ހޯދާ
ހޮނިހިރު • 17 އޮކްޓޯބަރު 2026
🔖

ތާރީޚީ ފައިނަލުގައި މުދައްރިސަކާއި ދަރިވަރެއްގެ ފޯރިގަދަ ކުރިމަތިލުމެއް

ޝެއާ ކުރޭ Facebook Telegram Viber X

ނިއު ޖާޒީގެ މެޓްލައިފް ސްޓޭޑިއަމުގައި މިރޭ ކުޅޭ ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތުގެ ފައިނަލް މެޗަކީ ހަމައެކަނި ސްޕެއިނާއި އާޖެންޓީނާގެ ކުރިމަތިލުމެއް ނޫނެވެ.

މިއީ ފުޓްބޯޅައިގެ ދަނޑުމަތީގައި ދަރިވަރަކާއި އޭނާގެ އުސްތާޒުގެ މެދުގައި ހިނގާނެ ވަރުގަދަ ހަނގުރާމައެކެވެ. އާޖެންޓީނާގެ ކޯޗު ލިއޮނަލް ސްކަލޯނީއަކީ ސްޕެއިންގެ ކޯޗު ލުއިސް ޑެ ލަ ފުއެންޓޭގެ ގާތުން ކިޔެވި ދަރިވަރެކެވެ. މީގެ ނުވަ އަހަރު ކުރިން ސްޕެއިންގައި ބޭއްވި ކޯޗިން ކޯހަކުން ސްކަލޯނީ ލައިސަންސް ހޯދިއިރު، އޭނާގެ މުދައްރިސަކީ ޑެ ލަ ފުއެންޓޭއެވެ.

އުމުރުން 48އަހަރުގެ ސްކަލޯނީ އާޖެންޓީނާގެ ކޯޗުކަމާ ވަގުތީ ގޮތުން ހަވާލުވީ އޮގަސްޓް 2018ގައެވެ. އެއީ ޑެ ލަ ފުއެންޓޭގެ ކިބައިން ކޯޗިންގެ ފިލާވަޅުތައް ހާސިލްކުރިތާ އަހަރެއް ވެސް ނުވަނީހެވެ. ނަމަވެސް، އޭނާ ދެއްކި މޮޅު ނަތީޖާތަކާ އެކު އާޖެންޓީނާގެ ފުޓްބޯޅަ ފެޑެރޭޝަނުން އޭނާއަށް ދާއިމީ ކޮންޓްރެކްޓެއް ދިނުމާއެކު، އެ ގައުމުގެ ފުޓްބޯޅައަށް އައީ ބޮޑު ބަދަލެކެވެ. ސްކަލޯނީ ވަނީ 2021ވަނަ އަހަރުގެ ކޮޕާ އެމެރިކާ ކާމިޔާބުކޮށްދީ، ބޮޑު މުބާރާތެއްގެ ތަށި ނުލިބި އާޖެންޓީނާ ހޭދަކުރި 28އަހަރުގެ އިންތިޒާރަށް ނިމުން ގެނެސްދީފައެވެ. އަދި އޭގެ ފަހުން 2022ގެ ވޯލްޑް ކަޕާއި 2024ގެ ކޮޕާ އެމެރިކާ ވެސް އޭނާ ވަނީ ކާމިޔާބުކޮށްދީފައެވެ.

އަނެއްކޮޅުން، ސްޕެއިންގެ ކޯޗު ޑެ ލަ ފުއެންޓޭ ވެސް ވަނީ އެ ގައުމުގެ ފުޓްބޯޅައަށް އާ ދިރުމެއް ގެނެސްދީފައެވެ. ޔޫރޯގެ ޗެމްޕިއަންކަން ސްޕެއިނަށް ހޯދައިދިނުމަށްފަހު، އޭނާ މިހާރު މިވަނީ ވޯލްޑް ކަޕްގެ ތަށްޓާ ގާތަށް ޖެހިލާފައެވެ. މި ދެ ކޯޗުންނަކީ ވެސް ކްލަބް ލެވެލްގައި ބޮޑެތި މަސައްކަތްތަކެއް ކޮށްފައިވާ ބައެއް ނޫނެވެ. ޑެ ލަ ފުއެންޓޭ ސެވިއްޔާގެ ޔޫތު ޓީމާއި އެތުލެޓިކް ބިލްބާއޯއަށް އިރުޝާދު ދިން ނަމަވެސް، އޭނާގެ ކާމިޔާބީތައް ގުޅިފައި ވަނީ ސްޕެއިންގެ 19އަހަރުން ދަށް، 21އަހަރުން ދަށް އަދި 23އަހަރުން ދަށުގެ ގައުމީ ޓީމުތަކާއެވެ. ސްކަލޯނީ 2015ގައި ކުޅުން ހުއްޓާލުމަށްފަހު ކްލަބް ލެވެލްގައި ކުރި ހަމައެކަނި ތަޖުރިބާއަކީ ސެވިއްޔާގެ އެސިސްޓަންޓް ކޯޗުކަމެވެ. އޭގެ ފަހުން އޭނާ މަސައްކަތްކުރީ އާޖެންޓީނާގެ ސީނިއާ ޓީމުގެ އެސިސްޓަންޓް ކޯޗަކަށް އަދި 20އަހަރުން ދަށުގެ ޓީމުގެ ކޯޗަކަށެވެ.

މިރޭގެ ބޮޑު މެޗުގެ ކުރިން އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި ދެ ކޯޗުން ވެސް ވަނީ އެކަކު އަނެކަކަށް ވަރަށް ބޮޑަށް ތައުރީފުކޮށްފައެވެ. ސްކަލޯނީ ބުނީ ޑެ ލަ ފުއެންޓޭ އަކީ އޭނާއަށް ކޯޗިންގައި މަގުދައްކައިދީ، އެނގޭ ހުރިހާ އެއްޗެއް ދަސްކޮށްދިން މީހާ ކަމަށެވެ.

"ވަރަށް ދެރަވެސް ވޭ. އެކަމަކު މި ފަހަރު މަސައްކަތްކުރާނީ އޭނާ ބަލިކުރަން" ސްކަލޯނީ ބުންޏެވެ. 

ޑެ ލަ ފުއެންޓޭ ބުނީ ސްކަލޯނީ އަކީ އަބަދުވެސް އުނގެނުމަށް ޝައުގުވެރިކަން ހުރި، ކުރިއަރަން އަޒުމް ކަނޑައަޅައިގެން ހުރި ނަމޫނާ ދަރިވަރެއް ކަމަށެވެ. އަދި އޭނާގެ ޓީޗަރަކަށް ވުމަކީ ލިބުނު ބޮޑު ޝަރަފެއް ކަމަށް ވެސް ބުންޏެވެ.

"އަހަރެމެން ދެ މީހުންގެ މެދުގައި އޮތީ ދަރިވަރަކާއި، ޓީޗަރެއްގެ ގުޅުމަކަށް ވުރެ ގާތް ގުޅުމެއް. އެކުވެރިކަމާއި، އިހުތިރާމު އޮތީ"ޑެ ލަ ފުއެންޓޭ ބުންޏެވެ. 

ކަމުދިޔަތަ؟

ކޮމެންޓުތައް (0)

އަދި ކޮމެންޓެއް ނުލިބޭ. ފުރަތަމަ ކޮމެންޓުކޮށްލާ.

ކޮމެންޓު