ހޯދާ
ހޮނިހިރު • 17 އޮކްޓޯބަރު 2026
🔖

ސްޕެއިނަށް ފަސް އަހަރުން 16 ތަށި!

ޝެއާ ކުރޭ Facebook Telegram Viber X

އެމެރިކާގެ ނިއުޖަރޒީ ސްޓޭޑިއަމްގައި އާޖެންޓީނާ ބަލިކޮށް، ސްޕެއިން އިން ދެވަނަ ފަހަރަށް ދުނިޔޭގެ ޗެމްޕިއަންކަން ހޯދުމާ އެކު، މުޅި ދުނިޔޭގެ ފުޓްބޯޅައިގެ ކޮންޓްރޯލް އެ ގައުމުން މިވަނީ ނަގާފައެވެ.

މިއީ ހަމައެކަނި މިވަގުތުގެ ޗެމްޕިއަންކަން ކަނޑައެޅުނު ކާމިޔާބީއެއް ނޫނެވެ. މިއީ އަންހެން އަދި ފިރިހެން ވޯލްޑް ކަޕްގެ ތަށި އެއް ވަގުތެއްގައި އުފުލާލި ހަމައެކަނި ގައުމުގެ ޝަރަފާ އެކު، ސްޕެއިންގެ ނުފޫޒު މުޅި ދުނިޔެއަށް ދައްކާލި ތާރީޚީ ކާމިޔާބީއެކެވެ.

ފާއިތުވި ފަސް އަހަރުގެ ތަފާސްހިސާބުތަކަށް ބަލާއިރު، ސްޕެއިން އަކީ މިހާރުގެ އިތުރުން ކުރިމަގުގެ ވެސް ޗެމްޕިއަންކަން ހާމަވެއެވެ. މި މުއްދަތުގައި އެގައުމުގެ ސީނިއަރ އަންހެން އަދި ފިރިހެން ޓީމުގެ އިތުރުން، 17އަހަރުން ދަށުގެ ޓީމުން ފެށިގެން އެކި އުމުރުފުރާތަކުގެ ގައުމީ ޓީމުތަކުން ވަނީ ޖުމްލަ 16ތަށި އުފުލާލާފައެވެ. މީގެ ތެރޭގައި ދުނިޔޭގެ ޗެމްޕިއަންކަމާއި ޔޫރަޕްގެ ޗެމްޕިއަންކަން ހިމެނެއެވެ.

ސްޕެއިންގެ ސީނިއަރ ފިރިހެން ޓީމަކީ ދުނިޔޭގެ ޗެމްޕިއަން ޓީމުގެ އިތުރުން 2023ވަނަ އަހަރުގެ ޔޫރަޕްގެ ވެސް ޗެމްޕިއަންއެވެ. މިއީ 2008ގައި ޔޫރަޕްގެ ރަސްކަން ހޯދައި، 2010ގައި ދުނިޔޭގެ ތަށި އުފުލާލި ރަން ދައުރުގެ ތަކުރާރެކެވެ. އަނެއްކޮޅުން، 2023ވަނަ އަހަރު ސިޑްނީގައި އިނގިރޭސިން ބަލިކޮށް އަންހެން ވޯލްޑް ކަޕް ހޯދި ސްޕެއިންގެ އަންހެން ޓީމަކީ ވެސް މިވަގުތުގެ ޗެމްޕިއަނުންނެވެ. މީގެ އިތުރުން 2023ގެ ނޭޝަންސް ލީގާއި، 2024ގެ އޮލިމްޕިކްސް އަދި ފާއިތުވި ދެ ނޭޝަންސް ލީގުގެ އަންހެން ޗެމްޕިއަންކަން ވެސް އޮތީ ސްޕެއިން އަތުގައެވެ.

މި ބޮޑު ކާމިޔާބީގެ ފަހަތުގައި އޮތީ ސްޕެއިން އިން ނެގި ބޮޑު ރިސްކެކެވެ. އެއީ 2022ވަނަ އަހަރުގެ ވޯލްޑް ކަޕްގެ ބުރުން ކެޓުމުން، އޭރުގެ ކޯޗު ލުއިސް އެންރީކޭ ވަކިކޮށް، ތަޖުރިބާ މަދު ލުއިސް ޑެ ލަ ފުއެންޓޭއާ ޓީމު ހަވާލުކުރުމެވެ. އޭނާއަކީ 1994ގައި ކުޅުން ހުއްޓާލުމަށް ފަހު، ދަށް ފަންތީގެ ކްލަބްތަކާއި ޔޫތު ޓީމުތަކުގައި 15އަހަރު ހޭދަކުރި ކޯޗެކެވެ. ނަމަވެސް، ސްޕެއިންގެ ޔޫތު ސިސްޓަމް އެންމެ ރަނގަޅަށް ދަންނަ ކޯޗަކަށް އޭނާ ވުން ވެގެންދިޔައީ ގައުމީ ޓީމަށް ލިބުނު އެންމެ ބޮޑު ކުރިއެރުމަށެވެ.

ވޭތުވެދިޔަ ފަސް އަހަރުގެ ތެރޭގައި ސްޕެއިންގެ ޒުވާން ޓީމުތަކުން ހޯދި ކާމިޔާބީތަކަށް ބަލާއިރު، އަންހެން 19އަހަރުން ދަށުގެ ޔޫރަޕިއަން ޗެމްޕިއަންޝިޕް ފަސް ފަހަރު ހޯދުމާއި، 17އަހަރުން ދަށުގެ ވޯލްޑް ކަޕާއި ޔޫރަޕިއަން ޗެމްޕިއަންޝިޕް ހޯދުން ހިމެނެއެވެ. އަދި 2022ވަނަ އަހަރުގެ 20އަހަރުން ދަށުގެ ވޯލްޑް ކަޕް ވެސް އެގައުމުން ކާމިޔާބުކުރިއިރު، ފިރިހެން 19އަހަރުން ދަށުގެ ޔޫރަޕިއަން ޗެމްޕިއަންޝިޕާއި 2014ވަނަ އަހަރުގެ އޮލިމްޕިކްސް ރަން މެޑަލް ވެސް ވަނީ ހޯދާފައެވެ. މިހެންކަމުން، ސްޕެއިންގެ ކުރީގެ ކުޅުންތެރިންނާއި ތަޖުރިބާކާރުން ގަބޫލުކުރާ ގޮތުގައި، މިހާރާއި ކުރިމަގަށް ވެސް އެންމެ ފުރިހަމައަށް ފައްކާވެފައި އޮތް ހަމައެކަނި ބާރަކީ ސްޕެއިންއެވެ. 

ކަމުދިޔަތަ؟

ކޮމެންޓުތައް (0)

އަދި ކޮމެންޓެއް ނުލިބޭ. ފުރަތަމަ ކޮމެންޓުކޮށްލާ.

ކޮމެންޓު