ހޯދާ
ހޮނިހިރު • 17 އޮކްޓޯބަރު 2026
🔖

އާޖެންޓީނާ ކުޅުންތެރިން ހިންގި ހަމަނުޖެހުންތަކުގައި ޕަރެޑޭސްއަށް ރަތްކާޑު!

ޝެއާ ކުރޭ Facebook Telegram Viber X

2026ވަނަ އަހަރުގެ ފީފާ ވޯލްޑް ކަޕްގެ ފައިނަލް މެޗުގައި 1-0ގެ ނަތީޖާއަކުން އާޖެންޓީނާގެ މައްޗަށް ކުރިހޯދައި ސްޕެއިނުން ދުނިޔޭގެ ޗެމްޕިއަންކަން ހޯދި ވަގުތު، ބަލިވުމުގެ ރުޅިގަނޑުގައި އާޖެންޓީނާގެ ކުޅުންތެރިން ކޮންޓްރޯލުން ނެއްޓި ސްޕެއިންގެ ކުޅުންތެރިންނަށް ހަމަލާދީ ބޮޑު ހަމަނުޖެހުމެއް ހިންގައިފިއެވެ.

މެޗުގެ ފުރިހަމަ ވަގުތު ހަމަވެގެން ކުޅުނު އިތުރު ވަގުތުގެ ތެރޭގައި ސްޕެއިނަށް މޮޅުވި ލަނޑު ޖަހައިދިނީ ފެރާން ޓޮރޭޒްއެވެ. މި ލަނޑާއެކު ސްޕެއިނުން ތާރީހުގައި ދެވަނަ ފަހަރަށް ވޯލްޑް ކަޕް ކާމިޔާބުކޮށް އޮފިޝަލުންނާއި ބަދަލު ކުޅުންތެރިން އުފާފާޅުކުރުމަށް ދަނޑުމައްޗަށް އެރި ހިނދު، އާޖެންޓީނާގެ ކުޅުންތެރިން ވަނީ ޖަޒުބާތުތައް ކޮންޓްރޯލް ނުކުރެވި އިދިކޮޅު ޓީމުގެ ކުޅުންތެރިންނާ މާރާމާރީ ހިންގާފައެވެ.

މި ހަމަނުޖެހުންތަކުގެ ތެރެއިން މެޗުގެ ފަހު ކަށިގަނޑާ އެކު އާޖެންޓީނާގެ ލިއަންޑްރޯ ޕަރެޑޭސްއަށް ވަނީ ރަތް ކާޑު ދައްކާފައެވެ. އޭނާއަށް ރަތް ކާޑު ދެއްކީ ސްޕެއިންގެ އެރިކް ގާސިއާގެ މޫނުމަތީގައި ޖެހުމަށް ފަހު، ގަވީ ކޮށްޕާ ބިމަށް ވައްޓާލުމުންނެވެ. އޭގެ އިތުރުން ނަހުއެލް މޮލީނާ އާއި ތިއާގޯ އަލްމާޑާ ވެސް ވަނީ މި ހަމަނުޖެހުންތަކުގައި ބައިވެރިވެ، ސްޕެއިންގެ ރޮޑްރީ ކައިރިން ދުވެފައި ދިޔަ ވަގުތު އޭނާގެ ބަނޑުގައި ޖަހައި ހަމަލާދީފައެވެ.

މެޗުގެ 93ވަނަ މިނެޓުގައި ސްޕެއިންގެ ޕައު ކުބާސީއަށް ކުރި ނުރައްކާތެރި ފައުލަކާ ގުޅިގެން ދެވަނަ ރީނދޫ ކާޑަކާއެކު އާޖެންޓީނާގެ އެންޒޯ ފެނާންޑޭޒްއަށް ވެސް ވަނީ ރަތް ކާޑު ދައްކައި ދަނޑުން ފޮނުވާލާފައެވެ. މުޅި މެޗުގައި އާޖެންޓީނާގެ ފަރާތުން ފެނިގެންދިޔައީ ވަރަށް ހަރުކަށި ކުޅުމެކެވެ. ދެ ޓީމުން ވެސް ގިނަ ފައުލްތަކެއް ކޮށްފައިވާއިރު، ސްޕެއިނުން 21ފައުލް އަދި އާޖެންޓީނާއިން 24ފައުލް ކޮށްފައިވެއެވެ. އަދި މެޗުގެ 117ވަނަ މިނެޓާ ހަމައަށް ގޯލާ އަމާޒުކޮށް އާޖެންޓީނާއަށް އެންމެ ހަމަލާއެއް ވެސް ފޮނުވާލެވިފައެއް ނުވެއެވެ. މުޅި މެޗުގައި ވެސް އެ ޓީމަށް އުފެއްދުނީ ޖުމްލަ ދެ ހަމަލާއެވެ.

ފެނާންޑޭޒްއަށް ދެއްކި ރަތް ކާޑާ އެކު މެޗު ހަލަބޮލިވެގެން ދިޔައިރު، ކެޕްޓަން ލިއޮނަލް މެސީ ވަނީ ސްޕެއިންގެ މާކް ކުކުރެޔާއަށް ފިޔަވަޅު އެޅުމަށް ރެފްރީ ކިބައިން އެދިފައެވެ. މެސީ މިގޮތަށް އެދުނީ ހިނގައިދިޔަ ޒުވާބެއްގެ ތެރެއިން ކުކުރެޔާ އަނގަމަތީގައި އަތްއަޅައިގެން ހުރެ ވާހަކަދެއްކުމުންނެވެ. ފީފާގެ ގަވާއިދު ބުނާގޮތުން ހަމަނުޖެހުމެއްގެ ތެރޭގައި އެގޮތަށް އަމަލުކުރުމަކީ ރަތް ކާޑު ދައްކަންޖެހޭ ކުށެއް ނަމަވެސް، ވީއޭއާރް އަދި ރެފްރީ ނިންމީ ކުކުރެޔާ ވާހަކަދެއްކީ ކުރިމަތިލުމެއްގެ ގޮތުގައި ނޫންކަމަށްވާތީ އެކަމުގައި މައްސަލައެއް ނެތް ކަމަށެވެ. 

ކަމުދިޔަތަ؟

ކޮމެންޓުތައް (0)

އަދި ކޮމެންޓެއް ނުލިބޭ. ފުރަތަމަ ކޮމެންޓުކޮށްލާ.

ކޮމެންޓު