އެމެރިކާގެ ނިއު ޔޯކް ނިއު ޖާޒީ ސްޓޭޑިއަމްގައި ކުޅެވުނު 2026ވަނަ އަހަރުގެ ފީފާ ވޯލްޑް ކަޕް ފައިނަލްގައި 1-0އިން އާޖެންޓީނާ ބަލިވުމާ ގުޅިގެން، ޓީމުގެ ކެޕްޓަން ލިއޮނެލް މެސީ އެ ނާކާމިޔާބީ ގަބޫލުކޮށް ސްޕެއިނަށް ތައުރީފުކޮށްފިއެވެ.
އުމުރުން 39އަހަރުގެ ފޯވާޑް ބުނީ، މިއީ އުނދަގޫ އަދި ހިތްދަތި ދަނޑިވަޅެއް ނަމަވެސް، މެޗުގައި އިދިކޮޅު ޓީމުން މާ މޮޅަށް ކުޅުނުކަން ގަބޫލުކުރަންޖެހޭ ކަމަށެވެ. މެޗަށްފަހު ފެންކަޅިވެފައި ހުރެ ވާހަކަދައްކަމުން މެސީ ވަނީ، އާޖެންޓީނާގެ ކުޅުންތެރިން ދެއްކި ހިތްވަރަށާއި މުޅި ގައުމުގެ ފަރާތުން ލިބުނު ފުރިހަމަ ތަރުހީބަށް ޝުކުރު އަދާކޮށްފައެވެ.
އިތުރު ވަގުތުގެ ދެވަނަ ހާފު ފެށިގެން 37ވަނަ ސިކުންތުގައި ފެރާން ޓޮރޭޒް ކާމިޔާބުކުރި ލަނޑުން ސްޕެއިން މޮޅުވިއިރު، މިއީ އެ ގައުމުން ވޯލްޑް ކަޕްގެ ތަށި އުފުލާލި ދެވަނަ ފަހަރެވެ. މި ނަތީޖާއާ އެކު، 1962ގައި ބްރެޒިލުން ހެދި ރެކޯޑާ ހަމަކޮށް، ވިދިވިދިގެން ދެވަނަ ފަހަރަށް މުބާރާތް ކާމިޔާބުކުރަން އާޖެންޓީނާއިން ކުރި އުއްމީދުތައް ވަނީ ފެނަށް ގޮސްފައެވެ. މެޗުގެ ތަފާސްހިސާބުތަކަށް ބަލާއިރުވެސް މުޅި މެޗުގައި ކޮންޓްރޯލް އޮތީ ސްޕެއިން އަތުގައެވެ. އާޖެންޓީނާއަށް މުޅި މެޗުގައި އަމާޒަށް ފޮނުވާލެވުނީ އެންމެ ހަމަލާއެއް ނަމަވެސް، ސްޕެއިނުން ވަނީ 20ހަމަލާ އުފައްދާފައެވެ.
މި ފަހަރުގެ މުބާރާތް ފެށުމުގެ ކުރިން، އެމެރިކާގެ މޭޖަރ ލީގު ސޮކަރ (އެމްއެލްއެސް)އަށް މެސީ ބަދަލުވުމުން އޭނާގެ ކެރިއަރުގެ ނިމުން އައީކަމަށް ގިނަ ބަޔަކު ސިފަކުރިއެވެ. އެހެންނަމަވެސް މުބާރާތުގައި އޭނާ ވަނީ 8ލަނޑު ޖަހައި އަދި 4ލަނޑު ޖެހުމަށް މަގުފަހިކޮށްދީ އާޖެންޓީނާ ފައިނަލަށް ގެންގޮސްދިނުމުގައި މުހިންމު ދައުރެއް އަދާކޮށްފައެވެ. ވޯލްޑް ކަޕް ތާރީޚުގައި ތިން ފައިނަލް ކުޅުނު ފުރަތަމަ ކުޅުންތެރިޔާގެ ޝަރަފު މެސީ ހޯދިއިރު، އޭނާ ވަނީ މުބާރާތުގައި ޖުމްލަ 21ލަނޑު ޖަހާފައެވެ. ނަމަވެސް މި ރެކޯޑު މިހާރު އޮތީ 22ލަނޑާ އެކު ފްރާންސްގެ ކީލިއަން އެމްބާޕޭ އަތުގައެވެ. ބައިނަލްއަގުވާމީ ގޮތުން 125ލަނޑު ޖަހައިގެން މެސީ އޮތީ، ޕޯޗުގަލްގެ ކްރިސްޓިއާނޯ ރޮނާލްޑޯއަށް ފަހު އެންމެ ގިނަ ލަނޑު ޖެހި ކުޅުންތެރިޔާގެ މަގާމުގައެވެ.
ފައިނަލް ބަލަން ސްޓޭޑިއަމަށް ވަން 80،663ސަޕޯޓަރުންގެ ތެރެއިން ގިނަ ބަޔަކު އުއްމީދުކުރީ ދުނިޔެ ދުށް އެންމެ މޮޅު އެއް ކުޅުންތެރިޔާ ދެވަނަ ފަހަރަށް ތަށި އުފުލާލާނެ ކަމަށެވެ. މެޗު ނިމުމުން ސްޕެއިންގެ ކުޅުންތެރިން މެސީއަށް ހިތްވަރުދިން މަންޒަރު ފެނިގެންދިޔައެވެ. ދެވަނަ ޓީމަށް ދޭ ރިހި މެޑަލް ހަވާލުކުރި ވަގުތު ހިނިތުންވާން މަސައްކަތްކުރި ނަމަވެސް އޭނާގެ މޫނުމަތިން ފެންނަން ހުރީ ފުން މާޔޫސްކަމެވެ.
މި މުބާރާތާއެކު ސްޕެއިން ވެފައިވަނީ އަންހެން އަދި ފިރިހެން ވޯލްޑް ކަޕްގެ ތަށި އެއްކޮށް މިލްކުކޮށްގެން އޮތް ހަމައެކަނި ގައުމަށެވެ. ސްޕެއިންގެ ކުޅުންތެރިން އުފާފާޅުކުރަމުން ދިޔައިރު، އާޖެންޓީނާގެ ކުޅުންތެރިން ދަނޑުން ފައިބައިގެން ދިޔައީ ނުހަނު ދެރަވެ އިސްދަށަށް ޖަހައިގެން ތިބެއެވެ.
ކޮމެންޓުތައް (0)
އަދި ކޮމެންޓެއް ނުލިބޭ. ފުރަތަމަ ކޮމެންޓުކޮށްލާ.