެ ކުލަބުން ވަނީ ކަށަވަރުކޮށްދީފައެވެ. ބާސެލޯނާއިން ނެރުނު ރަސްމީ ބަޔާނުގައި ވާގޮތުން، މި އެއްބަސްވުމުގެ ދަށުން އިތުރު ބޯނަސްތަކެއް އޭނާގެ ކުރީގެ ކްލަބު ޑޯޓްމުންޑަށް ލިބުމުގެ އިތުރުން، ކުރިމަގުގައި އަޑެޔެމީ އެހެން ކުލަބަކަށް ވިއްކާލައިފި ނަމަ އޭގެ ފައިދާގެ މިންވަރެއްވެސް އެ ކުލަބަށް ލިބިގެންދާނެއެވެ.
ބާސެލޯނާއިން އައު ފޯވާޑުން ހޯދުމުގެ މަސައްކަތް ފަށާފައި މި ވަނީ، އެ ޓީމުގެ އެންމެ މުހިންމު އެއް ކުޅުންތެރިޔާ ކަމަށްވާ ރޮބަޓް ލެވަންޑޯސްކީ އެމެރިކާގެ ޝިކާގޯ ފަޔަރއަށް ބަދަލުވުމާއި، ލޯނު އުސޫލުން އެ ޓީމަށް ކުޅެމުންދިޔަ މާކަސް ރަޝްފޯޑްގެ މުއްދަތު ހަމަވެ މެންޗެސްޓަރ ޔުނައިޓެޑަށް އެނބުރި ދިޔުމާ ގުޅިގެންނެވެ. އަޑެޔެމީ ގެނައުމަކީ މި ހިނގާ ޓްރާންސްފާ މާކެޓުގައި ބާސެލޯނާގެ އެޓޭކިންގ ލައިނަށް އިތުރުކުރި ދެވަނަ ކުޅުންތެރިޔާއެވެ. މީގެ ކުރިން އިނގިރޭސި ކުލަބު ނިއުކާސަލް ޔުނައިޓެޑުން އެންތަނީ ގޯޑަން ވެސް ވަނީ އެ ޓީމާ ގުޅިފައެވެ.
މި ބަދަލާ އެކު އަޑެޔެމީއަށް އަނެއްކާވެސް އޭނާގެ ކުރީގެ ކޯޗު ހަންސީ ފްލިކްގެ އިރުޝާދުގެ ދަށުން ކުޅުމުގެ ފުރުޞަތު ފަހިވެގެންދާނެއެވެ. ޖަރުމަނު ޤައުމީ ޓީމަށް އެންމެ ފުރަތަމަ އޭނާ ކުޅެން އެރުވީ ވެސް ފްލިކްގެ ކޯޗުކަމުގައެވެ.
އާދަޔާޚިލާފު ބާރު ދުވެއްޔެއްގެ ވެރި އަޑެޔެމީ ވަނީ އޮސްޓްރިއާގެ ރެޑްބުލް ސާލްޒްބާގުން 2022ވަނަ އަހަރު ޑޯޓްމުންޑާ ގުޅުމަށް ފަހު، އެ ޓީމަށް ކުޅެދިން 146މެޗުގައި 36ގޯލު ޖަހައިދީފައެވެ. އަދި އޭނާއަކީ 2022/23ވަނަ އަހަރުގެ ސީޒަނުގައި ފްރައިބާގާ ދެކޮޅަށް ކުޅުނު މެޗެއްގައި ގަޑިއަކު 36.65ކިލޯމީޓަރުގެ ބާރުމިނުގައި ދުވެ، ޖަރުމަނު ލީގުގެ ރެކޯޑެއް ވެސް މީގެ ކުރިން ގާއިމުކޮށްފައިވާ ހުނަރުވެރިއެކެވެ.
ކޮމެންޓުތައް (0)
އަދި ކޮމެންޓެއް ނުލިބޭ. ފުރަތަމަ ކޮމެންޓުކޮށްލާ.