މާލޭގެ ޒުވާނުންނަށް ރައްކާތެރިކަމާއެކު ކުޅިވަރު ކުޅެވޭނެ މާހައުލެއް ގާއިމުކޮށްދިނުމުގެ މަގުސަދުގައި، ގިނަ ދުވަސްތަކެއް ވަންދެން މަރާމާތަށް ބަންދުކޮށްފައި އޮތް މާފަންނު ފުޓްސަލް ދަނޑުގެ މަސައްކަތްތައް ނިންމާލުމަށްފަހު ކުޅިވަރާ ބެހޭ ވަޒީރު ޢަބްދުﷲ ރާފިޢު މިއަދު އެ ދަނޑު އަލުން ހުޅުވައިދެއްވައިފިއެވެ.
މިކަމަށް ޓަކައި އެ ދަނޑުގައި ބޭއްވި ޚާއްޞަ ރަސްމިއްޔާތެއްގައި ވަޒީރުގެ އިތުރުން މާފަންނު ހުޅަނގު ދާއިރާގެ ރައްޔިތުންގެ މަޖިލީހުގެ މެންބަރު މުޞްޠަފާ އިބްރާހީމާއި، ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރުޑީސީ)ގެ މެނޭޖިންގ ޑިރެކްޓަރ އިބްރާހީމް ނަޒީމް ވަނީ ބައިވެރިވެވަޑައިގެންފައެވެ. އަދި މި ހަފްލާގައި މާފަންނަށް ނިސްބަތްވާ ގިނަ އަދަދެއްގެ ޒުވާނުން ވެސް ބައިވެރިވެފައިވެއެވެ.
މި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން ވަޒީރު ރާފިޢު ފާހަގަކުރެއްވި ގޮތުގައި، މާލެ ސަރަހައްދުގައި ހުރި ފުޓްސަލް ދަނޑުތަކަކީ ތަފާތު އެކި ހަރަކާތްތަކަށް ޒުވާނުން ވަރަށް ގިނައިން ބޭނުންކުރަމުން އަންނަ ތަންތަނެވެ. އެހެންކަމުން، އެ ތަންތަނަކީ ކުޅުންތެރިންނަށް އަމާން އަދި ކުޅެން އެންމެ އެކަށޭނެ ފެންވަރަކަށް ތަރައްޤީކުރެވިފައިވާ ތަންތަން ކަމުގައި ހެދުމަށް ސަރުކާރުން ވަރަށް ބޮޑު އިސްކަމެއް ދެއްވާކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
މީގެ އިތުރުން، އައު ފެންވަރަކަށް ތަރައްޤީކުރެވިގެން ދިޔަ މި ދަނޑުގެ ބޭނުން އެންމެ ފުރިހަމަ ގޮތުގައި ހިފުމަށްޓަކައި، ދަނޑުގެ ރައްކާތެރިކަމަށް އިސްކަންދީ، ހަލާކުނުވެ ގިނަ ދުވަހު ދެމެހެއްޓުމަށް މަސައްކަތްކުރުމަކީ ކޮންމެ ފަރުދެއްގެ ވެސް ޒިންމާއެއްކަން ވަޒީރު ހަނދާންކޮށްދެއްވިއެވެ. މާފަންނު ފުޓްސަލް ދަނޑުގެ މަރާމާތުގެ މަސައްކަތް އާރުޑީސީއާ ހަވާލުކޮށްގެން ފަށާފައި ވަނީ ނިމިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ ތެރޭގައެވެ. އަދި އެ މަސައްކަތް އެއްކޮށް ނިންމާލުމަށް ފަހު، މި ހިނގާ މަހުގެ ހަތަރުވަނަ ދުވަހު އާރުޑީސީން ވަނީ ދަނޑު ސަރުކާރާ ހަވާލުކޮށްފައެވެ.
ކޮމެންޓުތައް (0)
އަދި ކޮމެންޓެއް ނުލިބޭ. ފުރަތަމަ ކޮމެންޓުކޮށްލާ.