ރަޝިޔާގެ ވެރިރަށް މޮސްކޯގައި ދިރިއުޅޭ އުމުރުން 24އަހަރުގެ މޮޑެލްއެއް ކަމަށްވާ އަނަސްތޭސިއާ ކޮސްޓްރޮމިޓީނާ، ނޯވޭގެ މަޝްހޫރު ފުޓުބޯޅަ ކުޅުންތެރިޔާ އާލިން ހާލަންޑާ ސިފަ އެއްގޮތްވުމުގެ ސަބަބުންނާއި އޭނާގެ ހަރަކާތްތައް ކޮޕީކޮށް އިންސްޓަގްރާމްގައި އާންމުކުރި ވީޑިއޯތަކަކާ އެކު މުޅި ދުނިޔޭގެ ސަމާލުކަން ހޯދައިފިއެވެ.
މޮސްކޯގެ މޯޝަން އެޖެންސީގައި މޮޑެލްކުރުމުގެ މަސައްކަތްކުރާ ކޮސްޓްރޮމިޓީނާގެ އިންސްޓަގްރާމް އެކައުންޓުގައި ހިއްސާކޮށްފައިވާ މި ވީޑިއޯތަކުގެ ތެރެއިން އެންމެ ގިނަ ބައެއްގެ ތަރުހީބު ލިބުނު ވީޑިއޯއަށް ވަނީ ފަސް މިލިއަނަށް ވުރެ ގިނަ ލައިކްސް ލިބިފައެވެ. އަދި އެ ވީޑިއޯ ބެލި މީހުންގެ އަދަދު ސަތޭކަ ދިހަ މިލިއަނަށް ވުރެ މައްޗަށް އަރާފައިވާއިރު، މިއީ އޭނާގެ ކެރިއަރަށް އައި ވަރަށް ބޮޑު ކުރިއެރުމެކެވެ.
މީގެ ކުރިން ފުޓުބޯޅައަށް އެއްވެސް ވަރެއްގެ ޝައުގުވެރިކަމެއް ނުހުންނަ ކޮސްޓްރޮމިޓީނާއަށް، އޭނާއާއި މެންޗެސްޓަރ ސިޓީގެ ހުނަރުވެރި ފޯވާޑާ ހުރި އެއްގޮތްކަން ފުރަތަމަ އަންގައިދިނީ އޭނާގެ ރައްޓެއްސެކެވެ. ފިރިހެން ކުޅުންތެރިއަކާ އޭނާގެ ސިފަ އެއްގޮތްކުރުމުން ފުރަތަމަ އެކަމާ ހިތްހަމަނުޖެހުނު ނަމަވެސް، ފަހުން އޭނާ ވަނީ އެއީ މަޖާ ކަމެއްގެ ގޮތުގައި ބަލައިގަނެފައެވެ.
މިހާރު މި ކަމަކީ އޭނާގެ މޮޑެލިންގ ދާއިރާ އިތުރު ހަރުފަތަކަށް ގެންދިއުމަށް ހުޅުވިގެންދިޔަ ރަނުގެ ފުރުސަތެކެވެ. އޭގެ ނަތީޖާއެއްގެ ގޮތުން ދުނިޔޭގެ ނަންމަޝްހޫރު ގިނަ ބްރޭންޑުތަކަކުން އަންނަނީ އޭނާއާ އެކު މަސައްކަތްކުރަން ބޭނުންވެގެން އެކަން ހުށަހަޅަމުންނެވެ. ކޮސްޓްރޮމިޓީނާ ބޭނުންވަނީ އޭނާ ހަދާފައިވާ ވީޑިއޯތައް ހާލަންޑަށް ފެނި، އެއަށް ތަރުހީބު ލިބުމެވެ. އަދި އޭނާގެ އެންމެ ބޮޑު ހުވަފެނަކީ ހާލަންޑާ އެކު ފޮޓޯއެއް ނެގުމެވެ.
އިންޓަނެޓްގެ ޒަރީއާއިން ލިބުނު ބޮޑު މަގުބޫލުކަމާ އެކު، ކޮސްޓްރޮމިޓީނާ މިހާރު ވަނީ ފުޓުބޯޅަ މެޗުތައް ބެލުމަށް ޝައުގުވެރިވެފައެވެ. އެގޮތުން ވޯލްޑް ކަޕްގައި އޭނާ ތާއީދުކުރާ ޓީމަކަށް ނޯވޭ ވެފައިވާއިރު، އަނަސްތޭސިއާގެ އިތުރުން ވެސް ހާލަންޑާ ސިފަ އެއްގޮތް އެހެން ބައެއް އަންހެނުން ސޯޝަލް މީޑިއާގައި މަޝްހޫރުވެފައިވެއެވެ. މީގެ ކުރިން 1998ވަނަ އަހަރު ފްރާންސްގައި އޮތް ވޯލްޑް ކަޕްގެ ނޮކައުޓް ސްޓޭޖަށް ދަތުރުކުރި ނޯވޭ، މި ފަހަރުގެ މުބާރާތުގެ ކުއާޓަރ ފައިނަލްގައި ނުކުންނާނީ އިންގްލެންޑާ ދެކޮޅަށެވެ.
ކޮމެންޓުތައް (0)
އަދި ކޮމެންޓެއް ނުލިބޭ. ފުރަތަމަ ކޮމެންޓުކޮށްލާ.