މުޅި ރާއްޖެއަށް ވޮލީބޯޅައިގެ ފޯރި ފުޅާކުރުމުގެ މަގުސަދުގައި ކުރިއަށްގެންދާ ރާއްޖެ ސުޕަރ ލީގުގެ ފިރިހެން ޑިވިޝަން، ހަތް ޓީމަކާ އެކު އަންނަ އޮގަސްޓު މަހުގެ ތިންވަނަ ދުވަހު ޒުވާނުންގެ މަރުކަޒުގެ އެތެރޭ ކޯޓުގައި ފަށަން ވޮލީބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ވީއޭއެމް)އިން ތާވަލުކޮށްފިއެވެ.
ދެ ޕޫލަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މުބާރާތުގެ ޕޫލް އޭގައި ވާދަކުރާނީ ކ. މާފުއްޓާއި، ހދ. ހަނިމާދޫގެ އިތުރުން ލ. ފޮނަދޫ އަދި ވ. ވެލިދޫ އެވެ. ޕޫލް ބީގައި ހިމެނެނީ ބ. ގޮއިދޫ އާއި ކ. ތުލުސްދޫ އަދި ތ. ހިރިލަންދޫ އެވެ. މުބާރާތް ހުޅުވާ މެޗުގައި އޮގަސްޓު ތިންވަނަ ދުވަހު ނުކުންނާނީ ހަނިމާދޫއާއި ވެލިދުއެވެ.
ހަވީރާއި ރޭގަނޑުގެ ވަގުތުތަކުގައި މެޗުތައް ކުޅުމަށް ރާވާފައިވާއިރު، ޗެމްޕިއަން ޓީމު ކަނޑައަޅާ ފައިނަލް މެޗު އޮންނާނީ އޮގަސްޓު މަހުގެ ނުވަވަނަ ދުވަހުއެވެ. މީގެ ކުރިން މެއި މަހު އަދި މި ޖުލައި މަހުގެ ކުރީކޮޅު ފަށަން މަސައްކަތްކުރި މި މުބާރާތް ލަސްކުރަން ޖެހުނީ، އިންޑޯ ކޯޓުގައި މެޗުތައް ކުޅުމަށް ވީއޭއެމްއިން ބޭނުންވުމާ ގުޅިގެންނެވެ.
ރަށު ކައުންސިލްތަކާއި ސިޓީތަކަށް ހުޅުވާލައިގެން ކުރިއަށްގެންދާ މި ލީގަކީ ރަށްރަށުގެ ހުނަރުވެރި ކުޅުންތެރިންނަށް މަތީ ފެންވަރުގައި ވާދަކުރުމުގެ ފުރުސަތު ހޯދައިދިނުމުގެ ބޭނުމުގައި ތައާރަފުކުރި މުބާރާތެކެވެ. މި އަހަރުގެ ޖެނުއަރީ މަހު ވަނީ މި ލީގުގެ އަންހެން ޑިވިޝަން އަށް ޓީމާ އެކު ބާއްވައިފައެވެ. އެ މުބާރާތުގެ ޗެމްޕިއަންކަން ހޯދީ ލ. މާބައިދޫއިންނެވެ.
ކޮމެންޓުތައް (0)
އަދި ކޮމެންޓެއް ނުލިބޭ. ފުރަތަމަ ކޮމެންޓުކޮށްލާ.