ހޯދާ
ހޮނިހިރު • 17 އޮކްޓޯބަރު 2026
🔖

ރޮޑްރީ ރަންބޯޅަ އުފުލާލިއިރު ރިހި ބޯޅަ މެސީއަށް!

ޝެއާ ކުރޭ Facebook Telegram Viber X

އެމެރިކާއާއި ކެނެޑާ އަދި މެކްސިކޯގައި ގުޅިގެން ބޭއްވި ފީފާ ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތުގައި ދެއްކި ތަފާތު މޮޅު ކުޅުމާ އެކު، މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިޔާއަށް ދޭ ރަން ބޯޅަ ސްޕެއިންގެ ކެޕްޓަން ރޮޑްރީގޯ ކާމިޔާބުކޮށްފިއެވެ. 

މުބާރާތުގެ ފައިނަލް މެޗު ނިމުމުން ބޭއްވި އިނާމު ދިނުމުގެ ރަސްމިއްޔާތުގައި ރޮޑްރީއާ މި ޝަރަފުވެރި އެވޯޑު ވަނީ ހަވާލުކޮށްފައެވެ. ދިފާއީ ޗެމްޕިއަން އާޖެންޓީނާ ބަލިކުރުމަށް ފަހު ސްޕެއިނުން މުބާރާތުގެ ތަށި އުފުލާލިއިރު، މުބާރާތުގެ ދެވަނައަށް އެންމެ މޮޅު ކުޅުންތެރިޔާއަށް ދޭ ރިހި ބޯޅަ ލިބުނީ އާޖެންޓީނާގެ ކެޕްޓަން ލިއޮނަލް މެސީއަށެވެ. މެސީއަކީ 2014އަދި 2022ވަނަ އަހަރުގެ ވޯލްޑް ކަޕްގެ ރަން ބޯޅަ ހާސިލްކުރި ކުޅުންތެރިޔާއެވެ. 

މި ފަހަރުގެ މުބާރާތުގެ ތިންވަނައަށް އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމު ފްރާންސްގެ ކެޕްޓަން ކީލިއަން އެމްބާޕޭ ހޯދިއިރު، އޭނާ ވަނީ މުބާރާތުގައި އެންމެ ގިނަ ލަނޑު ޖަހައިގެން ރަންބޫޓު ވެސް ކާމިޔާބުކޮށްފައެވެ.

މެންޗެސްޓަރ ސިޓީގެ މެދުތެރެއަށް ކުޅެމުން އަންނަ ރޮޑްރީއަށް މިއީ ކާމިޔާބު އަހަރެކެވެ. އޭނާ ވަނީ 2024ވަނަ އަހަރުގެ ޔޫރޯ މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމުގެ އިތުރުން، ދުނިޔޭގެ އެންމެ މޮޅު ފުޓްބޯޅަ ކުޅުންތެރިޔާއަށް ދޭ ޝަރަފުވެރި އެވޯޑު ވެސް އެ އަހަރު ހާސިލްކޮށްފައެވެ.

ފައިނަލް މެޗުގައި އާޖެންޓީނާގެ މައްޗަށް ސްޕެއިނުން ކުރިހޯދީ މެޗުގެ ފުރިހަމަ ވަގުތު ހަމަވެގެން ކުޅުނު އިތުރު ވަގުތުގެ ފުރަތަމަ 15މިނެޓުގެ ތެރޭގައި ފެރަން ޓޮރޭޒް ކާމިޔާބުކޮށްދިން ހަމައެކަނި ލަނޑުންނެވެ. މިއީ 2010ވަނަ އަހަރަށްފަހު ސްޕެއިނުން ވޯލްޑް ކަޕްގެ ތަށި ކާމިޔާބުކުރި ފުރަތަމަ ފަހަރެވެ. 

ކަމުދިޔަތަ؟

ކޮމެންޓުތައް (0)

އަދި ކޮމެންޓެއް ނުލިބޭ. ފުރަތަމަ ކޮމެންޓުކޮށްލާ.

ކޮމެންޓު