ހޯދާ
ހޮނިހިރު • 17 އޮކްޓޯބަރު 2026
🔖

ތިން ފައިނަލެއްގައި ކުޅުނު ދެވަނަ ކުޅުންތެރިޔާގެ ޝަރަފާ އެކު މެސީ ތާރީޚުގެ ތެރެއަށް!

ޝެއާ ކުރޭ Facebook Telegram Viber X

ފީފާ ވޯލްޑް ކަޕުގެ ފައިނަލުގައި މިރޭ ސްޕެއިނާ ދެކޮޅަށް އާޖެންޓީނާ ނުކުންނައިރު، އެ ގައުމުގެ ކެޕްޓަން ލިއޮނަލް މެސީ އަށް ތާރީޚީ އަދި ވަރަށް ހާއްސަ ޝަރަފެއް ލިބުމުގެ ފުރުސަތު އެބައޮތެވެ.

މިރޭގެ މެޗުގައި މެސީ ކުޅެފި ނަމަ، އޭނާ ވެގެންދާނީ ވޯލްޑް ކަޕް ތާރީޚުގައި ވެސް ތިން ފައިނަލެއްގައި ކުޅޭ ދެވަނަ ކުޅުންތެރިޔާ އަށެވެ. އަދި މެޗުގެ ފުރަތަމަ އެގާރައިގައި ހިމެނިގެން ކުޅެފި ނަމަ، އޭނާ ވެގެންދާނީ ތިން ފައިނަލެއްގެ ފުރަތަމަ އެގާރައިގައި ހިމެނިގެން ކުޅުނު ދުނިޔޭގެ ފުރަތަމަ ކުޅުންތެރިޔާ އަށެވެ.

މިހާތަނަށް ތިން ވޯލްޑް ކަޕް ފައިނަލެއްގައި ކުޅުމުގެ ރެކޯޑް އޮތީ ބްރެޒިލްގެ ކުރީގެ މަޝްހޫރު ފުލްބެކް ކަފޫ އަތުގައެވެ. އޭނާ ވަނީ 1994، 1998އަދި 2002ވަނަ އަހަރުގެ ފައިނަލް މެޗުތަކުގައި ކުޅެފައެވެ. މީގެ ތެރެއިން 1994ވަނަ އަހަރު އިޓަލީ ބަލިކޮށް ބްރެޒިލް ތަށި ހޯދި މެޗުގައި ކަފޫ ކުޅެން އެރީ ބަދަލު ކުޅުންތެރިއެއްގެ ގޮތުގައެވެ. ފްރާންސް އަތުން ބަލިވި 1998ގެ ފައިނަލުގައި އޭނާ ފުލްކޮށް ކުޅުނުއިރު، ޖަރުމަން ބަލިކޮށް 2002ގައި ބްރެޒިލް ތަށި އުފުލާލިއިރު ކަފޫ އަކީ އެ ޓީމުގެ ކެޕްޓަނެވެ.

މެސީ އެންމެ ފުރަތަމަ ވޯލްޑް ކަޕް ފައިނަލެއްގައި ކުޅުނީ 2014ވަނަ އަހަރެވެ. އެ ފަހަރު ޖަރުމަން އަތުން އާޖެންޓީނާ ބަލިވީއެވެ. ނަމަވެސް، އެންމެ ފަހުން 2022ވަނަ އަހަރު ބޭއްވި މުބާރާތުގެ ފައިނަލުގައި ފްރާންސް އަތުން ޕެނަލްޓީ ޖަހައިގެން މޮޅުވެ، މެސީ ވަނީ އޭނާގެ ފުރަތަމަ ވޯލްޑް ކަޕް ތަށި ކާމިޔާބުކޮށްފައެވެ. މިރޭގެ މެޗަކީ މެސީގެ ކެރިއަރުގައި ކުޅޭ ތިންވަނަ ވޯލްޑް ކަޕް ފައިނަލެވެ.

ދުނިޔޭގައި އުފެދުނު އެންމެ މޮޅު އެއް ކުޅުންތެރިޔާ، ބްރެޒިލްގެ ޕެލޭ ތިން ފަހަރު ވޯލްޑް ކަޕް ކާމިޔާބުކުރި ނަމަވެސް، އޭނާ އަށް ތިން ފައިނަލެއްގައި ކުޅުމުގެ ފުރުސަތެއް ނުލިބެއެވެ. ޕެލޭ ކުޅެފައިވަނީ 1958އާއި 1970ގެ ފައިނަލުގައެވެ. އަނިޔާގެ ސަބަބުން 1962ވަނަ އަހަރުގެ މުބާރާތުގެ ބޮޑުބަޔަކާއި ފައިނަލް މެޗުގައި އޭނާއަށް ނުކުޅެވުނެވެ. އޭރުގެ ގަވާއިދު އޮތްގޮތުން މެޑަލް ލިބެނީ ފައިނަލުގައި ކުޅޭ ކުޅުންތެރިންނަށް އެކަނި ނަމަވެސް، 2007ވަނަ އަހަރު ފީފާ އިން ވަނީ ޕެލޭ އަށް އެ އަހަރުގެ ޗެމްޕިން މެޑަލް އަރުވައިފައެވެ.

މީގެ އިތުރުން ބްރެޒިލްގެ ރޮނާލްޑޯ ނަޒާރިއޯ އާއި ޖަރުމަނުގެ ލޮތާ މަތެއަސް ވެސް ވަނީ ތިން ވޯލްޑް ކަޕް ފައިނަލެއްގެ ސްކޮޑުގައި ހިމެނިފައެވެ. ނަމަވެސް އެ ދެ ކުޅުންތެރިންނަށް ވެސް ތިން ފައިނަލުގައި ކުޅުމުގެ ފުރުސަތެއް ނުލިބެއެވެ. މަތެއަސް ކުޅުނީ 1986ގައި އާޖެންޓީނާ އަތުން ބަލިވި މެޗާއި 1990ގައި އެ ގައުމު އަތުން މޮޅުވި މެޗުގައެވެ. 1982ގެ ފައިނަލުން އިޓަލީ އަތުން ބަލިވިއިރު އޭނާ އަށް ފުރުސަތެއް ނުލިބެއެވެ. އަދި ރޮނާލްޑޯ 1998އާއި 2002ގެ ފައިނަލުގައި ފުލްކޮށް ކުޅުނު ނަމަވެސް، ބްރެޒިލް މޮޅުވި 1994ގެ ފައިނަލުގައި އޭނާ ބެންޗުގައި އިނދެގެން ކުޅެން އަރާފައެއް ނުވެއެވެ. 

ކަމުދިޔަތަ؟

ކޮމެންޓުތައް (1)

  1. އާދަން 19 ޖުލައި 2026
    ޕެލޭ 3 ތަށި ނެގީ ފައިނަލް ނުކުޅެތަ

ކޮމެންޓު